Advertisement

ދުންފަތް އޮޅާ ކަރުދާހާއި ފިލްޓަރު މަނާކުރާ ކަމަށް ބުނާ އަޑުތަކާއެކު ދުންފަތް ވިއްކާ ފިހާރަތައް ކައިރި ތޮއްޖެހިއްޖެ

2 ޖަނަވަރީ 2025 - 18:18 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ހުޅުމާލޭގައި ހުންނަ އޯސީސީގެ ފިހާރަ ކައިރިއަށް އާންމުން އެއްވެފައި: ހެލްތުން ކަސްޓަމްސްއަށް ފޮނުވި ސާކިއުލާއާ ގުޅިގެން ގިނަ ބަޔަކަށް ވަނީ އޮޅުންއަރާފައި --- ފޮޓޯ: އެމްވީ ކްރައިސިސް


ދުންފަތް އޮޅާ ކަރުދާހާއި ފިލްޓަރު މަނާކުރާ ކަމަށް ބުނާ އަޑުތަކާއެކު ދުންފަތް ވިއްކާ ފިހާރަތައް ކައިރި ތޮއްޖެހިއްޖެ

2 ޖަނަވަރީ 2025 - 18:18 1

ދުންފަތް އޮޅާ ކަރުދާހާއި ލައްވާ ފިލްޓަރު ފަދަ ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ ތަކެތި މަނާކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އަޑުފެތުރުމާއެކު އެފަދަ ތަކެތި ވިއްކާ ފިހާރަތައް ކައިރީގައި އާންމުން ތޮއްޖެހިއްޖެ އެވެ.

ބައެއް ނޫސްތަކާއި ސޯޝަލް މީޑިއާ އެކައުންޓުތަކުން ހިއްސާކޮށްފައިވަނީ ހެލްތު މިނިސްޓްރީން ކަސްޓަމްސްއަށް ފޮނުވާފައިވާ އެންގުމެއްގެ ކޮޕީ އެކެވެ. މި ފަހުން ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ގާނޫނަށް ގެނައި އިސްލާހު މާނަކޮށް ފޮނުވި ކަމަށް ބުނާ އެ ލިޔުމުގައި ދުންފަތް އަދި ނިކޮޓިން ހިމެނޭ ތަކެތި އެތެރެކުރުން މަނާކުރަން ކަސްޓަމްސްއަށް ވަނީ އަންގާފަ އެވެ.

މި ލިޔުމުގެ ސައްހަކަން، އަދި މިފަދަ ނިންމުމެއް ނިންމާފައިވާކަން މިހާތަނަށް މި ނޫހަށް ކަށަވަރުވެފައެއް ނުވެ އެވެ. ވަޒީރުންނާއި ސަރުކާރުގެ އެކި އޮފިޝަލުން އަދި ކަސްޓަމްސް އިންވެސް މިކަމުގައި ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.

ނަމަވެސް ސޯޝަލް މީޑިއާގައި މި އަޑުތައް ފެތުރުމާއެކު ރާއްޖޭގައި އެންމެ ފުޅާކޮށް ދުންފަތުގެ ބާވަތްތައް ވިއްކާ އޯސީސީ އަދި ރޫޓު ގެ ފިހާރަތައް ކައިރި އާންމުން ވަނީ ކިއޫ ހަދާފަ އެވެ. މިވަގުތު މާލެއަށް މޫސުން ރަނގަޅު ނޫން ނަމަވެސް އާންމުވެފައިވާ ފޮޓޯތަކުގައި ގިނަ ބަޔަކު އެ ފިހާރަތައް ދޮށަށް އެއްވެފައިވާތަން ފެނެ އެވެ.

ގާނޫނު ބަދަލުކޮށް ސިނގިރޭޓުގެ އަގުބޮޑު ކުރުމާއެކު ބާޒާރުގައި ސިނގިރޭޓު ފޮށްޓެއްގެ އަގު ވަނީ 100ރ. އިން 250ރ. އަށް ބޮޑުވެފަ އެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރުމަށް މިހާރު ބޭނުންކުރަނީ ރޯލިން ޓޮބޭކޯ އެވެ. މިއާއެކު ދުންފަތް އޮޅުމަށް ބޭނުންކުރާ ކަރުދާހާއި ފިލްޓަރަށް އޮތް ޑިމާންޑުވެސް ވަނީ މަތިވެފަ އެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ހުށަހެޅީ ދުންފަތުގެ އިސްތިއުމާލުކުރުމާ މީހުން ދުރުކުރުމަށް ކަމަށް ސަރުކާރުންނާއި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުން ވެސް ބުންޏެވެ.

ގާނޫނުތަކަށް ބަދަލުގެންނަން ނިންމެވީ "ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކާ" ކަމަށް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ނަމަވެސް މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ސަރުކާރުން ބުނެފައިވަނީ ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ނިންމީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ހުށަހެޅި ސިޔާސަތެއްގެ ގޮތުގަ އެވެ.

ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3ރ. އިން 8ރ. އަށް މަތިކުރަން ގާނޫނަށް ގެނައި ބަދަލާއެކު އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި އިތުރު 1.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.