about 6 hours 1
ރައީސް މުއިއްޒު: ކޯޓު އަމުރަށް މަރުހަބާ ވިދާޅުވިއިރު އިޒްރޭލު އަދި ނަތަންޔާހޫގެ ނަމެއް ވިދާޅެއް ނުވޭ -- ފޮޓޯ: މިރާޝް ނާޝިމް
about 6 hours 1
ފަލަސްތީނުގައި ނަސްލުހޭދު ކުރުމެއް ހިންގަމުން އަންނަ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ކުރީގެ ޑިފެންސް މިނިސްޓަރު ޔޯއާވް ގަލަންޓް ހައްޔަރު ކުރަން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އަމުރު ކުރުމުން އެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ނަތަންޔާހޫ އަދި އިޒްރޭލުގެ ނަން ވިދާޅުނުވެ، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ރައީސް މުއިއްޒު ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އަމުރަކީ، ފަލަސްތީނުގައި ހިންގަމުން އަންނަ ލާއިންސާނީ ކުށްތަކާއި ހަނގުރާމައިގެ ކުށްތަކުގައި ޖަރީމާ ހިންގާ ފަރާތްތައް ޒިންމާ ކުރުވަން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
"ދިވެހިރާއްޖެއިން އައިސީސީގެ ނިންމުމަށް އިހުތިރާމް ކުރަން. އަދި އެ ނިންމުން ތަންފީޒު ކުރުން މުހިންމު ކަމަށް ދެކެން. ސަރަހައްދީ އަމަން ގާއިމް ކުރުމަށްޓަކައި ބައިނަލްއަގުވާމީ ގާނޫނު ނަގަހައްޓައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ލިބުން ކޮންމެހެން ބޭނުންތެރި،" ރައީސް ވިދާޅުވެފައި އޮތެވެ.
ނަތަންޔާހޫ އަދި ގަލަންޓް ހައްޔަރު ކުރަން އަމުރު ނެރުނީ ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުން ބަނޑަށްޖެއްސުމާއި ސިއްހީ އެހީތެރިންނާއި ތަންތަނާއި ސާމާނަށް އަމާޒުކޮށް ގަސްދުގައި ހަމަލާދީފައިވާތީ އެވެ.
އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފެށި ނަސްލުހޭދު ކުރުމުގައި މިހާތަނަށް ފަލަސްތީނުގެ 45،000 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 17،400 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި ގެއްލުނު މީހުންގެ އަދަދު 11،000 އަށް އަރާއިރު، 104،008 މީހުން ވަނީ ޒަހަމްވެފަ އެވެ.
އިޒްރޭލުން ހިންގާ ނަސްލުހޭދު ކުރުން ކުށްވެރި ކުރުމުގެ ގޮތުން އެ ގައުމުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން ވަރަށް ގިނަ ދިވެހިން ވަނީ ގޮވާލައިފަ އެވެ. އެއަށްފަހު، ޖޫން 2، ގައި އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ނިންމާފައިވާ ކަމަށް ސަރުކާރުންވަނީ އިއުލާނުކޮށްފަ އެވެ.
އެކަމަކު އޭގެ ފަހުން ސަރުކާރުގެ ރާގު ބަދަލުކޮށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ އިޒްރޭލުގެ ހުރިހާ ރައްޔިތުންނަށް ރާއްޖެ ނޭރޭ ގޮތަށް ޕާސްޕޯޓް މަނާ ކުރުމާމެދު ވިސްނަންޖެހޭ ކަމަށެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް މައްސަލައިގެ މަސައްކަތް ވެސް ސަރުކާރު ހިންގާ ޕީއެންސީން ވަނީ މަޑުޖައްސާލައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment