މޯލްޑިވްސް އޯޕަން ނަމުގައި ޓޭބަލް ޓެނިސް އިންޓަނޭޝަނަލް މުބާރާތެއް ބާއްވަނީ

2 ޖަނަވަރީ 2025 - 10:52 0


މޯލްޑިވްސް އޯޕަން ނަމުގައި ޓޭބަލް ޓެނިސް އިންޓަނޭޝަނަލް މުބާރާތެއް ބާއްވަނީ

2 ޖަނަވަރީ 2025 - 10:52 0

މޯލްޑިވްސް އޯޕަންގެ ނަމުގައި ޓޭބަލް ޓެނިސް އިންޓަނޭޝަނަލް މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް)ގެ އަހަރީ ކަލަންޑަރުގައި ހިމަނައިފި އެވެ.

އެ ގޮތުން، ޓީޓީއޭއެމް އިން އާންމުކޮށްފައިވާ އެ އެސޯސިއޭޝަންގެ ކަލަންޑަރުގައިވާ ގޮތުން އަންނަ ޖުލައި މަހު 5-12 އަށް މާލޭގައި ޓޭބަލް ޓެނިހުން މުޅިން އަލަށް ބާއްވާ މޯލްޑިވްސް އޯޕަން ޓީޓީ އިންޓަނޭޝަނަލް މުބާރާތް ކުރިއަށްދާނެ އެވެ.

މޯލްޑިވްސް އޯޕަން އިންޓަނޭޝަނަލް މުބާރާތުގެ ކުރިން، ޖޫން މަހުގެ ފަހުކޮޅުގައި ބާއްވާނީ، 2026 ވަނަ އަހަރު، އިނގިރޭސިވިލާތުގެ ލަންޑަނުގައި ކުރިއަށްދާނެ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ދެކުނު އޭޝިއާގެ ކޮލިފައިން އިވެންޓެވެ. ވޯލްޑް ޗެމްޕިއަންޝިޕްގެ ދެކުނު އޭޝިއާގެ ކޮލިފައިން އިވެންޓް ރާއްޖޭގައި އޮންނާނީ، ޖޫން 25-30 އަށެވެ. މިއާ އެކު، ރާއްޖޭގައި ވިއްސަކަށް ދުވަސް ތެރޭ އިންޓަނޭޝަނަލް ރަނގަޅު ލެވަލްގެ މެޗުތަކެއް ކުޅެން ޓީޓީ ކުޅުންތެރިންނަށް ފުރުސަތު ލިބިގެންދާނެ އެވެ.

އަންނަ މެއި މަހު، ސައުތު އޭޝިއާ ޔޫތު ރީޖަނަލް ޗެމްޕިއަންޝިޕް ކުޅެން ނިންމާފައިވާއިރު، އެއީ ވެސް ރާއްޖޭން ވާދަކުރާނެ މުބާރާތެކެވެ. އަދި އޭޝިއަން ޔޫތު ޗެމްޕިއަންޝިޕް، ޓޭބަލް ޓެނިސް އޭޝިއަން ޗެމްޕިއަންޝިޕް، އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަދި ސައުތު އޭޝިއަން ގޭމްސް އަކީ ވެސް ރާއްޖޭގެ ޓީޓީ ކުޅުންތެރިން ފެނިގެންދާނެ މުބާރާތްތަކެވެ.

ގައުމީ ޓީޓީ މުބާރާތް އޮގަސްޓް މަހު ކުޅޭއިރު، އޮކްޓޫބަރު މަހު އެސޯސިއޭޝަން ޗެމްޕިއަންޝިޕް ކުރިއަށްދާނެ އެވެ. ކުރިއެކޭ ވެސް އެއްގޮތަށް ގައުމީ ރޭންކިން ކަނޑައެޅުން، މި އަހަރުގެ ހަތަރު ކުއާޓާގައި ވެސް ކުރިއަށްދާނެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދަން ކަނޑައަޅާފައިވާ ޓީޓީ ހަރަކާތްތަކުގެ ތެރޭގައި، އައްޑޫ ސިޓީގައި ބާއްވާ ބޭސިކް އަމްޕަޔަރު ކޯހާއި ފުވައްމުލަކު ސިޓީ، ކ. ތުލުސްދޫ، ކުޅުދުއްފުށި ސިޓީ، ޅ. ނައިފަރު، އއ. އުކުޅަސް، ރ. އުނގޫފާރު އަދި ތ. ތިމަރަފުށީގައި ކުރިއަށްގެންދާ އަމްޕަޔަރުކަމާއި ކޯޗިން ކޯސް އަދި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިމެނެ އެވެ.