about 3 hours 0
ލީވާން އަލީ ނާސިރު
ރައީސް ޑރ. މުހައްމަދު މުއިއްޒު: ގިނަ ރައްޔިތުން ނުރުހުނަސް ދުންފަތާ ދުރު ކުރަން ބޭނުންވާ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް
about 3 hours 0
ދުންފަތާ ރައްޔިތުން ދުރު ކުރުމަށް ކުރާ މަސައްކަތާ ގިނަ އަދަދެއްގެ ރައްޔިތުން ނުރުހުނަސް އެކަން ކުރަން ބޭނުން ވަނީ ރައްޔިތުންނަށް ހެޔޮ އެދޭތީ ކަމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އަހަރެއް ފުރުމުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ދުންފަތަކީ ސިއްހަތަށް ވަރަށް ގެއްލުން އެއްޗަކަށްވާތީ ކިތަންމެ އުނދަގޫ ވިޔަސް އެކަމާ ރައްޔިތުން ދުރަށް ދިޔުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށެވެ.
"ބައެއް ބޭފުޅުން ވިދާޅުވަނީ އަޅުގަނޑުމެން އެހާ ގިނަ ރައްޔިތުންތަކެއް ދެވި ހިފާފައި އޮތް ކަމެއްގައި ނާޖާއިޒް ފައިދާ ނަގައިގެން ފައިސާ ހޯދަންށޭ. ނޫން. އެއެއް ނޫން އަޅުގަނޑުގެ ނިޔަތަކީ އަދި ސަރުކާރުގެ ނިޔަތަކީ. އަޅުގަނޑުމެން ބޭނުންވަނީ މިކަމުން ރައްޔިތުން ދުރަށް ވަޑައިގަންނަވަން،" ރައީސް ވިދާޅުވި އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުން ހުށަހެޅޭ ބަލިތަކާއި ލިބޭ ގެއްލުންތައް ޑޮކްޓަރުން މެދުވެރިކޮށް ރައްޔިތުންނަށް ކިޔައިދޭން ޖެހޭކަން ފާހަގަ ކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް މުޅި ހަޔާތުގައި ތަހަންމަލު ކުރަން ޖެހޭ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދުންފަތާ ގުޅިގެން ނިންމި ނިންމުންތަކަކީ ރައްޔިތުން ދެކެ ލޯބިވާތީ އަދި ރައްޔިތުންނަށް ހެޔޮ ގޮތް އެދޭތީ ނިންމި ނިންމެވުންތަކެއް ކަމަށާއި އެކަން ރައްޔިތުން ބަލައިގަތުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"އެހެންވީމަ މިކަމުން ދުރަށް ދިޔުމަކީ އަޅުގަނޑުގެ ނިޔަތަކީ. ދުރަށް ގެންދިޔުން. އަޅުގަނޑަށް އެނގޭ ވަރަށް އުނދަގޫވާނެކަން. އަދި ގިނަ ރައްޔިތުން އެކަމާ ނުރުހޭނެކަން ވެސް އަޅުގަނޑަށް އެނގޭ. އެކަމަކު ރައްޔިތުން ދެކެ ލޯބިވާތީ، ރައްޔިތުންނަށް ހެޔޮ ގޮތް އަޅުގަނޑު އެދޭތީ އަޅުގަނޑު ބޭނުންވީ މިކަންތައް ވެސް ރައްޔިތުން ދުރަށް ވަޑައިގަންނަވާ ކަމަށް ހެދުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 3ރ. އިން 8ރ. އަށް މަތިކުރަން ގާނޫނަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެއާއެކު ރާއްޖޭގެ ބާޒާރުގައި ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ރާއްޖޭގެ ފިހާރަތަކުން މިވަގުތު ސިނގިރޭޓު ފޮށްޓެއް ލިބެން ހުރީ 250ރ. އާއި 240ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެންމެ ފުޅާދާއިރާއެއްގައި ރާއްޖެއަށް ސިނގިރޭޓު އެތެރެކޮށް ވިއްކާ ރޫޓު ފިހާރައިން މީގެ ކުރިން 995ރ. އަށް ވިއްކަމުން އައި ސިނގިރޭޓު ކާޓަނެއްގެ އަގު މިހާރު ހުރީ 2240ރ. އަށެވެ.
ސަރުކާރުން އަންދާޒާކުރާ ގޮތުގައި ގާނޫނަށް ގެނައި ބަދަލާއެކު އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި އިތުރު 1.1 ބިލިއަން ރުފިޔާ ލިބޭނެ އެވެ.
އޭގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއިން ވޭޕް މަނާ ކުރަން ނިންމީ ވަރަށް ނުރައްކާތެރި ހިސާބަކަށް މުޖުތަމައުގައި އެ މައްސަލަ ގޮސްފައި އޮތުމުން ކަމަށާއި ޒުވާނުންގެ އިތުރުން ތުއްތު ކުދިންގެ މެދުގައި ވެސް އެކަން އާންމުވި ކަމަށެވެ.
މަސްތުވާތަކެތި އަޅާފައިވާ ވޭޕްތައް ގްރޭޑް ތިނެއް އަދި ހަތަރެއްގައި އުޅޭ ކުދިންގެ ދަބަހުން ފެނިފައިވާތީ، މަރުހަލާތަކަކަށް ބަހާލައިގެން އެކަން ކުރުމަށް ލަފާ ލިބުމުން ވެސް، އަވަސް ނިންމުމަކާ އެކު އެކަން މަނާ ކުރަން ނިންމެވީ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުން ނޮވެމްބަރު 15، އިން ފެށިގެން މަނާކޮށްފައިވާއިރު، ވޭޕް ވިއްކުމާއި ބޭނުން ކުރުން ޑިސެމްބަރު 15، އިން ފެށިގެން މަނާ ކުރުމަށް ވަނީ ނިންމާފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment