3 ޑިސެންބަރު 2024 - 12:04 0
3 ޑިސެންބަރު 2024 - 12:04 0
ބީނޯޒް އެރީޒް، އާޖެންޓީނާ (ޑިސެމްބަރު 3) - އާޖެންޓީނާގެ ޓެނިސް ލެޖެންޑް، ޖުއާން މާޓިން ޑެލް ޕޮޓްރޯގެ ކެރިއަރުގެ ވަދާއީ މެޗުގައި މަޝްހޫރު ޓެނިސް ތަރި، ސާބިއާގެ ނޮވަކް ޖޮކޮވިޗް ހާއްސަކޮށްދީފި އެވެ.
ޑެލް ޕޮޓްރޯ، 36، ކެރިއަރުގެ ފަހު އަހަރުތައް ގުނީ ވަރަށް ބޮޑެތި އަނިޔާގެ މައްސަލައިގަ އެވެ. އެއީ، 2019 ވަނަ އަހަރު ކަކުލުގެ ފްރެކްޗާއެއް ވެގެން، ދެން، ދިމާވި އަނިޔާގެ ކަންތައްތަކެކެވެ. ޑެލް ޕޮޓްރޯ އެންމެ ފަހުން، ރަސްމީ މުބާރާތެއްގެ މެޗެއް ކުޅުނީ 2022 ވަނަ އަހަރު އެވެ. އެއީ، ދެ އަހަރު ފަހުން، އެނބުރި އައިސް އާޖެންޓީނާ އޯޕަންގައި ކުޅުނު މެޗެވެ.
ޓެނިސް ކެރިއަރު ނިންމާލަން ޑެލް ޕޮޓްރޯގެ ފަހު މެޗުގެ ގޮތުގައި، "ދި ލާސްޓް ޗެލެންޖް" މެޗު ކުޅެން ނިންމީ އޭނާގެ އެކުވެރިޔާ، ޖޮކޮވިޗާ ދެކޮޅަށެވެ. ޑެލް ޕޮޓްރޯގެ އުފަން ގައުމުގައި، އަމިއްލަ ސަޕޯޓަރުންގެ ތެރެއިން، 15000 މީހުންގެ ކުރިމަތީގައި ރޭ ކުޅުނު މެޗުގައި އޭނާ ވަނީ ޖޮކޮވިޗް އަތުން 6-4، 7-5 އިން މޮޅުވެފަ އެވެ.
"އަހަންނަަކަށް ހިއެއްނުވޭ ޓެނިހަށް ލޯބިކުރާ އެއްވެސް މީހެއް ހުންނާނެހެން ޑެލް ޕޮޓްރޯ ދެކެ ލޯބިނުވާ. ޑެލް ޕޮޓްރޯގެ ކެރިއަރުގެ އެންމެ ބޮޑު ކާމިޔާބަކީ ގިނަ މީހުންގެ ހިތުގައި އޭނާ އަށް އޮތް އިހުތިރާމާއި ލޯބި،" ޖޮކޮވިޗް ބުންޏެވެ.
ޑެލް ޕޮޓްރޯ ބުނީ ރަނގަޅު ޕްރޮފެޝަނަލް ކެރިއަރެއް ކުރިއަށްގެންދަން އޭނާ މިދިޔަ ފަސް ވަރަކަށް އަހަރު ބޮޑެތި ގުރުބާނީތަކެއްވެފައިވާނެ ކަމަށެވެ. އެކަމަކު، އަނިޔާގެ ސަބަބުން ކޮންމެ ދުވަހަކު ތަހައްމަލުކުރަން ޖެހޭ ވޭނާއި ދެން ހުރި ކަންކަމަށް ވިސްނައި، ނިންމީ ކެރިއަރު އެއްކޮށް ނިމުމެއް ގެނައުމަށް ކަމަށް ޑެލް ޕޮޓްރޯ ވަނީ ބުނެފަ އެެވެ.
ޓެނިހުގެ ތަރިން ކަމަށްވާ ރަފައެލް ނަޑާލް، ރޮޖާ ފެޑެރާ، ގައެލް މޮންފިލްސް އަދި ކާލޯސް އަލްކަރާޒް ވަނީ ޑެލް ޕޮޓްރޯ އަށް ހާއްސަ ޓްރިބިއުޓް ވީޑިއޯ މެސެޖެއް ދީފަ އެވެ.
ޑެލް ޕޮޓްރޯ ވަނީ 2009 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ ފައިނަލުގައި ފެޑެރާ ބަލިކޮށްފަ އެވެ. އެ ފަހަރުގެ ފައިނަލުގެ ކުރިން، އޭގެ ކުރިން ފަސް ފަހަރު ވެސް މި ތަށި އުފުލާލީ ފެޑެރާ އެވެ. އޭގެ ފަހުން، 2018 ވަނަ އަހަރު ޔޫއެސް އޯޕަން ފައިނަލުގައި ޑެލް ޕޮޓްރޯ ވަނީ ޖޮކޮވިޗް އަތުން ބަލިވެފަ އެވެ.
އޮލިމްޕިކްސްގެ 2012 ވަނަ އަހަރު މުބާރާތުގައި ލޯ މެޑަލް ހޯދި ޑެލް ޕޮޓްރޯ ވަނީ 2016 ވަނަ އަހަރު ރިހި މެޑަލް ހޯދައިފަ އެވެ. އަދި އޭޓީޕީ މުބާާރާތްތަކުގައި އޭނާ ވަނީ 22 ތަށި އުފުލާލައިފަ އެވެ.
Comment