Advertisement

މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލް: މަގުސަދަކީ ހައްގުތައް ހަނިކޮށް، މިނިވަންކަން ނަގައިލުން

ނޫސްވެރިކަމުގެ މިނިވަންކަމަާށް ހުރަސް އެޅުން ރަމްޒުކޮށްދޭ ކުރެހުމެއް. މީގެކުރިން ވެސް ރާއްޖޭގެ ބައެއް ސަރުކާރުތަކުން ވަނީ މީޑިއާއަށް ޓާގެޓުކޮށް ގާނޫނުތަކެއް ފާސްކޮށްފައި --- އާޓްވޯކް: އިސްމާއިލް އިމްދާދު/އަދަދު


މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލް: މަގުސަދަކީ ހައްގުތައް ހަނިކޮށް، މިނިވަންކަން ނަގައިލުން

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ބުދަ ދުވަހު މަޖިލީހަށް ހުށަހެޅި ބިލަކީ މީޑިއާތަކުގެ މިނިވަންކަން ގެއްލުވާލަން ހުށަހަޅާފައި އޮތް ބިލެކެވެ.

މުޅި ބިލުގެ މައިގަނޑަށް ބަލައިލި ނަމަވެސް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ބިލުގެ މަގްސަދަކީ މީޑިއާ އާއި ނޫސްވެރިން ގޮޅިއަކަށް ފެއްތުންކަން ސާފުކޮށް އެނގެ އެވެ.

އެ ބިލުގެ ތައާރަފުގެ ގޮތުގައި، އޭގެ މަގުސަދަކީ، "ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީކުރުން" ކަމަށް ބަޔާން ކުރި ނަމަވެސް ގާނޫނުގެ މާއްދާތަކަށް ބަލައިލުމުން ފެންނަނީ މިނިވަންކަން ގެއްލި ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ޖެހިގެންދާ މަންޒަރެވެ.

އެ ބިލު އޮތް ގޮތަށް ފާސްވެއްޖެ ނަމަ ނޫސްވެރިން އަމަލު ކުރަންޖެހޭ ހަމަތަކަކާއި އުސޫލުތަކާއި ސުލޫކު ވެސް ކަނޑައަޅާނީ އެ ގާނޫނުގެ ދަށުންނެވެ. ބިލު ފާސްވެއްޖެ ނަމަ، ގާނޫނާއެކު އުފެދޭ ކޮމިޝަނަށް، ނޫސްތަކާއި ޓީވީ ސްޓޭޝަން ބަންދު ކުރުމުގެ ބާރު ކޮމިޝަނަށް ލިބި އެވެ.

ނޫސްތަކާއި ނޫސްވެރިން ކުރުން މަނާ ބައެއް ކަންކަން އެ ގާނޫނުގައި ލިޔެފައި ވަނީ އިންތިހާ ފުޅާކޮށް މާނަ ކުރެވިދާނެ ގޮތަކަށެވެ. ގާނޫނާއެކު އުފެދޭ ކޮމިޝަނުގެ ފުރިހަމަ ކޮންޓްރޯލް ލިބޭނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ.

އެ ބިލުގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އާއި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާއި ސަރުކާރާ އެލައިންޑް ބައެއް ނޫސްތަކުގެ ނޫސްވެރިންނާއި ދިވެހިރާއްޖޭގައި ވެޓަރަން ނޫސްވެރިން ވަނީ ބުނެފަ އެވެ.

މީޑިއާ ކޮންޓްރޯލް ކުރާ ބިލް: މިނިވަންކަމަށް ނުރައްކަލެއް

މީޑިއާގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް ހުށަހަޅާފައިވާ ބިލުގައި ކަންބޮޑުވާ ވަރަށް ގިނަ މާއްދާތައް އެބަހުއްޓެވެ. ތިރީގައި މި ފާހަގަކޮށްލަނީ އޭގެ ތެރެއިން ގިނަ ކަންކަމާއި ކަންބޮޑުވާންޖެހޭ ސަބަބުތަކެވެ.

ބިލުގެ މަގުސަދުތައް

  • 2 ވަނަ މާއްދާގެ ނ. - އުސޫލުތަކާއި ހަމަތައް ކަނޑައެޅުން
  • 2 ވަނަ މާއްދާގެ ކ. - ސުލޫކީ މިންގަނޑުތައް ކަނޑައެޅުން

މީޑިއާއިން އަމަލު ކުރަންޖެހޭ އުސޫލުތައް އަދި ސުލޫކީ މިންގަނޑު ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ރައްޔިތުންގެ މަޖިލީހުން އެ އުސޫލާއި ސުލޫކު ހަދާއިރު އިސްކަންދޭނީ މީޑިއާގެ މިނިވަންކަމަށްވުރެ ބޮޑަށް އެ މީހުންގެ މަސްލަހަތު ހިމާޔަތް ކުރެވޭތޯ އެވެ.

