about 2 hours 0
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރަން ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އެ މަނިކުފާނު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
about 2 hours 0
ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭރު ފައިސާގެ ގަވާއިދުގެ ދަށުން ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށާއި އެ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.
ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު އަދި ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ މަގުން ބޭންކަށް ޑޮލަރު މާރު ކުރަން މަޖުބޫރުކޮށް އެމްއެމްއޭ އިން ބޭރު ފައިސާގެ ގަވާއިދަށް ބަދަލު ގެނައީ އޮކްޓޯބަރު 1، ގަ އެވެ. މި ގަވާއިދަށް އަމަލުކުރަން ފަށަނީ ޖެނުއަރީ 1، 2025 އިން ފެށިގެންނެވެ.
މިކަމާ ގުޅިގެން ޓޫރިސްޓު ރިސޯޓުތައް ހިންގާ ވިޔަފާރިވެރިންނާއި އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަދަދުން ސިޔާސީންވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. މި ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށްވެސް 50 އަށްވުރެ ގިނަ ރިސޯޓުން ވަނީ އެމްއެމްއޭ އަށް އަންގާފަ އެވެ.
މި ފާޑުކިޔުންތަކާއި ނިންމުންތަކަށް ގޮންޖައްސަވާ ރައީސް މުއިއްޒު މިރޭ ވަނީ ތަކުރާރުކޮށް އެމްއެމްއޭ ގެ ގަވާއިދު ބަދަލުނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު މިހެން ވިދާޅުވި ވެރިކަމަށް ވަޑައިގެންނެވިތާ އަހަރެއް ފުރުން ފާހަގަކުރުމަށް ސަރުކާރުގެ ވެރިންނާއި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުންނާއެކު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
"އަޅުގަނޑުމެން ނެތިން މި ގަވާއިދު ބަދަލުކުރާކަށް. ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. ވަރަށް ސާފުކޮށް މި ދެންނެވީ ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. ގަވާއިދަށް އަމަލުކުރުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ،" ހަރުއަޑުން ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއީ ގާނޫނު އަސާސީއާ އެއްގޮތަށް ކުރާ ކަމެއް ކަމަށާއި މިކަމަށް ގާނޫނީ ގޮތުން ބާރު ލިއްބައި ދިނުމަށް މަޖިލިސް ތެރެއިން ފޮރެކްސް ގާނޫނެއްވެސް ވުޖޫދަށް ގެންނަވާނެ ކަމަށެވެ.
އަދި، ޑޮލަރު މާރު ކުރެވެން ނެތް ކަމަށް ބުނެ ޓޫރިޒަމް ދާއިރާގެ ޕަޔަނިއާޒް އަމަލުކުރެއްވީ ސިޔާސީ ނުފޫޒެއްގައި ޖެހިގެން ކަމަށް ވިދާޅުވެ، ރައީސް ވަނީ ރައްޔިތުންގެ ފަޅީގައި ނެތް، ގައުމަށް ހެޔޮ ނޭދޭ ސިޔާސީ ވެރިންގެ ނުފޫޒުގައި ނުޖެހުމަށް ގޮވާލައްވާފަ އެވެ.
ގަވާއިދަށް އަމަލުކުރެވެން ނެތް ކަމަށް ބުނެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު މެނޭޖިން ޑިރެކްޓަރުކަން ކުރައްވާ ޕަލްސް، އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގާ މަހުޖަނު ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވެސް ވަނީ އެމްއެމްއޭ އަށް ސިޓީ ފޮނުވައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment