10 ޑިސެންބަރު 2024 - 16:03 0
ލީވާން އަލީ ނާސިރު
ފިނޭންސް މިނިސްޓްރީ: ހުކުމަކަށް ދައްކަން ޖެހޭ ފައިސާ ފިނޭންސަށް ޖަމާ ކުރުމުން ވަނީ ބޭނުން ކޮށްފައި -- ފޮޓޯ: އަދަދު ފައިލް
10 ޑިސެންބަރު 2024 - 16:03 0
ފެނަކަ ކޯޕަރޭޝަނުން ކޭބަލް ޝޮޕަށް ދައްކަން ޖެހޭ 9.68 މިލިއަން ރުފިޔާގެ ތެރެއިން 5.36 މިލިއަން ރުފިޔާ ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައި ނުވާތީ، އެ ފައިސާ ކޭބަލް ޝޮޕަށް ދައްކަން ފެނަކައިގެ އެކައުންޓުން ނަގައި ފިނޭންސްގެ އެކައުންޓަށް ޖަމާ ކުރުމުން ބޭނުން ކޮށްފި އެވެ.
ފަރުދުންގެ ވިޔަފާރިއެއް ގޮތުގައި ރަޖިސްޓާ ކޮށްފައިވާ ކޭބަލް ޝޮޕްގެ ވެރިފަރާތް މުހައްމަދު ޝާމިން "އަދަދު" އަށް މައުލޫމާތު ދެމުން ބުނީ އެ ފައިސާ ފިނޭންސްގެ އެކައުންޓަށް މިދިޔަ ނޮވެމްބަރު 13، ގައި ޖަމާ ކުރުމުން، ދައުލަތުގެ ކޭޝްފްލޯގެ ތާށިކަން އުޅޭތީ ބޭނުން ކޮށްފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ.
"ފައިސާ ފިނޭންސްގެ އެކައުންޓަށް ނޮވެމްބަރު 13، ގައި ޖަމާކޮށް ކޭބަލް ޝޮޕަށް ދޫކުރަން އެންގީ. އެކަމަކު ފައިސާ ދޫކުރަން ޖެހޭ 14 ދުވަހުގެ މުއްދަތު ހަމަވުމުން ގުޅީމަ ބުނީ ކޭޝްފްލޯ ތާށިވެގެން އެ ފައިސާ ބޭނުން ކުރެވިފައިވާ ކަމަށް،" އޭނާ ބުންޏެވެ.
ޝާމިން ބުނީ ވިޔަފާރިތަކަށް ލިބެން ޖެހޭ ފައިސާ ފިނޭންސުން އެގޮތަށް ބޭނުން ކުރުމުން، ފައިސާތައް ނުލިބި ދިގުލައިގެން ދިޔުމުން ގެއްލުންވާ ކަމަށެވެ.
ޝާމިން އެހެން ބުނި ނަމަވެސް ފިނޭންސް މިނިސްޓްރީން އެކަން ދޮގު ކުރެ އެވެ.
ފެނަކަ ކޯޕަރޭޝަނަށް ސަޕްލައި ކޮށްފައިވާ މުދަލުގެ އަގުގެ ގޮތުގައި ދައްކަން ޖެހޭ 9.68 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ ފެބްރުއަރީ 9، އިން ފެށިގެން 30 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރަން ޖެހޭ ފައިސާ އެވެ.
ނަމަވެސް, އެ ފައިސާ ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ އޯގަސްޓް 22، ގައި ހުކުމާ އެއްގޮތަށް ފައިސާ ދެއްކުމަށް ފެނަކައިގެ މައްޗަށް ނެރުނު އަމުރުގައި ވަނީ މިދިޔަ ސެޕްޓެމްބަރު 23، ގެ ކުރިން އެ ފައިސާ ދައްކާ ހަލާސް ކުރުމަށް އަންގާފަ އެވެ. .
ސިވިލް ކޯޓުން ވަނީ އެ ފައިސާ ކޭބަލް ޝޮޕަށް ދައްކައި ހަލާސް ކުރުމަށް މިދިޔަ ނޮވެމްބަރު 13، ގައި ފިނޭންސަށް އަމުރު ކުރި އެވެ. އެކަމަކު އެ އަމުރާ އެއްގޮތަށް މިހާތަނަށް ވެސް ފިނޭންސުން ފައިސާ ދޫނުކުރެ އެވެ.
"އަދަދު" އަށް އެންގިފައިވާ ގޮތުގައި ގިނަ މައްސަލަތަކެއްގައި ފައިސާ ދޫކުރަން ފިނޭންސްގެ މައްޗަށް އަމުރު ކޮށްފައި އޮތް ނަމަވެސް، ބައެއް މައްސަލަތަކުގައި މިހާތަނަށް އަމުރާ އެއްގޮތަށް ފުނޭންސުން ފައިސާ ދޫނުކުރާ ކަމަށް މައުލޫމާތު ލިބެ އެވެ.
Comment