އިންތިގާލީ މަރުހަލާ

  • 15 ވަނަ މާއްދާ - ވަގުތީ ގޮތުން ކޮމިޝަން ހިންގުން ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެންބަރުންގެ ޓީމަކުން ވަގުތީ ގޮތުން ކޮމިޝަން ހިންގުން

ގާނޫނުގައި ބުނެފައި އޮތް ގޮތުން ކޮމިޝަން އުފެދުމާއެކު މިހާރު މީޑިއާ ރެގިއުލޭޓް ކުރާ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އުވޭނެ އެވެ. ދެން ގާނޫނުން އަލަށް އުފެދޭ ރެގިއުލޭޓަރީ ބޮޑީ ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުގެ ޓީމަކުންނެވެ.

އެއިރުން، މީޑިއާ ރެގިއުލޭޓް ކުރުމުގެ ބާރު އެ ލިބެނީ އަނެއްކާ ވެސް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ބައެއްގެ އަތްމައްޗަށެވެ.

ކޮމިޝަނުގެ އޮނިގަނޑު

  • 17 ވަނަ މާއްދާގެ ހ. އަދި ށ. އިން ކޮމިޝަން އެކުލެވިގެންވާ ގޮތް - ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ހަތަރު މެންބަރުން އަދި މީޑިއާތަކުން އިންތިހާބު ކުރާ ތިން މެންބަރުން
  • 19 ވަނަ މާއްދާގެ ހ. - ރައީސް އައްޔަން ކުރާ މެންބަރުންގެ ތެރެއިން ރައީސްއަށް ފެންނަ މީހެއްގެ ނަން މަޖިލީހަށް ފޮނުވުން

ކޮމިޝަނުގައި ހަތް މެންބަރުން ތިބޭއިރު އޭގެ ތެރެއިން ހަތަރު މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންނެވެ. ރައީސް ނޮމިނޭޓް ކުރާ ނަމެއް މަޖިލީހުން ފާސް ކުރަންޖެހުނު ނަމަވެސް ނަން ފޮނުވުމުގެ ފުރިހަމަ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

މީޑިއާގެ ފަރާތުން އިންތިހާބު ކުރަނީ އެންމެ ތިން މެންބަރުންނެވެ. އެހެންކަމުން ކޮމިޝަނުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަތުގަ އެވެ.

  • 21 ވަނަ މާއްދާގެ ނ. - މީޑިއާގެ ފަރާތުން އިންތިހާބު ކުރާ ބަޔަކު ހޮވަން ވޯޓުލެވޭނީ މަދުވެގެން ފަސް އަހަރު ހަރަކާތްތެރިވެފައިވާ މީޑިއާތަކަށް

މީޑިއާގެ ފަރާތުން އެ ކޮމިޝަނަށް އިންތިހާބު ކުރާ މީހުން ހޮވަން ބާއްވާ އިންތިހާބުގައި ވޯޓު ލެވޭނީ ފަސް އަހަރު ފުރިފައިވާ މީޑިއާތަކަށެވެ. އެގޮތަށް އޮތުމުން ވަަރަށް ގިނަ މީޑިއާތަކަށް ވޯޓުލުމުގެ ހައްގު ގެއްލޭނެ އެވެ.

  • 22. ވަނަ މާއްދާގެ ހ. - ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް (މަޖިލީހުން ފާސް ކުރަންޖެހޭ)

މީޑިއާ ކޮންޓްރޯލް ކުރާ ކޮމިޝަނުގެ ރައީސް އާއި ނައިބު އައްޔަން ކުރުމުގެ ބާރު ވެސް ބިލުގައިވާ ގޮތުން ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެ ކޮމިޝަނުގެ ރައީސްއަކީ ކޮމިޝަން ދުވަހުން ދުވަހަށް ހިންގުމުގެ މައިގަނޑު ޒިންމާ ނަގަންޖެހޭ ފަރާތެވެ. އެހެންކަމުން އަނެއްކާ ވެސް އެ ލިބުނީ ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ބާރެކެވެ.

  • 25 ވަނަ މާއްދާގެ ޅ. - މެންބަރުންގެ ޒިންމާ / ކޮމިޝަނުން ސިއްރު ގޮތުގައި ހިފަހައްޓާ ކަންކަން ސިއްރު ކުރުން

މީޑިއާ ކޮންޓްރޯލް ބިލުގައިވާ ގޮތުން ކޮމިޝަނުން ސިއްރު ގޮތުގައި ކަނޑައަޅާ ކަންކަމުގެ ސިއްރުވެރިކަން ގެއްލުވައިލުމަކީ ގާނޫނީ ކުށެކެވެ. އެހެން އޮތުމުން، ވިސްލްބްލޯ ކުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެ އެވެ. ކޮމިޝަނުން ކޮންމެ ގޮަތަކަށް މަސައްކަތް ކުރި ނަމަވެސް އެކަން އޮންނާނީ ސިއްރުވެފަ އެވެ.

