about 5 hours 0
about 5 hours 0
މެންޗެސްޓާ (ނޮވެމްބަރު 27) - ޔުއެފާ ޗެމްޕިއަންސް ލީގުގަައި ރޭ އާސެނަލުން ރަށުންބޭރުގައި 5-1 އިން ސްޕޯޓިން ލިޒްބަން ބަލިކުރިއިރު، މެންޗެސްޓާ ސިޓީން ތިން ގޯލުގެ ލީޑެއް ނަގާލައި، އަމިއްލަ ދަނޑުގައި ފެޔަނޫޑާ 3-3 އިން އެއްވަރުވެއްޖެ އެވެ.
ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވި ކޯޗު ރުބެން އަމޮރިމް ކުރިން އިރުޝާދުދިން ޓީމު ސްޕޯޓިން މި ސީޒަނުގައި ބަލިނުވެ، އަދި އަމިއްލަ ދަނޑުގައި މެޗަކުން ބަލިނުވެ، އަހަރެއް ވަންދެން އޮތުމަށް ފަހު އާސެނަލް އަތުން މި ވަނީ ބޮޑު ތަފާތަކުން ބަލިވެފަ އެވެ.
ސްޕޯޓިން ކޮޅަށް އާސެނަލްގެ ލަނޑުތައް ޖެހީ ގަބްރިއެލް މާޓިނެލީ، ކައި ހަވާޓްޒް، ގަބްރިއެލް މަގާޅައެސް، ބުކާޔޯ ސަކާ އަދި ލެއަންޑްރޯ ޓްރޮސާޑް އެެވެ. ސްޕޯޓިންގެ ހަމައެކަނި ލަނޑު ޖެހީ ގޮންޒާލޯ އިނާޝިއޯ އެވެ.
މި މޮޅާ އެކު، އާސެނަލުން ވަނީ ޗެމްޕިއަންސް ލީގުގައި ފަސް މެޗުން 10 ޕޮއިންޓް ހަމަކޮށް، ސްޕޯޓިންއާ އެއްވަރަށް ޕޮއިންޓް ހޯދި ނަމަވެސް އެ ޓީމަށް ވުރެ ކުރިއަށްޖެހިލައިފަ އެވެ. އެ ގޮތުން، އާސެނަލް ހަތް ވަނައިގައި އޮތްއިރު ސްޕޯޓިން އޮތީ އަށް ވަނައިގަ އެވެ.
ރޭގެ މެޗާ ކުރިމަތިލިއިރު، ސިޓީ ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ބަލިވެފަ އެވެ. އެ ޓީމުން ރޭގެ މެޗުގެ 75 ވަނަ މިނިޓާ ހަމައަށް އޮތީ 3-0 އިން ކުރީގަ އެވެ. އެކަމަކު، ފަހު 15 މިނިޓް ތެރޭ ތިން ގޯލު ވަދެ، ސިޓީ ވެފައިވަނީ، ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް އެހާ ވަގުތު ތެރޭ އެ ވަރުގެ ލީޑެއް ނަގާލި ފުރަތަމަ ޓީމަށެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމަށް ލަނޑުތައް ޖަހައިދިނީ އާލިން ބްރައުޓް ހާލަންޑް ދެ ގޯލާއި އިލްކާއި ގުންޑޮގާން އެވެ. ފެޔަނޫޑްގެ ލަނޑުތައް ޖެހީ، އަނިސް ހަޖް މޫސާ، ސަންޓިއާގޯ ޖިމެނޭޒް އަދި ޑޭވިޑް ހަންކޯ އެެވެ.
މިއީ، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގައި އޭނާ އަށް މޮޅެއް ނުލިބި އެންމެ ގިނަ މެޗު ގުނަން ޖެހުނު ފަހަރެވެ.
މި ނަތީޖާއާ އެކު ސިޓީ އޮތީ ފަސް މެޗުން ލިބުނު އަށް ޕޮއިންޓާ އެކު ޗެމްޕިއަންސް ލީގުގެ 15 ވަނައިގަ އެވެ.
Comment