24 ނޮވެންބަރު 2024 - 05:02 1
އަހުމަދު އާއިދު
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގޮވާލާ މަޖިލިސް ދޮށުގައި ކުރި މުޒާހަރާއެއްގެ ތެރެއިން : ޕްރެޝަރު ބޮޑުވެ އިޒްރޭލު ޕާސްޕޯޓު މަނާކުރާ ބިލުގެ ކޮމިޓީ މަސައްކަތް އަވަސްކުރަން މިއަދު ވަނީ ފާސްކޮށްފަ ---- ފޮޓޯ: އަދަދު
24 ނޮވެންބަރު 2024 - 05:02 1
އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މީގެ ފަސް މަސް ކުރިން ހުށަހެޅި ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އިން އިން މިއަދު ފާސްކޮށްފި އެވެ.
މިދިޔަ ހަފުތާގައި އެ ކޮމިޓީން ނިންމީ ޑިސެމްބަރުގެ ނިޔަލަށް ކަމާ ބެހޭ އިދާރާތަކާއި އެހެން ފަރާތްތަކަށް ބިލާ ގުޅޭ ގޮތުން ސިޓީ ފޮނުވައި އެ ތަންތަނުން ލިބޭ ޖަވާބަކަށް ބެލުމަށްފަހު އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކުރަން މިއަދު ވަނީ ފާސްކޮށްފަ އެވެ.
މިއަދު ބޭއްވި 241 ކޮމިޓީގެ އިއްތިފާގުން ފާސްވީ މާދަމާއިން ފެށިގެން ވެސް ކަމާބެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކޮށް މައުލޫމާތު އެއްކުރުމަށެވެ. އެގޮތަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. މިއީ ކޮންމެހެން ގެންނަން ޖެހޭ ބަދަލެއް ކަމަށް މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވި އެވެ.
މި ބިލުގެ ކޮމިޓީ މަސައްކަތް ނިންމާލުމަށް ފާސްކުރި ފަހު ތާރީހަކީ ފެބްރުއަރީ، 2025، ގަ އެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް މީހުން އެތެރެވުން ހުއްޓުވަން އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ހުށަހެޅުއްވި ބިލު ބަލައިގަތީ ޖޫން 10، ގަ އެވެ. އެ ބިލުގެ ކޮމިޓީ މަސައްކަތް ފެށީ ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވިތާ ފަސް މަސް ފަހުންނެވެ.
ބިލުގެ މަސައްކަތް ލަސްވުމާ ގުޅިގެން އިދިކޮޅު ޕާޓީ އާއި އާންމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ސަރުކާރާއި މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިޔަމުންނެވެ. ކޮމިޓީގެ މަސައްކަތް އަންނަ އަހަރާ ހަމައަށް ދިގުދަންމާލުމާއެކު މި ފާޑުކިޔުންތައް ވަނީ އިތުރަށް ބޮޑުވެފަ އެވެ.
ބިލުގެ މަސައްކަތް ލަސްވެފައިވަނިކޮށް، އޮކްޓޯބަރު 16، ގައި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީން ވަނީ އެ މަސައްކަތް އަވަސްކުރުމަށް ގޮވާލާ ބަޔާން ނެރެފަ އެވެ. އެ ބަޔާން ނެރުމުން، އެ ބިލު ހުށަހެޅުއްވި މީކާއިލް ވިދާޅުވީ ޕީއެންސީން ބަޔާން ނެރުނީ ރައްޔިތުންނަށް މަލާމާތް ކުރަން ކަމަށެވެ.
އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ގާނޫނުތައް ބަދަލުކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ނިންމާ އެކަން އިއުލާނުކުރީ ޖޫން 2، ގަ އެވެ.
އެ ބިލުގެ މަސައްކަތް ދިގު ދަންމާލަން ނިންމާފައިވާއިރު، އިދިކޮޅުން ހުށަހެޅި ބިލަށް ބަދަލުތަކެއް ގެންނަ ޖެހޭ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ.
"މިހާރު ހުށަހަޅާފަ އޮތް ބިލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަންޖެހޭ. ދެން ކެބިނެޓުގަ ނިންމާފަ އޮތް ނިންމުންތަކާ އެއްގޮތަށް ބިލު އިސްލާހުކޮށްގެން މަޖިލީހުން ކުރިއަށް ގެންދަން ޖެހޭނީ،" ޖޫން 6، ގައި އުޝާމް ވިދާޅުވި އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ހިމާރުލްގައުމު
4 months ago
ފެށުންވެސް އޮތީ އެހެން. އެހެން މީހެއްގެ ފޮޓޯ ދައްކައިގެން އޭނަގެ ސަޕޯޓަރުންނަށް އޮޅުވާލައިގެން ގޮނޑިއަށް ވެޑުވިގަތީ ބޮޑު ވަގު.
Comment