ލަންޑަން (ޑިސެމްބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑް 5-2 އިން ބަލިކޮށް އާސެނަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 12 މެޗުން 31 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 13 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބްރައިޓަން އަށް ވަނީ 13 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 13 މެޗުން ވަނި 23 ޕޮއިންޓް ލިބިފަ އެވެ. ސިޓީން މިރޭ ރަށުންބޭރުގައި ކުޅޭނީ ލިވަޕޫލާ އެވެ.
ލަންޑަން ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން މާ ލަސްތަކެއް ނުވެ އާސެނަލުން ލީޑުނެގީ، ބުކާޔޯ ސަކާ ނެގި ކޯނަރަކުން ގަބްރިއެލް މަގަޅައެސް ޖެހި ލަނޑުންނެވެ. މެޗުގެ 27 ވަނަ މިނިޓްގައި ސަކާ ދިން ބޯޅައަކުން ލެއަންޑްރޯ ޓްރޮސާޑް ވަނީ އާސެނަލްގެ ދެ ވަަނަ ލަނޑު ޖަހައިފަ އެވެ. އަދި ސަކާ އަށް ވެސްޓް ހޭމްގެ ލޫކަސް ޕަކޭޓާ ކުރި ފައުލަކަށް ޕެނަލްޓީ އަކުން މާޓިން އޮޑެގާޑް އާސެނަލްގެ ތިން ވަނަ ލަނޑު ޖެހިއިރު، ޓްރޮސާޑް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ހުސްކޮށް ވަދެ، ކައި ހަވާޓްޒް ވަނީ 36 ވަނަ މިނިޓްގައި އާސެނަލްގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.
އެކަމަކު، ވެސްޓް ހޭމް އިން ވަނީ ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ކާލޯސް ސޮލެއާ ދިން ބޯޅައަކުން އާރޮން ވަން ބިސާކާ ފުރަތަމަ ގޯލު ޖެހިއިރު، ހިލޭޖެހުމަކުން އަނެއް ގޯލު ޖެހީ އެމަސަން ޕަލްމިއޭރީ އެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އާސެނަލްގެ ފަސް ވަނަ ލަނޑު ޖެހީ ޕެނަލްޓީ އަކުން ސަކާ އެވެ. މިއީ، ވެސްޓް ހޭމްގެ ކީޕަރު އާސެނަލްގެ މަަގަޅައެސް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެެކެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ރޫޑް ވޭން ނިސްޓެލްރޫއީ ހަވާލުވި ފަހުން ލެސްޓާ ސިޓީ އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބްރެންޓްފޯޑް އަތުން 4-1 އިން ބަލިވެފަ އެވެ. ނިއުކާސަލް ޔުނައިޓެޑާއި ކްރިސްޓަލް ޕެލަސް 1-1 އިން އެއްވަރުވިއިރު، ބޯންމައުތުން ވަނީ 4-2 އިން ވުލްވްސް ބަލިކޮށްފަ އެވެ. އަދި ނޮޓިންހަމް ފޮރެސްޓުން ވަނީ 1-0 އިން އިޕްސްވިޗް ޓައުން އަތުން ކުރިހޯދައިފަ އެެެވެ.
Comment