Advertisement

ދަތުރުތަކަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް 16.7 މިލިއަން ހަރަދުކޮށްފި

8 ޑިސެންބަރު 2024 - 11:24 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އެކުވެރި އަރަބި އިމާރާތައް ކުރެއްވި ރަސްމީ ދަތުރެއްގައި ރައީސް ފުރާވަޑައިގަންނަވަނީ : މި އަހަރު ދަތުރުތަކަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް 16.7 މިލިއަން ވަނީ ހަރަދުކޮށްފަ --- ފޮޓޯ: ރައީސް އޮފީސް


ދަތުރުތަކަށް ކަނޑައެޅި ބަޖެޓަށްވުރެ އިތުރަށް 16.7 މިލިއަން ހަރަދުކޮށްފި

8 ޑިސެންބަރު 2024 - 11:24 0

ރަސްމީ ދަތުރުފަތުރުކުރުމަށް މި އަހަރަށް ފާސްކުރި ބަޖެޓުގައި ކަނޑައަޅާފައި އަދަދަށްވުރެ 16.7 މިލިއަން އިތުރަށް ހަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ބޮޑު މެދުކެނޑުމަކަށް ފަހު ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އަނެއްކާވެސް އާންމުކުރަން ފަށާފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު 28، ގެ ނިޔަލަށް ދަތުރުފަތުރަށް ހޭދަކޮށްފައިވަނީ ޖުމްލަ 245 މިލިއަން ރުފިޔާ އެވެ.

ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކުރި ބަޖެޓުގައި ދަތުރުފަތުރަށް ކަނޑައަޅާފައި އޮތީ 228.3 މިލިއަން ރުފިޔާ އެވެ. އޭގެތެރޭގައި ބޭރު ދަތުރުތަކަށް ކަނޑައަޅާ 69 މިލިއަން ރުފިޔާ، ރާއްޖޭގެ އެތެރޭގެ ދަތުރުތަކަށް 53 މިލިއަން އަދި ކަނޑުގެ ދަތުރުތަކަށް 44 މިލިއަން ހިމަނާފައިވެ އެވެ.

މި އަހަރު މަޖިލީހުން ފާސްކުރީ ފަސް ބިލިއަނުގެ ސަޕްލިމެންޓަރީ ބަޖެޓުގައި ވެސް ދަތުރުފަތުރަށް އިތުރު ފައިސާއެއް ހިމަނާފައި ނުވެ އެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ބަޖެޓުގައި ކަނޑައަޅާފައި އޮތް އަދަދަށްވުރެ މި އަހަރު ނޮވެމްބަރު 28، އާ ހަމައަށް 16.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މި އަހަރު ކުރި ރަސްމީ ދަތުރުތަކުގެ ތެރޭގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލިސް އިންތިހާބާ ދިމާކޮށް ރާއްޖޭގެ ގިނަ އަތޮޅުތަކަކަށް ދަތުރުކުރައްވާފަ އެވެ. މިވަގުތުވެސް އެމަނިކުފާނު ހުންނެވީ ދަތުރެއްގައި އއ. އަތޮޅުގަ އެވެ.

އޭގެއިތުރުން، އެމަނިކުފާނު ވަނީ ރާއްޖޭން ބޭރަށް ވެސް ގިނަ ދަތުރުތަކެއް ކުރައްވާފަ އެވެ. އޭގެތެރޭގައި ޗައިނާ، އެމެރިކާ، އިންޑިއާ، އެކުވެރި އަރަބި އިމާރާތް، ސައުދީ އަރަބިއާ، އަޒަރުބައިޖާން އަދި އެންޓީގާ އެންޑް ބާބިޔުޑާ އަށްވެސް އެމަނިކުފާނު ވަނީ ވަޑައިގެންފަ އެވެ.

ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ވަނީ އެތެރޭގެ އަދި ބޭރުގެ ރަސްމީ ދަތުރުތަކެއް ކުރައްވާފަ އެވެ.