Advertisement

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެތެރޭގެ ބާޒަރުން ދަރަންޏަށް 11 ބިލިއަން ރުފިޔާ ނަގައިފި

6 ޑިސެންބަރު 2024 - 18:59 1

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ޓީ-ބިލާއި ބޮންޑުތައް ވިއްކަނީ މި ވުޒާރާގެ ބެލުމުގެ ދަށުން -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެތެރޭގެ ބާޒަރުން ދަރަންޏަށް 11 ބިލިއަން ރުފިޔާ ނަގައިފި

6 ޑިސެންބަރު 2024 - 18:59 1

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެތެރޭގެ ބާޒާރުން 11 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ދަރަނި ނަގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުތަކުގައި ހުރި މައުލޫމާތު އަޅާކިޔާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު 20، ގެ ނިޔަލަށް އެތެރެ އާއި ބޭރުގެ ބާޒާރުގެ ވިއްކާފައިވާ ޓްރެޝަރީ ބިލުތައް (ޓީ-ބިލު) އާއި ބޮންޑުތަކަށް ސަރުކާރުން ދައްކަން ޖެހޭ ޖުމްލައަކީ 77.3 ބިލިއަން ރުފިޔާ އެވެ. އެކަމަކު މިދިޔަ މަހުގެ 18، އާ ހަމައަށް މި އަދަދު ވަނީ 88.8 ބިލިއަން ރުފިޔާއަށް އަރާފަ އެވެ.

މި މުއްދަތުގެ ތެރޭގައި ދަރަނީގެ ގޮތުގައި އިތުރުވީ ފައިސާގެ 99 ޕަސެންޓަކީ އެތެރޭގެ ބާޒާރުން ނެގި ދަރަންޏެވެ. އެއީ 11.4 ބިލިއަން ރުފިޔާ އެވެ.

އެންމެ ބޮޑު އިތުރުވުމެއް އައީ ދިވެހި ފައިސާއިން ވިއްކި ޓީ-ބިލުތަކާއި ބޮންޑުތަކަށެވެ. އަހަރެއްގެ ތެރޭގައި ދިވެހި ފައިސާގެ ޓީ-ބިލު ދަރަނި 3.8 ބިލިއަން ރުފިޔާ އިތުރުވެފައިވާއިރު، ދިވެހި ފައިސާ ބޮންޑު ދަރަނި ވަނީ 3.6 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. އޭގެ އިތުރުން އިސްލާމިކް އިންސްޓްރޫމަންޓްސްގެ ގޮތުގައި ދިވެހި ރުފިޔާއިން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އެތެރޭގެ ބާޒާރުން ހޯދާފައިވެ އެވެ.

ޑޮލަރުން ވިއްކި ޓީ-ބިލުތަކާއި ބޮންޑުތަކަށް ބަލާއިރު، އަހަރެއްގެ ތެރޭގައި 2.9 ބިލިއަން ރުފިޔާ ދަރަންޏަށް އިތުރުވެފައިވެ އެވެ. އެއީ ޑޮލަރުން ބަލާއިރު، 189 މިލިއަން ޑޮލަރެވެ. ޑޮލަރުން ހޯދި ފައިސާގެ ތެރެއިން ބޮޑު ބަޔަކީ 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކޮމާޝަލް ބޭންކުތަކުން ނަގާފައި ހުރި ފައިސާ އެވެ.

މި ވޭތުވި އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރަށް ވިއްކާފައިވާ ސެކިއުރިޓީތަކުގެ އަދަދަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. އެ ގޮތުން އަހަރު ދުވަހުގެ މުއްދަތަށް ބަލާއިރު، ބޭރުގެ ބާޒާރަށް ވިއްކާފައިވާ ބޮންޑުތަކާއި ސުކޫކުތަކުގެ ގޮތުގައި އަދާކުރަން ދަރަންޏަށް އިތުރުވީ 12 މިިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮންޑަށް އަދާކުރަން ޖެހޭ 1.5 ބިލިއަން ރުފިޔާ އާއި ސުކޫކަށް އަދާކުރަން ޖެހޭ 7.6 ބިލިއަން ރުފިޔާ އެވެ.

އެތެރޭގެ ބާޒާރުން ދަަރަނި ނެގުން އިތުރުވެފައިވާއިރު، މިއީ ބަޖެޓަށް ލަފާދޭ ދެ އިދާރާ ކަމުގައިވާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި އޮޑިޓާ ޖެނެރަލް އޮފީހުން ވެސް ކަންބޮޑުވާ މައްސަލައެކެވެ. އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އެ ދެ އިދާރާއިން ވެސް ފާހަގަކުރަނީ އެތެރޭގެ ބާޒާރުން ދަރަނި ނަގަމުން ދިޔުމާއެކީ، ކޮމާޝަލް ބޭންކުތަކުން ދައުލަތަށް އޮންނަ އެކްސްޕޯޝާ ބޮޑުވުމެވެ.

ބޭންކުތަކުގެ އެކްސްޕޯޝާ ބޮޑުވުމުން ވިޔަފާރިތަކަށް ދަރަންޏަށް ދޫކުރަން ހުންނަ ފައިސާ މާލީ ނިޒާމުގެ ތެރެއިން މަދުވެ އެވެ. އަދި މީގެ ނުރަނގަޅު އަސަރު އިގުތިސޯދަށް ކުރެ އެވެ. ފާހަގަކޮށްލަން ޖެހޭ ގޮތުގައި މިއީ ފާސްކުރި ބަޖެޓުގައި އެތެރޭގެ ބާޒާރުން ފައިނޭންސް ކުރަން ބުނި ވަރަށް ވުރެ ބޮޑު އަދަދެކެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބޮރޮއިން ޕްލޭންގައިވާ ގޮތުގައި މި އަހަަރުގެ ތެރޭގައި އެތެރޭގެ ބާޒާރުން ހޯދަން ރޭވީ 3.9 ބިލިއަން ރުފިޔާ އެވެ.