  • 28 ވަނަ މާއްދާގެ ހ. ގެ ހަތަރު ވަނަ ނަންބަރު - އަދި އެ މާއްދާގެ ށ. - ކުރުން އެކަށީގެން ނުވާ ކަމެއް ކޮށްފި ނަމަ ނުވަތަ ނާގާބިލުވެއްޖެ ކަން މަޖިލީހުން ކަނޑައެޅުން

ބިލުގައިވާ ގޮތުން ކޮމިޝަނުގެ މެންބަރުން ވަކި ކުރެވެނީ ރައްޔިތުންގެ މަޖިލީހަށެވެ. އެކަމަކު މެންބަރުން ވަކި ކުރަން ބިލުގައި ކަނޑައަޅާފައި އޮތީ ފަސޭހަ އިޖުރާއަތެކެވެ. މެންބަރުން ކޮށްލާ ކުޑަ ކަމަކުން ނަމަވެސް މެންބަރުކަމުން ވަކި ކުރެވިދާނެ އެވެ.

  • 32 ވަނަ މާއްދާ - އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ ރައީސްއަށް ސިޓީ ފޮނުވަންޖެހުން

މީޑިއާ ކޮންޓްރޯލް ކޮމިޝަނުން މެންބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ އެކަން އަންގަންޖެހެނީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެހެން އެ މާއްދާ އޮތުމުން، މުޅި ކޮމިޝަނުގެ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާކަން އަނެއްކާ ވެސް ސާފުކޮށް ދޭހަ އެވެ.

ސުލޫކީ މިންގަނޑު

  • 38 ވަނަ މާއްދާގެ ހ. - ނޫސްވެރިންގެ ސުލޫކީ މިންގަނޑު އެކުލަވާލުން

މިނިވަން، މުސްތަގިއްލު އަދި ކުރިއަރާފައިވާ ހުރިހާ މުޖްތަމައެއްގައި ވެސް މީޑިއާއިން އަމަލު ކުރާ އުސޫލުތައް ކަނޑައަޅަނީ މިނިވަން ބޮޑީއަކުންނެވެ. ނުވަތަ އެ މީޑިއާއަކުން އަމިއްލައަށެވެ. ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ބިލެއްގެ ދަށުން އުފައްދާ ކޮމިޝަނަކުން މީޑިއާގެ ސުލޫކު ކަނޑައެޅުމުން މީޑިއާގެ މިނިވަންކަން އޮންނާނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ.

  • 39 ވަނަ މާއްދާ އަދި އެ މާއްދާގެ އ. - ނޫސްވެރިންގެ ހަމަތަކުގެ ތެރޭގައި ނޫސްވެރިޔާ ވަކި ނުފޫޒެއްގައި ޖެހިފައިނުވާނެ ކަމަށް ބަޔާން ކުރުން

ނުފޫޒެއްގެ ދަށުވެފައި ނުވުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަ ކުރެވިދާނެ ޖުމުލައެކެވެ. ނޫސްވެރިން ލިޔާ ލިޔުންތަކުގައި ކޮންމެވެސް ސިޔާސަތަކަށް ތާއީދު ކުރުމަކީ އޭގެ ޒާތުގައި ވެސް އެކަން ހިނގާނެ މަގެވެ. އެ ލިޔުމެއް ލިޔަން ފަށާނީ ވެސް ނޫސްވެރިޔާއަށް ކޮންމެވެސް ހިޔާލަކަށް ތާއީދު ކުރެވިގެންނެވެ.

ނޫސްވެރިޔާ އެއްވެސް ނުފޫޒެއްގައި ޖެހިފައި އޮވެގެން ނުވާނެ ކަމަށް ބުނުމަކީ ގެންގުޅެންޖެހޭނީ ރޮބެޓު ވިސްނުމެއް ކަމަށް ބުނުމެވެ. އަމިއްލަ މިނިވަންކަމާއި ހިޔާލު ދޫކޮށްލަންޖެހޭނެ ކަމަށް ބުނުމެވެ. އެއީ ސިކުނޑީގައި ތަޅުއެޅުވުން ފަދަ ކަމެކެވެ.

  • 41 ވަނަ މާއްދާގެ ޅ. - ވަކި ފަރާތަކަށް ފާޑުކިޔައި ހިޔާލު ފާޅު ކުރާ ކަމަށްވާ ނަމަ، އިންސާފުވެރިކަމާއެކު ހަމަހަމަ ކުރަންވާނެ

މި މާއްދާ ވެސް ލިޔެފައި ވަނީ ވަރަށް ފުޅާކޮށް މާނަ ކުރެވިދާނެ ފަދަ ގޮތަކަށެވެ. މިސާލަކަށް ރައީސުލްޖުމްހޫރިއްޔާއަށް އިދިކޮޅުން ފާޑުކިޔައިފި ނަމަ އެ ވާހަކަ ނޫހަކުން ގެނެސްދޭއިރު، ހަމަހަމަކަމާއެކު ގެނެސްނުދެވުނުކަން ކަނޑައެޅުމަކީ ކޮމިޝަނަށް ކުރެވިދާނެ ވަރަށް ފަސޭހަ މަސައްކަތެކެވެ.

