about 4 hours 0
އަހުމަދު އާއިދު
އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު
about 4 hours 0
ހުޅުމާލެ އާއި ތިލަފުއްޓާއި ގުޅީފަޅުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކަށް ސަރުކާރުގެ ކުންފުނިތަކާއި ވުޒާރާތައް ހިމެނޭހެން އެކި އޮފީސްތަކުން ނުދައްކާ ހުރި ޖުމްލަ ފައިސާގެ އަދަދު 238 މިލިއަނަށް އަރާކަން ހާމަވެއްޖެ އެވެ.
އެޗްޑީސީއިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުން ލިބެން ޖެހޭ 1.4 ބިލިއަން ރުފިޔާ އެބަހުރިކަން ހާމަވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގަ އެވެ. އެޗްޑީސީ އަށް ނުލިބޭ ފައިސާގެ ތަފުސީލުތައް ހިމެނޭގޮތަށް މާލިއްޔަތު ކޮމިޓީން މަޝްވަރާކުރި ކަރުދާސް މި ނޫހަށް ވަނީ ލިބިފަ އެވެ.
އެގޮތުން، ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ނުދައްކާ އޮތީ އެޑިއުކޭޝަން މިނިސްޓްރީންނެވެ. އެ ވުޒާރާއިން ޖުމްލަ 43 މިލިއަން ރުފިޔާ އެބައޮތެވެ. ސަރުކާރާ ގުޅުންހުރި އިދާރާތަކުގެ ތެރެއިން ދެން އެންމެ ބޮޑު އަދަދެއް ނުދައްކާ އޮތީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންނެވެ. އެއީ 6.5 މިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން، ގާތްގަނޑަކަށް ހުރިހާ ވުޒާރާ އަކާއި ފުލުހުންނާއި ހޮސްޕިޓަލުތަކާއި މީރާ އަދި އެމްއެމްއޭ ވެސް ފައިސާ ނުދައްކާ ލިސްޓުގައި ހިމެނެ އެވެ. މި ތަންތަނުން ނުދައްކާ ފައިސާގެ ޖުމްލަ އަދަދަކީ 53.4 މިލިއަން ރުފިޔާ އެވެ.
ސަރުކާރުގެ ކުންފުނިތަކަށް ބަލާއިރު އެންމެ ބޮޑު އަދަދަކުން އެޗްޑީސީއަށް ފައިސާ ނުދައްކާ އޮތީ އެމްޕީއެލް އިންނެވެ. އެއީ 114.6 މިލިއަން ރުފިޔާ އެވެ. އެމްޑަބްލިއުއެސްސީ އިން ދައްކަންޖެހޭ 32 މިލިއަން ރުފިޔާ އަކާއި އާސަންދަ ކުންފުނިން ދައްކަން ޖެހޭ 24 މިލިއަން ރުފިޔާ ވެސް މި ލިސްޓުގައި ހިމެނެ އެވެ.
ސަރުކާރުގެ ކުންފުނިތަކުން ދައްކަން ޖެހޭ ފައިސާގެ ޖުމްލަ އަދަދަކީ 185 މިލިއަނެވެ. މީގެއިތުރުން އަމިއްލަ ވިޔަފާރިތަކުން ނުދައްކާ އޮތް 985.7 މިލިއަން ރުފިޔާ އާއެކު އެޗްޑީސީއަށް މިވަގުތު ނުލިބި ހުރި ފައިސާގެ ޖުމްލަ އަދަދު 1.2 ބިލިއަން ރުފިޔާއަށް އަރާކަން މިއަދު ވަނީ ހާމަވެފަ އެވެ. އަދި ބާތިލުކޮށްފައި ހުރި ކޮންޓްރެކްޓުތަކުން ނުލިބިވާ އަދަދު 200 މިލިއަން ރުފިޔާއާ ގާތްކުރެ އެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ނިންމީ މި ފައިސާތައް ހޯދަން އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކާއި ކުރެވިފައި ހުރި މަސައްކަތްތަކުގެ އިތުރުން މި ފައިސާ ނުހޯދޭ ކަމުގައި ވަނީ ނަމަ ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން އަޅަން ގަސްތުކުރާ ފިޔަވަޅުތައް އެ ކޮމިޓީއާ ހިއްސާކުރަން އެ ކުންފުންޏަށް އެންގުމަށެވެ. އަދި ބާތިލުކޮށްފައި ހުރި އެއްބަސްވުންތަކުގައި ހުރި ބިންތަކުގެ މިހާރުގެ ހާލަތު ދެނެގަތުމަށް ވެސް ކޮމިޓީން ނިންމާފައިވެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment