Advertisement

ސިޓީ ބަލިކޮށް ލިވަޕޫލުން އެއް ވަނައިގައި ހަމަޖެހިލައިފި

1 ޑިސެންބަރު 2024 - 23:16 0


ސިޓީ ބަލިކޮށް ލިވަޕޫލުން އެއް ވަނައިގައި ހަމަޖެހިލައިފި

1 ޑިސެންބަރު 2024 - 23:16 0

ލިވަޕޫލް (ޑިސެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އަތުން 2-0 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައި ހަމަޖެހިލައިފި އެވެ.

ލިވަޕޫލް އެއް ވަނައިގައި އޮތީ 13 މެޗުން 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލާއި ތިން ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 13 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ބްރައިޓަން އާއި ފަސް ވަނައިގައި އޮތް ސިޓީ އަށް ވަނީ 13 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ލިވަޕޫލުން ލީޑުނެގީ މުހައްމަދު ސަލާހު ދިން ބޯޅައަކުން ކޯޑީ ގަކްޕޯ ޖެހި ގޯލުންނެވެ. ލީޑުފުޅާކުރަން ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުންނުކެވުނެވެ. ދެ ވަނަ ހާފުގައި ލިވަޕޫލްގެ ސަލާހަށް ވެސް ރަނުގެ ފުރުސަތެއް ލިބި ގޯލަށް ފޮނުވާނުލެވުނެވެ.

ލިވަޕޫލުން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 78 ވަނަ މިނިޓްގައި ސަލާހު ޖެހި ޕެނަލްޓީންނެވެ. މިއީ، ލިވަޕޫލްގެ ލުއިޒް ޑިއާޒަށް ސިޓީގެ ގޯލު ބެލެހެއްޓި ކީޕަރު، ސްޓެފަން އޯޓޭގާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ސިޓީން ބަދަލަކަށް ކުޅެން އެރި ކެވިން ޑި ބްރޭނާ އަށް ލަނޑު ޖަހަން ހުސްކޮށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު ކޮއިމްހިން ކެލަހާ ވަނީ މަތަކޮށްފަ އެވެ.

މިއީ ލީގުގައި ސިޓީން ޖެހިޖެހިގެން ބަލިވި ހަތަރު ވަަނަ މެޗެވެ. ސިޓީން އެންމެ ފަހުން ލީގުގައި އެންމެ ފަހުން ޖެހިޖެހިގެން ހަތަރު މެޗުން ބަލިވީ 2012 ވަނަ އަހަރު އެވެ. އަނެއްކޮޅުން، ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ކުޅޭ ސިޓީން މި ވަނީ މޮޅެއް ނުލިބި ހަތް މެޗު ފުރިހަމަކުރަން ޖެހިފަ އެެވެ. ލިވަޕޫލުން ލީގުގައި ސިޓީ ބަލި މި ކުރީ ދެ އަހަރަށް ފަހު އެވެ.

ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ވަނީ 4-0 އިން އެވަޓަން ބަލިކޮށްފަ އެވެ. ޔުނައިޓެޑްގެ ލަނޑުތައް ޖެހީ މާކަސް ރެޝްފޯޑް ދެ ގޯލާއި ޖޯޝުއާ ޒާކްޒޭ ދެ ގޯލެވެ. މި މޮޅާ އެކު، ޔުނައިޓެޑް ވަނީ 13 މެޗުން 19 ޕޮއިންޓާ އެކު، ނުވަ ވަނަ އަށް ޖެހިލައިފަ އެެވެ.

ނިކޮލަސް ޖެކްސަން އާއި އެންޒޯ ފެނާންޑޭޒް އަދި ކޯލް ޕާމާގެ ލަނޑުތަކުން ޗެލްސީން ވަނީ 3-0 އިން އެސްޓަން ވިިލާ ބަލިކޮށްފަ އެވެ. ލީގުގައި މިރޭ ފުލަމް އިން ވަނީ ޓޮޓެންހަމް ހޮޓްސްޕާސް ދަނޑުގައި ކުޅުންތެރިއަކު މަދުކޮށް މެޗު ނިންމަން ޖެހުނު ނަމަވެސް 1-1 އިން އެއްވަރުކޮށްފަ އެވެ.