  • 42 ވަނަ މާއްދާގެ ށ. - އޮޅުން އަރާ ފަދަ ގޮތަކަށް ތެދު ހާމަ ނުކުރާ މައުލޫމާތު ހާމަ ނުކުރުން އަދި ތެދު މައުލޫމާތު ހިފަހައްޓާފައި ނުވުން

މި މާއްދާގައި ސީދާ މި ބުނާ އެއްޗެއް ނޭނގެ އެވެ. މާއްދާ ލިޔެފައި އޮތީ ވެސް ވަރަށް އޮޅުންއަރާ ގޮތަކަށެވެ. ބެލެވޭ ގޮތުގައި އެ ބުނާ ވާހަކައަކީ ތެދު މައުލޫމާތު ގެނެސްދިން ނަމަވެސް އެއީ އޮޅުން އަރާ ގޮތަކަށް އެ ވާހަކަ ނުގެނެސްދިނުމުގެ ވާހަކަ އެވެ.

މިއީ ވެސް އަނެއްކާ ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވިދާނެ މާއްދާއެކެވެ. މައުލޫމާތެއް ގެނެސްދީފައި އޮތީ އޮޅުން އަރާ ގޮަތަކަށް ކަމަށް ނިންމުމުގެ ބާރު ކޮމިޝަނަށް އެ މާއްދާގެ ދަށުން ލިބެ އެވެ.

  • 42 ވަނަ މާއްދާގެ ނ. - ތެދު މައުލޫމާތެއް، ދޮގެއް ކަމަށް ދޭހަވާ ގޮތަށް ނުގެނެސްދިނުން

ދިވެހި މުޖްތަމައަށް މިވަގުތު ބަލާލައިފި ނަމަ ތެދާއި ދޮގަކީ އެކި މީހުންނަށް ތަފާތު އެއްޗެއްކަން ޔަގީންވެ އެވެ. ރައީސުލްޖުމްހޫރިއްޔާ ދައްކަވާފައި ހުރި ބައެއް ވާހަކަތަށް އެއީ ދޮގު ކަމަށް އިދިކޮޅުން ބުނާއިރު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނަނީ ރައީސް ދޮގެއް ނުހައްދަވާ ކަމަށެވެ.

ތެދާއި ދޮގު ކަނޑައެޅުމުގެ ބާރު ސަރުކާރު ކޮންޓްރޯލް ކުރާ ކޮމިޝަނަކަށް ދިނުމުން، ސަރުކާރުން ހިތްނޭދޭ ކޮންމެ ލިޔުމެއް ވާނީ ދޮގަކަށެވެ.

  • 42 ވަނަ މާއްދާގެ ރ. - ހަބަރެއް ނުވަތަ މައުލޫމާތެއް ނުވަތަ ހިޔާލެއް ފާޅު ކުރުމުގައި އަމިއްލަ މަސްލަހަތެއް ހިމެނޭ ނަމަ އެ މަސްލަހަތެއް ހާމަ ކުރުން

ނޫސްވެރިޔާގެ އަމިއްލަ މަސްލަހަތު އޮންނަ ލިޔުމެއްގައި އެ މަސްހަލަތެއް ހާމަ ކުރަންޖެހޭނެ ކަމަށް ލިޔުމަކީ ވަރަށް ޖޯކު ކަމެކެވެ. މިސާލަކަށް އެ ބިލު ފާސްވި ފަހުން މި ލިޔުން ލިޔާ ނަމަ މިއީ ނޫސްވެރިޔާގެ އަމިއްލަ މަސްލަހަތު ހިމެނޭ ލިޔުމެއް ކަމަށް ބަޔާން ކުރަންޖެހޭނެ އެވެ.

އަމިއްލަ މަސްލަހަތު ހުރި ކަމެއްގައި ވެސް އިންސާފުވެރިކޮށް ލިޔުމަކީ ނޫސްވެރިޔާ ގެންގުޅޭނެ ކޯޑް އޮފް އެތިކްސް އެވެ. އެކަމަކު އެ މަސްލަހަތެއް ކޮންމެ ލިޔުމެއްގައި ފާހަގަ ކުރަންޖެހޭ ނަމަ ނޫހެއްގައި ލިޔާ ވަރަށް ގިނަ ލިޔުންތަކުގައި އެކަން ފާހަގަ ކުރަންޖެހޭނެ އެވެ.

  • 42 ވަނަ މާއްދާގެ ބ. - އެއްވެސް ފަރާތެއްގެ އަބުރުވެރިިކަމުގެ ގޮތުގައި ބެލެވޭ އަމިއްލަ މައުލޫމާތު ހާމަނުކުރުން

މިއީ ވެސް އަނެއްކާ ވަރަށް ފުޅާކޮށް މާނަ ކުރެވިދާނެ މާއްދާއެކެވެ. ނޫސްވެރިޔާ ވިސްނުމުން ވިސްނާ ނަމަ ޕަބްލިކް އޮފިޝަލުން ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ޕާސަނަލް ކަންކަން މަދުވާނެ އެވެ. ކޮންމެ ކަމަކީ ވެސް އާންމުންނަށް އެނގެންޖެހޭނެ ކަންކަމެވެ.

