about 4 hours 0
އަމަން ހަލީމް
ހުޅުމާލެ މަތިން ނަގާފައިވާ މަންޒަރެއް:
about 4 hours 0
އެކި މަސައްކަތްތައް ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުުއްޔަށް ދޫކުރި ބިންތަކުގެ ތެރެއިން ބާތިލުކުރި އެއްބަސްވުންތަކުން އެ ކުންފުންޏަށް ނުލިބިވާ ފައިސާގެ އަދަދު 195 މިލިއަން ރުފިޔާއަށް އަރާކަން ހާމަވެއްޖެ އެވެ.
އެޗްޑީސީއަށް ނުލިބޭ ފައިސާގެ މައްސަލަ ދިރާސާކުރަމުންދާ މާލިއްޔަތު ކޮމިޓީގައި މިއަދު ދެކެވުނު ވާހަކަތަކުން އެނގުނު ގޮތުގައި އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އަދަދު 1.4 ބިލިއަނާ ގާތްކުރެ އެވެ. އޭގެ ތެރޭގައި އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކާއި އިދާރާތަކުގެ އިތުރުން އަމިއްލަ މީހުން ދައްކަން ޖެހޭ ފައިސާ ވެސް ހިމެނެ އެވެ.
މި ފައިސާގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރީ މިހާރު ވެސް ހިނގަމުންދާ އެއްބަސްވުންތަކާ ގުޅިގެންނެވެ. ނަމަވެސް ބާތިލުކޮށްފައިވާ އެއްބަސްވުންތަކާ ގުޅިގެން ވެސް ގިނަ އަދަދެއްގެ ފައިސާ ނުލިބި އެބަ ހުއްޓެވެ. އެންމެ ބޮޑު އަދަދެއް ދައްކަން އޮތީ ޗައިނާގެ އެޗްސީއެޗް ޑިވެލޮޕްމަންޓްސް އެވެ. އެ ކުންފުނިން އެކަނި 76.3 މިލިއަން ރުފިޔާ ނުދައްކާ އެބައޮތެވެ.
މި ލިސްޓުން ފާހަކޮށްލެވޭ އެހެން ކުންފުނިތަކުގެ ތެރޭގައި ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އާއި އިންޓަޕޯލް ރެޑް ނޯޓިސް ލިސްޓުގައި ހިމެނޭ ވިޔަފާރިވެރިޔާ މުހައްމަދު ބާގިރުގެ އެޓޯލް ޕެރެޑައިސް ކުންފުންޏާއި ބައެއް އަމިއްލަ މީހުން ވެސް ހިމެނެ އެވެ. އޭގެ އިތުރުން އުވާލުމުގެ މަރުހަލާގައި ހުރި ބައެއް ކުންފުނިތައް ވެސް ހިމެނެ އެވެ.
ބާތިލުކުރި އެއްބަސްވުންތަކާ ގުޅިގެން އެންމެ ގިނައިން ފައިސާ ދައްކަން ޖެހޭ ލިސްޓު
މި އެއްބަސްވުންތައް ގުޅެނީ ހުޅުމާލޭގައި އެކި ބޭނުންތަކަށް ދޫކޮށްފައި ހުރި ބިންތަކާ އެވެ. އޭގެ ތެރޭގައި ސިނާއީ ސަރަހައްދާއި ކޮމާޝަލް ބޭނުންތަކަށް ދޫކޮށްފައި ހުރި ތަންތަން ހިމެނެ އެވެ.
އެޗްޑީސީއަށް ނުލިބި ހުރި ފައިސާއާ ގުޅިގެން މާލިއްޔަތު ކޮމިޓީން ވަނީ ބާތިލުކުރި އެއްބަސްވުންތަކާ ގުޅޭ ބިންތަކުގެ މިހާރުގެ ހާލަތު ދެނެގަތުމަށާއި އެ ފައިސާ ހޯދަން ކުރަމުންދާ މަސައްކަތްތައް އެ ކޮމިޓީއަށް އަންގަން ނިންމާފަ އެވެ.
Comment