Advertisement

އިޓަލީން ޑޭވިސް ކަޕް ތަށި ދިފާއުކޮށްފި

25 ނޮވެންބަރު 2024 - 12:29 0


އިޓަލީން ޑޭވިސް ކަޕް ތަށި ދިފާއުކޮށްފި

25 ނޮވެންބަރު 2024 - 12:29 0

މަލާގާ، ސްޕެއިން (ނޮވެމްބަރު 25) - ޓެނިސް ޓީމު އިވެންޓްގެ މަޝްހޫރު މުބާރާތް، ޑޭވިސް ކަޕްގެ ތަށި އިޓަލީން ދިފާއުކޮށްފި އެެވެ.

މިއީ، 2013 ވަނަ އަަހަރު ޗެކް ރިޕަބްލިކުން ޖެހިޖެހިގެން ދެ އަހަރު މި މުބާރާތުގެ ތަށި ހޯދި ފަހުން އެކަން ހާސިލްކުރެވުނު ފުރަތަމަ ފަހަރެވެ. ޑޭވިސް ކަޕްގެ ފައިނަލް ސްޓޭޖު މުބާރާތް ތައާރަފްކުރިތާ 52 އަހަރު ވަނީ ވެފަ އެވެ.

ޑޭވިސް ކަޕްގެ ފައިނަލުގައި ނެދަލެންޑްސްއާ ދެކޮޅަށް އިޓަލީން ވަނީ ރަނގަޅު ދެ މޮޅު ހޯދައިފަ އެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ، ޖަނިކް ސިނާ ވަނީ ނެދަލެންޑްސްގެ ޓަލޯން ގްރިއެކްސްޕޯ އަތުން 7-6، 6-2 އިން މޮޅުވެފަ އެވެ. އަދި ދެ ވަނަ މެޗުގައި، މަޓެއޯ ބެރެޓީނީ ވަނީ ނެދަލެންޑްސްގެ ބޮޓިކް ވެން ޑީ ޒަންޑްޝުލްޕް އަތުން 6-4، 6-2 އިން މޮޅުވެފަ އެވެ.

މި ކާމިޔާބީއާ އެކު، އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކުޅުންތެރިއަކީ، އިޓަލީގެ ސިނާ، 23، އެވެ. މި މަހު ކުރީކޮޅުގައި އޭޓީޕީ ފައިނަލްސް ތަށި އުފުލާލި ސިނާ، މި އަހަރު ކުުޅުނު އޭޓީޕީ ލެވަލްގެ 76 މެޗުގެ ތެރެއިން ބަލިވީ އެންމެ ހަ މެޗުންނެވެ.

އިޓަލީން ޑޭވިސް ކަޕް ދިފާއުކުރިއިރު، މި ކާމިޔާބީ މަޝްހޫރު ކުޅުންތެރިޔާ، ބެރެޓީނީ، 28، އަށް ވެސް ހާއްސަ އެވެ. އިޓަލީން މިދިޔަ އަހަރު ޑޭވިސް ކަޕް ކާމިޔާބުކުރިއިރު، ކުޅުމާ ދުރުގައި ހުރި ބެރެޓީނީ މި ފަހަރުގެ މުބާރާތަށް ފިޓްވީ ވެސް ކުޑަހުޅަށް ލިބުނު އަނިޔާއިން ރަނގަޅުވާން ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު އެވެ.

ކުރިން ދުނިޔޭގެ ރޭންކިން ހަ ވަނައިގައި އޮތް ބެރެޓީނީ ހަ މަސް ދުވަހު ކުޅުމާ ދުރުގައި ހުރިއިރު، ދުނިޔޭގެ ރޭންކިންގެ 150 ކުޅުންތެރިންގެ ތެރެއިން ވެސް ޖާގަ ގެއްލުނެވެ. އެކަމަކު، މި އަހަރު މާޗް މަހު އެނބުރި ކުޅުމަށް އައިސް ތިން މުބާރާތެއް ކާމިޔާބުކޮށް، މި ވަގުތު އޭނާގެ ރޭންކިން އަކީ 35 އެކެވެ.