މިސާލަކަށް ރައީސްގެ ސިއްހީ މައްސަލައެއް އުޅޭ ނަމަ އެއީ ވެސް ހަގީގަތުގަިއ ރައްޔިތުންނަށް އެނގެންޖެހޭ މައުލޫމާތެވެ. ކުރިއަރާފައިވާ މުޖްތަމައުގައި ކަންކަން ހިނގާ އުސޫލަކީ އެއީ އެވެ. ނަމަވެސް ޒާތީ މައުލޫމާތު ކަނޑައެޅުމުގެ ބާރު ކޮމިޝަނަށް ދިނުމުން ނޫސްވެރިން ކުށްވެރިވާ ހާލަތުތައް ވަރަށް ގިނަވާނެ އެވެ.

  • 42 ވަނަ މާއްދާގެ ކ. - ވަކި ފަރާތަކަށް ފާޑު ކިޔާ ނަމަ ހަމަޔާއި އިންސާފު ބެހެއްޓުން

ކޮންމެ ލިޔުމެއްގައި ވެސް ހަމަޔާއި އިންސާފު ބެހެއްޓުމަކީ ނޫސްވެރިޔާގެ ޒިންމާއެކެވެ. ނަމަވެސް އެ ހަމަޔާއި އިންސާފު ކޮމިޝަނަކުން ކަނޑައަޅާ ނަމަ އެއީ މައްސަލައެކެވެ. ކޮންމެ ލިޔުމަކީ ވެސް އިންސާފުވެރި ލިޔުމެއް ނޫން ކަމަށް ބުނެވިދާނެ އެވެ. ފާޑުކިޔުމަށް އޮތް މަގު ވަރަށް ބޮޑަސް ހަނިވާނެ އެވެ.

  • 44 ވަނަ މާއްދާގެ ހ. - ދޮގަކަށް ވެދާނެ ކަމަށް ބެލެވޭ މައުލޫމާތު ހާމަ ނުކުރުން

ދޮގަކަށް ބެލެވޭނެ މައުލޫމާތަކީ ކޮބައިކަން ބަލާނީ ކިހިނެއް ހެއްޔެވެ؟ މީހަކު ބުނާ ވާހަކައެއް ފަހުން އެއީ ދޮގަކަށް ވެސް ވެދާނެ އެވެ. ތެދު ކަމަށް ބެލެވޭ މައުލޫމާތު ފަހުން ދޮގަކަށް ވެފައި އެބަ ހުއްޓެވެ. ފުލުހުން މީޑިއާއަށް ފޮނުވާ މެސެޖުތަކުގައި ހުންނަނީ "ވައްކަން ކުރި މީހަކު" ހައްޔަރު ކުރި ކަމަށެވެ. ނަމަވެސް އޭނާ ވައްކަން ނުކުރާ ކަމަށް ފަހުން ކޯޓުން ކަނޑައަޅަ އެވެ.

  • 44 ވަނަ މާއްދާގެ ނ. - ސާބިތު ނުހިފޭ މައުލޫމާތެއް ހާމަ ކުރާ ނަމަ އެއީ ސާބިތު ނުހިފޭ މައުލޫމާތެއް ކަން ބަޔާން ކުރުން

މި މާއްދާގެ ސަބަބުން ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާނެ އެވެ. އިދިކޮޅުން އަދި ސަރުކާރުން ވެސް ދައްކާ ގިނަ ވާހަކަތައް އެއިރުން ގެނެސްދޭއިރު، އެއީ ސާބިތު ނުހިފޭ ވާހަކައެއް ކަމަށް ބަޔާން ކުރަންޖެހޭނެ އެވެ.

ވަރަށް ގިނަ ފަހަރު ނޫސްވެރިން ހިންގަންޖެހޭނީ ބޮޑު ތަހުގީގެކެވެ. ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ވާހަކަ ގެނެސްދިން ނަމަވެސް އެއީ މިވަގުތު ސާބިތުނުހިފޭ ވާހަކައެއް ކަމަށް ބުނަންޖެހޭނެ އެވެ.

ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުން

  • 46 ވަނަ މާއްދާގެ ހ. - ރަޖިސްޓްރީނުކޮށް ނޫސް މަޖައްލާ ނުހިންގުން
  • ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީ އިން ރައްޔިތުންނަށް ދީފައިވާ އަސާސީ ހައްގެކެވެ. ނަމަވެސް މި މާއްދާ އޮތް ގޮތުން މީހަކަށް ބްލޮގެއް ހިންގޭނީ ވެސް ސަރުކާރުގައި ރަޖިސްޓްރީކޮށްގެންނެވެ.

