about 12 hours 0
about 12 hours 0
ރާއްޖޭގައި ކުރިއަށްދިޔަ އޭޝިއަން ޓެނިސް ފެޑެރޭޝަން (އޭޓީއެފް)ގެ ޖޫނިއާ ދެ މުބާރާތުގެ ވެސް ޗެމްޕިއަންކަން ހޯދައި، ގައުމީ ޓެނިސް ޓީމުގެ ތަރި، އާރާ އާސާލް އާޒިމް ތާރީހުން ޖާގަ ހޯދައިފި އެވެ.
މާލޭ ޓެނިސް ކޯޓުގައި ފާއިތުވި 12 ވަރަކަށް ދުވަސް ތެރޭގައި ވަނީ އޭޓީއެފްގެ ޖޫނިއާ ދެ މުބާރާތް ކަމަށްވާ އޭޓީއެފް މޯލްޑިވްސް އޯޕަން އާއި އޭޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން (16 އަހަރުން ދަށުގެ ދެ މުބާރާތް) ހޯސްޓްކޮށްފަ އެވެ.
މި ލެވަލް ދެ މުބާރާތް ގާތްގާތުގައި ބޭއްވިއިރު، އެންމެ ވިދުންގަދަ ކޮށް ފެނުނީ، އާރާ އެވެ. މިއީ މި ލެވަލްގެ މުބާރާތެއްގައި ރާއްޖޭގެ ޖޫނިއާ ކުޅުންތެރިއެއްގެ އެންމެ ރަނގަޅު ކާމިޔާބެވެ.
އެ ގޮތުން، އާރާ ވަނީ ދެ މުބާރާތުގެ ވެސް އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ. ފުރަތަަމަ މުބާރާތުގެ ފައިނަލުގައި، ރާއްޖޭގެ ނަޔާރާ އުސާމާ އަލީއާ ކުޅެގެން އާރާ މޮޅުވީ، 6-0، 6-4 އިންނެވެ. ދެ ވަނަ މުބާރާތުގެ ފައިނަލުގައި މިއަދު ހެނދުނު ކުޅުނު މެޗުން އާރާ ވަނީ، ހޮންގް ކޮންގްގެ ހުއި ލަމް އެލާ ވޯންގްއާ ކުޅެގެން މޮޅުވެފަ އެވެ.
ވިއްސާރައިގެ ސަބަބުން ފަސްކުރަން ޖެހުނު މެޗު މިއަދު ކުޅުނުއިރު ވެސް އާރާ ވަނީ ރަނގަޅު ފޯމު ދަމަހައްޓައިފަ އެވެ. އާރާ މި މެޗުގެ ސެޓުތައް ގެންދިޔައީ، 6-2، 6-3 އިންނެވެ.
ރާއްޖޭގެ ގައުމީ ސިންގަލްސްގެ ޗެމްޕިއަންކަން ވެސް ހޯދައި، މިދިޔަ އަހަރު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި، އާރާ ވަނީ އޭޓީއެފްގެ ފުރަތަަމަ މުބާރާތުގެ ޑަބަލްސް ބައިން ޗެމްޕިއަންކަން ހޯދައިފަ އެވެ. އާރާ އާއި ނަޔާރާގެ ޕެއާ އިން، ފައިނަލުގައި އާރާ އާއި ނަޔާރާގެ ޕެއާ އިން ނުކުތީ، ރާއްޖޭގެ އައިޝަތު ކެރީން ސައިޒާން އާއި ހޮންގް ކޮންގްގެ ހިއު ލަމް އެލާ ވޮންގްގެ ޕެއާއާ ދެކޮޅަށެވެ. އާރާ އާއި ނަޔާރާގެ ޕެއާ އިން މި މެޗުގެ ސެޓުތައް ގެންދިޔައީ، 6-3، 6-4 އިންނެވެ.
އޭޓީއެފް ދެ ވަނަ މުބާރާތުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ރާއްޖޭގެ ކެރީން އާއި ކަޒަކްސްތާންގެ އަރްޒާން ބަޔަލީނާގެ ޕެއާ އިންނެވެ. އެ ޕެއާ އިން ފައިނަލުގައި، ރާއްޖޭގެ އައިޝަތު ލިވިއާ ކަތީރު އާއި ނީމް އަހުމަދު ސަލީމްގެ ޕެއާ ބަލިކޮށްގެންނެވެ. ސެޓުތައް ގެންދިޔައީ، 6-1، 6-2 އިންނެވެ.
Comment