Advertisement

ފެނަކައިން އެޕޯލޯއަށް 27 މިލިއަން ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި

about 10 hours 0

އަމަން ހަލީމް

އަމަން ހަލީމް

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުއާޒު: މި މައްސަލައިގައި ދައުވާގެ ރައްދު ފެނަކައިން ހުށަހެޅީ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ފެނަކައިން އެޕޯލޯއަށް 27 މިލިއަން ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި

about 10 hours 0

ގިނަ ރަށްތަކެއްގައި ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ސަރުކާރުގެ ޔުޓިލިޓީ ކުންފުނި، ފެނަކައިން އެކި ފަހަރު މަތިން އެޕޯލޯ ހޯލްޑިންސްއިން ކްރެޑިޓު އުސޫލުން ނަގާފައިވާ މުދަލަށް ނުދައްކާ ހުރި 27.1 މިލިއަން ރުފިޔާ ތިން މަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެޕޯލޯއިން ބުނީ މި ފައިސާއަކީ 2020 އިން ފެށިގެން އެ ކުންފުނިން ދޫކޮށްފައިވާ މުދަލަށް ދައްކަން ޖެހޭ ފައިސާ ކަމަށެވެ. އެ ކުންފުނިން ކޯޓުގައި އެދުނީ ކްރެޑިޓަށް ދޫކުރި މުދަލުގެ ފައިސާ އާއި ވަކީލުންގެ ހަރަދު ނަގައިދިނުމަށާއި މި ފައިސާ ނުލިބުމުގެ ސަަބަބުން ލިބެމުންދާ ގެއްލުމުގެ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ފެނަކައިން މި މައްސަލައިގައި މަދަނީ އިޖުރާއަތުގެ ގާނޫނުގައި އޮންނަ މުއްދަތުގެ ތެރޭގައި ދައުވާއަށް ރައްދެއް ދީފައި ނުވެ އެވެ. އެ ކުންފުނިން މައްސަލައިގެ ލިޔެކިޔުންތަކާ ހަވާލުވުމަށް ފަހު، ގިނަ ލިޔެކިޔުންތައް ދިރާސާކުރަން ހުރި ކަމަށް ބުނެ ދައުވާގެ ރައްދު ހުށަހަޅަން އިތުރު މުއްދަތަކަށް އެދުނީ އެ މުއްދަތު ފަހަނައަޅައި ދިޔަ ފަހުންނެވެ. މިހެންކަމުން ކޯޓުން ވަނީ އެ ކުންފުނީގެ ދިފާއި ބަލައިނުގަންނަން ނިންމާފަ އެވެ.

މި މައްސަލަ އެޕޯލޯއާ އެއްކޮޅަށް ނިންމި ނަމަވެސް އެ ކުންފުނިން އެދުނު ގޮތަށް ވަކީލު ފީ އާއި ގެއްލުމުގެ ބަދަލު ނަގައިނުދެވޭނެ ކަމަށް ކޯޓު ހުކުމުގައި ވެ އެވެ. ގެއްލުމުގެ ބަދަލުގެ ނުކުތާގައި އެ މައްސަލަ ބެއްލެވި ގާޒީ އާދަމް ޒާލިފް ބަޔާންކުރެއްވީ، މި ދައުވާގެ ތެރެއިން ހޯދުމަށް އެދެވޭ ފަރުވާއެއް ހޯދުމަށް ނޭދުމަކީ އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ދެވޭ ފުރުސަތެއް ކަމަށް ދެކޭ ކަމަށެވެ.

މިއީ ފެނަކައާ ދެކޮޅަށް މި ގޮތަށް ކޯޓުން ނިންމި ފުރަތަމަ މައްސަލައެއް ނޫނެވެ. މި ނޫނަސް އެހެން ޕްރައިވެޓު ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާއާ ގުޅިގެން ސިވިލް ކޯޓުން ހުކުމް އިއްވާފައިވެ އެވެ.