Advertisement

އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދަނީ

14 ޑިސެންބަރު 2024 - 13:54 1

އަމަން ހަލީމް

އަމަން ހަލީމް

ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގްރީން ބިލްޑިންގައި ރޯވެފައި: މި ހާދިސާގައި ތިން މިނިސްޓްރީއެއްގެ މަސައްކަތް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައި -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދަނީ

14 ޑިސެންބަރު 2024 - 13:54 1

ތިން މިނިސްޓްރީއެއް ހުންނަ އިމާރާތްތައް އަނދައި އަޅިއަށްވި އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ ފަންނީ އެހީތެރިކަން ހޯދަން ނިންމާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ސުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސީޕީ ސުޖާއު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގި ގޮތް ދެނެގަތުމުގެ ތަހުގީގު ކުރިއަށްދާ ކަމަށާއި، ފުރިހަމަ ތަހުގީގެއް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"... އަޅުގަނޑު ފާހަގަކޮށްލަން މި ތަހުގީގުގައި އަޅުގަނޑުމެން ރާއްޖެއިން ބޭރުގެ ޓީމެއްގެ އެހީތެރިކަން ހޯދާނަން. އަދި އެކަން ވީހާ ވެސް އަވަހަކަށް، ކުރިއަށް މިއޮތް ދެ ތިން ދުވަހެއްގެ ތެރޭގައި އެ ޓީމު އަޅުގަނޑުމެންގެ އިންވެސްޓިގޭޝަން ޓީމާއެކީ މަސައްކަތް ކުރެވޭނެ މިންވަރަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް އެބަ ކުރަން،" ސުޖާއު ވިދާޅުވި އެވެ.

"ބޭނުމަކީ މި ވަރު ބޮޑު އަލިފާނުގެ ހާދިސާއެއް އެ ހިނގި ގޮތް ރައްޔިތުންނަށް ވެސް އެނގެން ބޭނުންވާނެ. އަދި ހަމަ އެއާއެއްކޮށް ކުރިއަށް އޮތް ތަނުގައި މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ޓަކައި ވެސް މި ގޮތަށް ހިންގޭ ތަހުގީގުތަކުން ލިބޭ މައުލޫމާތަކީ މުހިންމު މައުލޫމާތަކަށް ވާނެތީވެ އެކަން އަޅުގަނޑުމެން ކުރާނަން،"

ފުލުހުން މި ވަގުތު ކުރަމުންދާ ބައެއް މަސައްކަތްތަކުގެ ތަފުސީލު ހިއްސާކުރައްވަމުން ސީޕީ ވިދާޅުވީ އެ ސަރަހައްދުގައި ފުލުހުންގެ ފޮރެންސިކް ޓީމުތަކުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަންނަން ސީސީޓީވީ ފުޓޭޖުތައް ހޯދައި އެ ވީޑިއޯތައް އެނަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ހަމަ އެހެންމެ، ހާދިސާގެ މަންޒަރު އެންމެ ފުރަތަމަ ފެނުނު މީހުންގެ ބަޔާން ނެގުމުގެ މަސައްކަތާއި ހާދިސާ ހިނގި ވަގުތު އެ ތަނުގައި ތިބި މީހުންގެ ބަޔާން ނެގުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ސުޖާއު ވިދާޅުވި އެވެ. އަދި މި ހާދިސާއާ ގުޅޭ މައުލޫމާތު ތިބި މީހުން އެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އަނދާ އަޅިއަށްވީ ކޮންސްޓްރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ ހުންނަ އިމާރާތާއި އެންވަޔަރަމެންޓު މިނިސްޓްރީ ހުންނަ ގްރީން ބިލްޑިން އެވެ.