9 ޑިސެންބަރު 2024 - 06:41 0
9 ޑިސެންބަރު 2024 - 06:41 0
ލަންޑަން (ޑިސެމްބަރު 9) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލާއި ފުލަމް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ޓޮޓެންހަމް ހޮޓްސްޕާސް އިން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ޗެލްސީން ފަހަތުން އަރައި 4-3 އިން މޮޅުވެއްޖެ އެވެ.
ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލުން މި ހަފްތާގައި ކުޅެން އޮތް މެޗު ޖެހުނީ މޫސުން ގޯސްވެ، ތޫފާނެއްގެ އިންޒާރަކާ އެކު، ފަސްކޮށްފަ އެވެ. އެހެންވެ، އެއް ވަނައިގައި އޮތް ލިވަޕޫލްގެ ލީޑުކުޑަކުރުމުގެ ފުރުސަތު އާސެނަލާއި ޗެލްސީ އަށް އޮތެވެ.
މި ވަގުތު އެއް ވަނައިގައި ލިވަޕޫލް އޮތީ 14 މެޗުން 35 ޕޮއިންޓާ އެކު އެވެ. ޗެލްސީ އަށް 15 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް ތިން ވަނައިގައި އޮތީ، 15 މެޗުން 29 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަށް 15 މެޗުން ވަނީ 27 ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ފުލަމް އިން ވަނީ އާސެނަލް ކޮޅަށް ކުރި ފުރަތަމަ ރަނގަޅު އެޓޭކުގައ ލަނޑު ޖަހައިފަ އެެވެ. މި ލަނޑު ޖެހި ރައުލް ހިމެނޭޒް އެވެ. އާސެނަލުން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ވަނީ ކޯނަރެއްގައި ތަނަވަސްކުރި ފުރުސަތަކުން ވިލިއަމް ސަލީބާ ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ.
މެޗުގެ ފަހު ވަގުތު އާސެނަލްގެ ބުކާޔޯ ސަކާ ބޮލުން ގޯލެއް ޖަހައި އެ ޓީމަށް ލީޑުނަގައިދިން ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، ސަކާ ގޯލު ޖަހަން ހުރަސް ނަގައިދިން ބޯޅަ ލިބުނުއިރު، ގަބްރިއެލް މާޓިނެލީ ހުރީ އޮފްސައިޑްގަ އެވެ. އެހެންވެ، ނިންމީ އެ ގޯލު ބަލައިނުގަންނާށެެވެ.
ޗެލްސީ ކޮޅަށް ޓޮޓެންހަމް އިން ފުރަތަމަ ދެ ގޯލު ޖެހި އެވެ. ފުރަތަމަ ލަނޑު ޖެހީ ޑޮމިނިކް ސޮލާންކޭ އެވެ. އަދި އޭގެ ފަހުން، ޑޭޖާން ކުލުސެވްސްކީ ވަނީ ޓޮޓެންހަމްގެ ލީޑުފުޅާކޮށްދީފަ އެވެ. ޓޮޓެންހަމް އިން ދެ ވަނަ ގޯލު ޖެހިތާ ލަސްތަކެއް ނުވެ، އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ޗެލްސީގެ ފުރަތަމަ ލަނޑު ޖެހީ، ޖޭޑަން ސަންޗޯ އެވެ.
ކޯލް ޕާމާގެ ޕެނަލްޓީން ޗެލްސީން ނަތީޖާ ހަމަހަމަކުރިއިރު، އެ ޓީމުން ލީޑުނެގީ ކެޕްޓަން، އެންޒޯ ފެނާންޑޭޒް ޖެހި ގޯލުންނެވެ. އަދި ޕާމާ ވަނީ އިތުރު ޕެނަލްޓީއެއް ޖަހައި، ޗެލްސީގެ ލީޑުފުޅާކޮށްދީފަ އެވެ. އިތުރު ވަގުތުގައި ޓޮޓެންހަމްގެ ސޮން ހެއުން މިން ގޯލެއް ޖެހި ނަމަވެސް އަދި އިތުރު ލަނޑެއް ޖަހައި އެއްވަރުކޮށްލަން ފުރުސަތެއް ނުލިބުނެވެ.
ރޫޑް ވެން ނިސްޓެލްރޫއީ ކޯޗުކޮށްދޭ ލެސްޓާ ސިޓީން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ފަހަތުން އަރައި 2-2 އިން ބްރައިޓަންއާ އެއްވަރުކޮށްފަ އެވެ.
Comment