Advertisement

އަންހެނެއްގެ ރަން ފަށް ފޭރުނު މީހާ ކުށަށް އިއުތިރާފުވެ، ބަދަލު ދޭން އެއްބަސްވެއްޖެ

29 ޑިސެންބަރު 2024 - 11:34 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަންހެނެއްގެ ރަން ފަށް ފޭރުނު މީހާ: އޭނާ ވަނީ ކުށަށް އިއުތިރާރުވެ، ގެއްލުމުގެ ބަދަލު ދޭން އެއްބަސްވެފައި -- ފޮޓޯ: ފުލުހުން


އަންހެނެއްގެ ރަން ފަށް ފޭރުނު މީހާ ކުށަށް އިއުތިރާފުވެ، ބަދަލު ދޭން އެއްބަސްވެއްޖެ

29 ޑިސެންބަރު 2024 - 11:34 1

ޑިސެމްބަރު 19، ގައި މާލޭ އަލިކިލެގެފާނު މަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރުނު މީހާ ކުށަށް އިއުތިރާފުވެ، ބަދަލު ދޭން އެއްބަސްވެއްޖެ އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ވ. ފިޔަބަރި، ހަސަން އިސާމު، 30، ކޯޓަށް ހާޒިރު ކުރުމުން ބުނީ އޭނާ ފޭރުނު ފަށް މިހާރު އަތުގައި ނެތް ކަމަށެވެ. ނަމަވެސް ފަށަށް ބަދަލު ދޭން ތައްޔާރަށް ހުރި ކަމަށް ވަނީ ބުނެފަ އެވެ.

"ކުށަށް އިއުތިރާފުވާ ކަމަށް މީނާ ބުނޭ. ރަން ފަށް ފޭރުނު ކަމަށް ބުނި ނަމަވެސް، މީނާ އަތުގައި އެ ފަށް ނެތް ކަމަށާއި މީނާ މި މައްސަލައިގައި އައިއޯއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވޭ. އަދި ގެއްލުން ލިބުނު ފަރާތްތަށް ބަދަލު ދޭން ތައްޔާރަށް ހުރި ކަމަށް މީނާގެ ފަރާތުން ބުނޭ،" ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

މައްސަލައާ ގުޅިގެން އޭނާގެ ބަންދުގެ މުއްދަތަށް އިތުރު 15 ދުވަސް ވަނީ އިއްޔެ ކްރިމިނަލް ކޯޓުން ޖަހައިދީފަ އެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ގިނަ އަދަދެއްގެ ކުށުގެ ރެކޯޑު އޮވެ އެވެ. އަދި އޭނާ ހައްޔަރުކުރީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ވެސް ވަނީ ކަނޑައަޅާފަ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުން ހެލްމެޓު އަޅައިގެން ހުރެ ފަށް ޖަހައިގަންނަން އުޅުނީ އަންހެން މީހާ ދުއްވާފައި ދިޔަ ސައިކަލުގެ ފަހަތުން އެހެން ސައިކަލެއްގައި އައިސް އަންހެން މީހާއާ އަރާހަމަކުރުމަށްފަހު އެވެ.

އަދި ފަށް ޖަހައިގަތުމަށްފަހު އަންހެން މީހާގެ ދަބަސް ވެސް ޖަހައިގަންނަން އެ މީހާ މަސައްކަތް ކުރި ނަމަވެސް، އަންހެން މީހާގެ ހުށިޔާރުކަމުން އެކަން ކާމިޔާބު ކުރެވޭ ގޮތް ނުވި އެވެ.

ފޭރެން އުޅުނު މީހާ ހެލްމެޓު ނަގައިގެން ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ.