29 ޑިސެންބަރު 2024 - 16:19 0
29 ޑިސެންބަރު 2024 - 16:19 0
އެކުވެރިކަމުގެ ދެ މެޗުގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅެން އިންޑިއާ އިން ނެގި ސްކޮޑުގައި އެ ޓީމުގެ އާ ކޯޗު ސްވިޑެންގެ ޖޮއަކިމް އަލެކްސަންޑަސަން ޒުވާން ގިނަ ކުޅުންތެރިންތަކެއް ހިމަނައިފަ އެވެ.
ބެންގަލޫރުގައި ކުޅޭ މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ކުޅޭނީ މާދަމާ އެވެ. އަދި ދެ ވަނަ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
ދުނިޔޭގެ އަންހެން ފުޓްބޯޅައިގެ ރޭންކިންގެ 69 ވަނައިގައި އޮތް އިންޑިއާ އާއި 163 ވަނައިގައި އޮތް ރާއްޖޭގެ މި ދެ މެޗަކީ، މި އަހަރު ނޭޕާލުގައި ކުރިއަށްދިޔަ ސާފް ވިމެންސް ޗެމްޕިއަންޝިޕަށް ފަހު، އިންޑިއާ އާއި ރާއްޖޭން ކުޅޭނެ ފުރަތަމަ މެޗުތަކެވެ.
އިންޑިއާގެ އަންހެން ފުޓްބޯޅައިގެ އިސް ފަރާތަކަށް މި މަހު ކުރީކޮޅުގައި ހަމަޖެއްސި، އަލެކްސަންޑަސަން، ރާއްޖެއާ ދެކޮޅަށް ކުޅެން ނެގި ސްކޮޑުގައި ވަނީ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ.
"ސީނިއާ ކުޅުންތެރިންތަކެއް ވެސް ޓީމާ އެބަގުޅޭ. އެކަމަކު، ޖުމްލަކޮށް މި ފަހަރުގެ ސްކޮޑުގައި މި ހިމެނެނީ، 20 އަހަރުން ދަށުގެ ގިނަ ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިން ހިމެނޭ ގޮތަށް މަސްހުނި ސްކޮޑަކުން ވަރުގަދަ ޓީމެއް." އަލެކްސަންޑަސަން ބުންޏެވެ.
"މާދަމާގެ މެޗުގައި އާ ކަމެއް އިމްޕްލިމެންޓްކޮށް، އިންޑިއާގެ އަންހެން ފުޓްބޯޅަ އަށް ރަނގަޅު ކަންތައްތަކެއް ފެށެތޯ މި ފުރުސަތުގެ ބޭނުންހިފަންޖެހޭ. މި ގައުމުގެ އެންމެ ވަރުގަދަ ކުޅުންތެރިންނާ އެކު މަސައްކަތްކޮށްލަން ހިތްހަމަޖެހޭ،"
އިންޑިއާ އިން އަލެކްސަންޑަސަން ހަމަޖެއްސީ 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސް އާއި އެ އަހަރުގެ ވިމެންސް އޭޝިއާ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރެން ޓާގެޓްކޮށްފަ އެވެ.
އަންހެން ފުޓްބޯޅައިގައި އިންޑިއާ އާއި ރާއްޖެ ވަނީ ހަ ފަަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން ފަސް މެޗުން އިންޑިއާ މޮޅުވިއިރު، އެއް މެޗު ވަނީ އެއްވަރުވެފަ އެވެ. އެ ގޮތުން، 0-0 އިން އެއްވަރުވި މެޗަކީ 2016 ވަނަ އަހަރު، އިންޑިއާގެ ޝިލޯންފައި ކުޅުނު ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓްގައި، މި ދެ ޓީމު ބައްދަލުކުރި މެޗެވެ.
ރާއްޖޭގެ ގައުމީ އަންހެން ޓީމުން، މި ފަހަރު ފުރަތަމަ ކުޅެން މަސައްކަތްކުރީ ސްރީ ލަންކާއާ ނަމަވެސް ފަހުން ކަންތައްތައް ދިމާވި ގޮތުން ލަންކާއާ ކުޅެވޭގޮތްނުވި އެވެ. އެހެންވެ، މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި ކުޅޭ ގައުމީ އަންހެން ޓީމުން އިންޑިއާއާ އެކު ކުޅެން މި ލިބުނު މެޗުތަކުގެ ފުރުސަތުގެ ބޭނުންހިފީ އެވެ.
Comment