    މި މާއްދާއިން ދޭހަ ވަނީ ސަރުކާރުން ބޭނުން ވަނީ އާންމުންނާ ހަމައަށް ފޯރުކޮށްދޭ ކޮންމެ ޖުމުލައެއް ފާސްކޮށްގެން ނެރެންޖެހޭ ގޮތަށް ހެދުން ކަމަށެވެ. އެއީ މިނިވަން މުޖްތަމައެއްގައި ކުރެވޭނެ ކަމެއް ނޫނެވެ.

    • 53 ވަނަ މާއްދާ - ކޮމިޝަނުން ބޭނުންވެގެން މައުލޫމާތަކަށް އެދިއްޖެ ނަމަ ހަތް ދުވަހުގެ ތެރޭގައި އެ މައުލޫމާތެއް ފޯރުކޮށްދިނުން

    މި މާއްދާ އޮތީ ވަރަށް ކަންބޮޑުވާންޖެހޭ ގޮތަކަށެވެ. ނޫސްތަކާއި ނޫސްވެރިންނަށް އެމީހުންގެ މަސްދަރުތަކުން ފޯރުކޮށްދޭ ސިއްރު މައުލޫމާތުތައް ވެސް ކޮމިޝަނަށް ފޯރުކޮށްދޭންޖެހޭނެ އެވެ. މިނިވަން އަދި ތަހުގީގީ ނޫސްވެރިކަމެއް ކުރުމުގެ ޖާގަ މި މާއްދާގެ ދަށުން ހަނިވާނެ އެވެ.

    • 55 ވަނަ މާއްދާ - ނޫސް މަޖައްލާތަކުގެ ސުލޫކު އެކުލަވާލަންވާނީ ގާނޫނުގައި ބަޔާން ކުރާ މިންގަނޑާ އެއްގޮތްވާ ގޮތުގެ މަތިން ބަޔާން ކުރުން

    ނޫސްތަކުން އަމިއްލަ ސުލޫކީ މިންގަނޑެއް ކަނޑައެޅި ނަމަވެސް އޭގައި ތަބާވާންޖެހޭނީ ގާނޫނުގައި ބުނާ ހަމަތަކަށެވެ. އެއިރުން ކޮންމެ ގޮތެއް ވިޔަސް ސުލޫކީ މިންގަނޑެއް އެކުލަވާލެވޭނީ މަޖިލީހުން ކަނޑައަޅާ ސިޔާސީ ހަމަތަކެއްގެ ދަށުންނެވެ.

    • 56 ވަނަ މާއްދާގެ ށ. - އެއްވެސް ޝާއިއު ކުރުމެއްގައި މައްސަލައެއް ދިމާވެއްޖެ ނަމަ އެ ލިޔުމެއް ލިޔުނު މީހާ ނުވަތަ އެ ފޮޓޯއެއް ނެގި މީހާ ޒިންމާވާންޖެހުން

    ނޫސްވެރިޔާ ހަރަކާތްތެރިވަނީ އެމީހެއް މަސައްކަތް ކުރާ ނޫހެއްގެ ވިސްނުމާ އެއްގޮތަށެވެ. މި މާއްދާ އޮތް ގޮތުން ނޫސްވެރިޔާ ޕާސަނަލީ އެ ލިޔުމަކަށް ޒިންމާ ކުރުވުމުން، މިނިވަންކަމާއެކު ހަރަކާތްތެރިވާން ޖެހިލުންވާނެ އެވެ.

    • 59 ވަނަ މާއްދާގެ ހ. ނޫސްވެރިންގެ ދަފުތަރެއް އެކުލަވާލުން

    ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ އެންމެންގެ ދަފުތަރެއް އެކުލަވާލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކޮންމެ ނޫސްވެރިއެއްގެ މައުލޫމާތު ސަރުކާރަށް އެނގިފައި އޮތުން މުހިންމު ވަނީ ސަރުކާރަށް އެކަންޏެވެ.

    • 64 ވަނަ މާއްދާގެ ހ. ގެ 1 އަދި 2 ވަނަ ނަންބަރު - ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކޮމިޝަނަށް ކޮންމެ މީހަކު ވެސް ހާޒިރު ކުރުމުގެ ބާރު

    ބިލުގެ ދަށުން ކޮމިޝަނަށް ވަރަށް ބޮޑެތި ބާރުތަކެއް ވަނީ ދީފަ އެވެ. ނޫސްވެރިއެއް ނޫން ނަމަވެސް މީޑިއާއެއްގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުން ވެސް މި މާއްދާގެ ދަށުން ކޮމިޝަނަށް ހާޒިރު ކުރެވިދާނެ އެވެ. މިއީ އަނެއްކާ ވެސް މީޑިއާގެ މައްޗަށް އިންތިހާއަށް ބާރު ފޯރުވެނޭ ގޮތަށް ފަރުމާކޮށްފައި އޮތް މާއްދާއެކެވެ.

