Advertisement

މަޔޯކާ ބަލިކޮށް ބާސެލޯނާ އަށް ހަމަޖެހުމެއް

about 21 hours 0


މަޔޯކާ ބަލިކޮށް ބާސެލޯނާ އަށް ހަމަޖެހުމެއް

about 21 hours 0

ބާސެލޯނާ (ޑިސެމްބަރު 4) - ސްޕެނިޝް ލީގުގައި ރޭ މަޔޯކާ އަތުން 5-1 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އިން ހަމަޖެހުމެއް ހޯދައިފި އެވެ.

މިއީ އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ބާސެލޯނާ މޮޅުވި ފުރަތަމަ މެޗެވެ.

ރޭގެ މެޗުން މޮޅުވެ، ބާސެލޯނާ ވަނީ، އިތުރަށް ދެ މެޗު ކުޅެ، ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ބާސެލޯނާ އަށް 16 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވަނީ 14 މެޗުން 33 ޕޮއިންޓް ލިބިފަ އެވެ.

މަޔޯކާ ދަނޑުގައި ރޭ ކުޅުުނު މެޗު ފަށައިގެން 12 މިނިޓް ތެރޭ ބާސެލޯނާ އަށް ލީޑުނަގައިދިނީ ގިނަ ދުވަސްތަކަކަށް ފަހު ފުރަތަމަ އެގާރައިގައި ކުޅުުނު ފެރާން ޓޮރޭޒް އެވެ. ޓޮރޭޒަށް ފުރުސަތު ދިނީ، ފިޓްނަސް މައްސަލައެއްގައި ފުރަތަމަ އެގާރައިން ބާކީވި، ރޮބަޓް ލެވަންޑޯސްކީގެ ބަދަލުގަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން، މަޔޯކާ އިން ވަނީ އެއްވަރުކޮށްފަ އެވެ. މެޗުގެ 43 ވަނަ މިނިޓްގައި ބާސެލޯނާގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ވޭދާތު މުރީގީ ވަނީ ގޯލަަށް ބޯޅަ ފޮނުވާލައިފަ އެވެ.

ބާސެލޯނާ މޮޅުވީ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކާ އެކު އެވެ. އެ ގޮތުން އެ ޓީމުން ލީޑުނެގީ، 56 ވަނަ މިނިޓްގަ އެވެ. މިއީ ލަމީން ޔަމާލަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުން ރަފީނިއާ ޖެހި ގޯލެކެވެ. ރަފީނިއާ ވަނީ މެޗުގެ 74 ވަނަ މިނިޓްގައި ޔަމާލް ދިން ބޯޅައަކުން ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އޭގެ ފަސް މިިނިޓް ފަހުން ފްރެންކީ ޑި ޔޯން ވަނީ ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގައި ބާސެލޯނާގެ ފަސް ވަނަ ގޯލު ޖެހީ، ޕައު ވިކްޓޯ އެވެ.