17 ނޮވެންބަރު 2024 - 10:22 0
17 ނޮވެންބަރު 2024 - 10:22 0
ބަންގްލަދޭޝް ފުޓްބޯޅައިން ފީފާ ރެޖިސްޓާޑް އެކުވެރިކަމުގެ ދެ މެޗު ކުޅެން ރާއްޖެ އަށް މި ދިން ފުރުސަތުގައި ދިވެހި ފުޓްބޯޅަ އަށް އުންމީދެއް ލިބިގެންދިޔަ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
މިއީ، ރާއްޖޭގެ ކްލަބް ފުޓްބޯޅަ ހުއްޓިފައި އޮންނަތާ އަހަރެން ވާން ގާތްވެފައިވާއިރު، ގައުމީ ޓީމުން އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ކުޅުނު ފުރަތަމަ މެޗުތަކެވެ. އެ ގޮތުން، އަހަރެއް ފަހުން ކުޅުނު ފުރަަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހު ބަންގްލަދޭޝް އަތުން 1-0 އިން ތާރީހީ މޮޅެއް ހޯދި އެވެ.
އެކަމަކު، ދެ ވަނަ މެޗުގައި އިއްޔެ ރާއްޖޭން ލީޑުނަގާފައިވަނިކޮށް ބަންގްލަދޭޝް އިން ވަނީ ފަހު ވަގުތު ގޯލު ޖަހައި، 2-1 އިން މޮޅުވެފަ އެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ވަނީ، ރާއްޖެ އަށް މި މެޗުތައް ކުޅުމުގެ ފުރުސަތު ދިނީތީވެ، ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އަށް ޝުކުރު އަދާކޮށްފަ އެވެ.
"އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން އިންޓަނޭޝަނަލް ފުޓްބޯޅައާ ދުރުގައި ހުރެފައި ދިރުމެއް ލިބުމުގެ އިހުސާސް މި މެޗުތަކުން ކުރެވިއްޖެ. އަހަރެމެންގެ ގައުމުގައި ތިބި ގިނަ ބަޔަކަށް އުންމީދެއް ލިބިގެންދިޔައީ އަދިވެސް ރަނގަޅު ލީގަކާއި ރަނގަޅު ލެވަލަށް ފުޓްބޯޅަ ރާއްޖޭގައި އޮތިއްޔާ ގައުމީ ޓީމު ރަނގަޅުވާނެކަމުގެ. އެއީ، އެއްވެސް ވަރަކަށް ކްލަބް ފުޓްބޯޅަ ނެތި، އެއްވެސް އިންޓަނޭޝަނަލް މެޗެއް އަހަރެއްހާ ދުވަހު ނެތި އަހަރެމެން އައިސް މި ކުޅުނީ ރަނގަޅު މެޗުތަކެއް،" ސުޒޭން ބުންޏެވެ.
ބަންގްލަދޭޝްގެ ކޯޗު ހަވިއޭ ކަބްރޭރާ ބުނީ، ފުރަތަމަ މެޗުގައި ވެސް އޭނާގެ ޓީމުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި ދެ ވަނަ މެޗުގައި ވެސް ތަކުރާރުކުރީ އެކަން ކަމަށެވެ. ބޮޑު ތަފާތަކީ ދެ ވަނަ މެޗުގައި އެ ޓީމުން ދެ ގޯލު ޖަހައިގެން މޮޅުވުން ކަމަށާއި ކުޅުމަށް ބަލާއިރު، މި ދެ މެޗުން ވެސް މޮޅުވުން ހައްގީ ބަންގްލަދޭޝް ކަމަށް ކަބްރޭރާ ވަނީ ބުނެފަ އެވެ.
މި އަހަރު ބަންގްލަދޭޝް އިން ކުޅުނު އިންޓަނޭޝަނަލް އަށް މެޗުގެ ތެރެއިން ހަ މެޗުން ބަލިވިއިރު، މޮޅުވީ ދެ މެޗުންނެވެ. ކަބްރޭރާ ބުނީ، ބޫޓާން އަތުން ބަލިވި މެޗާއި ރާއްޖެ އަތުން ބަލިވި މެޗަކީ ހަގީގަތުގައި ބަދަލުކުރެވޭނެ ނަތީޖާތައް ކަމަށާއި، އެ ދެ މެޗުގެ ނާކާމިޔާބީ އަކީ މާޔޫސްވި ކަމެއް ކަމަށެވެ.
މި އަހަރުގެ ނިޔަލަށް ބަންގްލަދޭޝްގެ ކޯޗަކަށް ހުންނަން މި ވަގުތު ކޮންޓްރެކްޓް އޮތް ކަބްރޭރާ ބުނީ، އޭނާ އެ ޓީމުގައި މަޑުކުރުމާ ބެހޭގޮތުން، ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނާ ވާހަކަ ދައްކާނެ ކަމަށާއި މިއީ، ޕްރޮފެޝަނަލް ކެރިއަރުގައި ކޯޗިންގައި އޭނާ ކުރި އެންމެ ހިތްހަމަޖެހޭ މަސައްކަތް ކަމަށެވެ.
އަދި އޭޝިއަން ކަޕް ކޮލިފައިން އަށް ބަންގްލަދޭޝް ދެން ތައްޔާރުވާއިރު، ލެސްޓާ ސިޓީގެ މިޑްފީލްޑަރު، ހަމްޒާ ޗޯދުރީ އެ ޓީމާ ގުޅޭނެ ކަމަށާއި އެއީ ޓެކްނިކަލީ އަދި ޓެކްޓިކަލީ ޓީމު އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށް ކަބްރޭރާ ވަނީ ބުނެފަ އެވެ.
Comment