    • 64 ވަނަ މާއްދާގެ ހ. ގެ 3 ވަނަ ނަންބަރު - ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅުން ހުރި ކަމަށް ފެންނަ ހުރިހާ ލިޔެކިޔުންތަކެއް ހޯދުން

    ނޫސްވެރިއެއްގެ އަތުގައި މުހިންމު އަދި ސިއްރު ވަރަށް ގިނަ ލިޔުންތައް ހުންނާނެ އެވެ. އެ ލިޔުންތައް ކޮމިޝަނަށް ދޭންޖެހޭ ގޮތަށް ގާނޫނެއްގައި ލިޔުމުން އެ ގެއްލެނީ ވަރަށް ބޮޑު އިތުބާރެކެވެ. ސިއްރު ލިޔުންތައް ނޫސްވެރިޔާއަށް ފޯރުކޮށްދޭން މީހުން ޖެހިލުންވާނެ އެވެ.

    • 66 ބަނަ މާއްދާގެ ބ. - އާމްދަނީގެ 10 ޕަސެންޓަށްވުރެ ބޮޑު ނޫން އަދަދަކުން ބްރޯޑްކާސްޓަރުން ޖޫރިމަނާ ކުރުން

    ރާއްޖޭގެ ހިންގާ ޓީވީ ސްޓޭޝަންތަކަކީ މާ ބައިވަރު އާމްދަނީއެއް ލިބިގެން ހިންގާ ތަންތަނެއް ނޫނެވެ. އެތަންތަނަށް ލިބޭ އާމްދަނީގެ 10 ޕަސެންޓަކީ ވަރަށް ބޮޑު އަދަދެކެވެ. އެވަރުގެ އަދަދަކުން ޖޫރިމަނާ ކުރާ ނަމަ ޖެހޭނީ ތަން ބަންދު ކުރާށެވެ.

    • 66 ވަނަ މާއްދާގެ ޅ. - ބްރޯޑްކާސްޓް ކުރާ ޕްރޮގްރާމެއްގެ ބައެއް ހުއްޓުވާލުން އެންގުން

    ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ނުވަތަ ތަހުގީގު ކުރި މައްސަލައަކާ ގުޅިގެން ޓީވީއަކުން ބްރޯޑްކާސްޓް ކުރާ ބައެއް ޕްރޮގްރާމްތައް ހުއްޓާލަން އެންގުމުގެ ބާރު ބިލުގެ ދަށުން ލިބެ އެވެ. ގާނޫނުގެ ގިނަ މާއްދާތައް މާނަކޮށްފައި އޮތް ގޮތުން އެފަދަ އެންގުންތައް އެންގިދާނެ ވަރަށް ގިނަ ހާލަތުތައް ދިމާވާނެ އެވެ.

    • 66 ވަނަ މާއްދާގެ ކ. - ގައުމީ ސަލާމަތް އަދި އާންމު ނިޒާމަށް ގެއްލުންވާ ކަމެއް ނަމަ ބްރޯޑްކާސްޓު ކުރުން ހުއްޓުވުމުގެ ބާރު

    އާންމު ނިޒާމަށް ގެއްލުންވާނެ ކަންކަން ކޮމިޝަނަށް ކަނޑައެޅުމުގެ ބާރު ލިބުމުން، އެ ކޮމިޝަނުން ނުރުހޭ ކޮންމެ ކަމެއް ހުއްޓުވުމުގެ ބާރު ލިބޭނެ އެވެ. މިއީ ވެސް ވަރަށް ފުޅާ ދާއިރާއެއްގައި މާނަ ކުރެވޭ ގޮތަށް ފަަރުމާކޮށްފައި އޮތް މާއްދާއެކެވެ.

    • 67 ވަނަ މާއްދާގެ ބ. - ބައި ލައްކަ ރުފިޔާއާ ހަމައަށް ނޫސް މަޖައްލާ ޖޫރިމަނާ ކުރުން

    ނޫހަކަށް ލިބޭ އާމްދަނީއަށް ބަލާއިރު ބައި ލައްކަ ރުފިޔާއަކީ ވަރަށް ބޮޑު އަދަދެކެވެ. އެންމެ މަހަކު ނަމަވެސް އެ ވަރުގެ އަދަދެއް ދައްކަންޖެހިއްޖެ ނަމަ އެކަން ވާނީ ނޫހަކަށް ލިބޭ މާލީ ބޮޑު ގެއްލުމަކަށެވެ. އެގޮތަށް ދެ ތިން ފަހަރު ޖޫރިމަނާ ދައްކަންޖެހިއްޖެ ނަމަ ޖެހޭނީ ނޫސް ބަންދު ކުރާށެވެ.

    • 67 ވަނަ މާއްދާގެ ޅ. - ކަމެއް ރަނގަޅު ކުރަން އެންގުމަށްފަހު ރަނގަޅުނުކޮށްފި ނަމަ ރަޖިސްޓްރީ ބާތިލު ކުރުން ނުވަތަ މައްސަލައެއް ބަލައި ނިމެންދެން ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރުން

    ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ބަލައި ނިމެންދެން ވަގުތީ ގޮތުން ނޫސް ހުއްޓުވާލުމުގެ ބާރަކީ މި ގާނޫނުގެ ދަށުން ކޮމިޝަނަށް ދީފައި އޮތް އެންމެ ނުރައްކާތެރި ބާރެވެ. ނޫސް ހިންގުން ހުއްޓުވުމުގެ ބާރަކީ ކޮމިޝަނަށް ލިބެންޖެހޭ ބާރެއް ނޫނެވެ.

