1 ޑިސެންބަރު 2024 - 16:14 1
މުހައްމަދު ޝަހްޒާން
އެމްޑީޕީގެ އެކްޓިވިސްޓު، ތުއްތު ފުލުހުންގެ އިދާރާއަށް ވަންނަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
1 ޑިސެންބަރު 2024 - 16:14 1
ނޮވެމްބަރު 8، ގައި "Charlie_thuhthu" ގެ ނަމުގައި އެކްސްގައި ހިންގާ އެކައުންޓުން ކޮށްފައިވާ ޕޯސްޓަކީ އެއްވެސް މީހަކަށް ނިސްބަތްކޮށް ކޮށްފައިވާ ޕޯސްޓެއް ނޫން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓު، ހުސެއިން ޝާފިއު (ތުއްތު) ފުލުހަށް ހާޒިރު ކުރުމުން ދިން ބަޔާނުގައި މިއަދު ބުނެފި އެވެ.
ފުލުހުންނަށް ޝާފިއު ދިން ބަޔާނުގައި ބުނެފައި ވަނީ އެ ޕޯސްޓުގައި އެއްވެސް މީހެއްގެ ހިތުގައި ބިރުވެރިކަން އުފެދިދާނޭ ފަދަ ވާހަކައެއް ނޯންނާނެެ ކަމަށާއި އެ ޕޯސްޓުގައި ބުނާ "ކައްޒާބު" ވަކި މީހަކަށް ނިސްބަތް ކުރީ ފުލުހުން ކަމަށެވެ.
"އެ ޕޯސްޓްގެ ސަބަބުން މީހެއްގެ ހިތުގައި ބިރުވެރިކަން އުފެދުނު ނަމަ އެމީހަކަށް އަވަސް ޝިފާއެއް ދެއްވުން އެދި އަޅުގަނޑު ދުއާ ކުރަން. މީހެއްގެ ހިތުގައި ބިރުވެރިކަމެއް އުފެދިދާނޭ ފަދަ އެއްވެސް ވާހަކައެއް އެ ޕޯސްޓަކު ނޯންނާނެ. އަޅުގަނޑު ލިޔެފައިވާ އިބާރާތަށް ރާގެއް ދީގެން އުޅެނީ ފުލުހުންގެ އިދާރާއިން. އަދި ކައްޒާބަކީ ވަކި މީހެއްކަމަށް ނިސްބަތްކުރީ ވެސް ފުލުހުންގެ އިދާރާއިން," ޝާފިއު ދިން ބަޔާނުގައި ބުންޏެވެ.
"Charlie_thuhthu" ގެ ނަމުގައި އެކްސްގައި ހިންގާ އެކައުންޓަކީ އޭނާ ބޭނުންކުރާ އެކައުންޓު ކަމަށް ތުއްތުގެ ބަޔާނުގައި ބުންޏެވެ. އެއަށްވުރެ އިތުރަށް ތުއްތު ބަޔާން ދީފައެއް ނުވެ އެވެ. އެއަށްފަހު އޭނާ ހުރީ ހަނެވެ.
ޝާފިއުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ:
ޝާފިއުގެ ގާނޫނީ ވަކީލު އިބްރާހިމް ޝިޔާން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފުލުހުން ކުރާ ތުހުމަތު ނުވަތަ ތުއްތުގެ ޕޯސްޓުގައި ދީފައިވާ އިންޒާރު އަމާޒުވަނީ ކޮން ފަރާތަކަށްތޯ ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރި ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއްކަން ފުލުހުންނަށް ބުނެ ނުދެވުނު ކަމަށް އެނާ ވިދާޅުވި އެވެ.
"އެ ޕޯސްޓުގައި އޮތީ ކައްޒާބެއްގެ ވާހަކަ، ކައްޒާބަކީ ކާކުހެއްޔޭ، އެޔެއް ފުލުހުންނަކަށް އެއްވެސް ވަރަކަށް ބުނެއެއް ނުދެވުނު، ފުލުހުންގެ ފަރާތުން ހަމައެކަނި ބުނާ އެއްޗަކީ މުޖުތަމައުއަށް އަނިޔާއެއް ވާގޮތަށޭ މިއޮތީ،" ޝިޔާން ވިދާޅުވި އެވެ.
އެކްސްގައި ޝާފިއު ކުރި ޕޯސްޓަކާ ގުޅިގެން މިއަދު މެންދުރުފަހު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުން އެ ސަރަހައްދުގައި އެމްޑީޕީގެ އާންމު މެންބަރުން މިއަދު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އަޑު އުފުލައިފަ އެވެ. އޭގެތެރޭގައި އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި ލީޑަޝިޕުގެ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
Comment