    • 68 ވަނަ މާއްދާ - ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރުން
    • 68 ވަނަ މާއްދާގެ ށ. - ކަމެއް އިސްލާހުނުކޮށްފި ނަމަ 10،000ރ. އާ ހަމައަށް ޖޫރިމަނާ ކުރުން

    ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރުމާއި އިސްލާހު ކުރަން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ ޖޫރިމަނާ ކުރުމުގެ ބާރު މި ގާނޫނުގެ ދަށުން ކޮމިޝަނަށް ލިބެ އެވެ. މި ގާނޫނުގެ އެހެން މާއްދާތައް ފަރުމާކޮށްފައި އޮތް ގޮތުން މި މާއްދާއަކީ ވަރަށް ނުރައްކާތެރި މާއްދާއަކަށް އެބަވެ އެވެ.

    • 70 ވަނަ މާއްދާގެ ހ. - ސަރުކާރުގެ އިދާރާއަކަށް ހުށަހަޅާފައިވާ ހުރިހާ މައްސަލައެއް ކޮމިޝަނަށް ބެލޭނެ
    • 71 ވަނަ މާއްދާގެ ހ. - މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައި ނުނިމި ހުރި މައްސަލަ ބެލުމުގެ ބާރު

    މީޑިއާ ކައުންސިލަށް މި އަހަރުގެ ތެރޭގައި އެންމެ ގިނައިން ޝަކުވާ ހުށަހެޅި އެއް އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހެވެ. އެއިން ގިނަ މައްސަލަތައް އަދިވެސް މީޑިއާ ކައުންސިލުން ތަހުގީގު ކުރަނީ އެވެ. ގާނޫނު ފާސްވާ ހިސާބުން އެ ހުރިހާ މައްސަލައެއް ބަލާނީ އަލަށް އުފައްދާ ކޮމިޝަނުންނެވެ.

    ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން އެ މައްސަލަތައް ބަލާއިރު، އިންސާފުވެރިކަމާއެކު އެ މައްސަލަތައް ނިންމާނެ ކަމާމެދު ސުވާލު އުފެދެ އެވެ.

    އިނގިރޭސިވިލާތުގައި މީޑިއާ ރެގިއުލޭޓް ކުރާ ގޮތް

    މިނިވަން ކޮންމެ މުޖްތަމައެއްގައި ވެސް އެންމެ މުހިންމު ދައުރެއް އަދާ ކުރަނީ ނޫސްވެރިންނާއި ނޫސްތަކެވެ. ސަރުކާރުން ދައްކަން ބޭނުންވާ ވާހަކަތައް ރައްޔިތުންނާ ހަމައަށް ގެނެސްދެނީ މީޑިއާ އެވެ. ސަރުކާރުގެ ކޮރަޕްޝަންތަކާއި ގައުމުގެ ބޮޑެތި މައްސަލަތައް ވެސް ރައްޔިތުންނާ ހަމައަށް ތިލި ވަނީ ނޫހަކުން އެކަން ގެނެސްދިނީމަ އެވެ.

    ދިވެހިރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އެއް ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ވާހަކަ ވެސް އެންމެ ފުރަތަމަ "ފަޅައިލީ" ނޫހެއްގަ އެވެ. ސަރުކާރަށް އެ މައްސަލަތައް އެނގުނު ކަމަށްވީ އޭގެ ފަހުންނެވެ. ތަހުގީގެއް ކުރަން ފެށީ އޭގެ ފަހުންނެވެ.

    މިނިވަން ކޮންމެ މުޖްތަމައެއްގައި ވެސް މީޑިއާ ރެގިއުލޭޓް ކުރަނީ މީޑިއާއިންނެވެ. އިނގިރޭސިވިލާތަށް ބަލާ ނަމަ އެ ގައުމުގެ ސަރުކާރުން އުފެއްދީ ޕްރެސް ރިކޮގްނިޝަން ޕެނަލެކެވެ. އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ވެސް ބާރު ނުފޯރުވޭ މިނިވަން ބޮޑީއެކެވެ. ޕްރެސް ރެގިއުލޭޓް ކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް އެ ޕެނަލުގައި ރަޖިސްޓްރީ ކުރެވިދާނެ އެވެ.

    އިނގިރޭސިވިލާތުގައި ޕްރެސް ރެގިއުލޭޓް ކުރަނީ އިންޑެޕެންޑެންޓް މޮނީޓާ ފޯ ދަ ޕްރެސް (އިމްޕްރެސް) އާއި އިންޑެޕެންޑެންޓް ޕްރެސް ސްޓޭންޑާޑްސް އޯގަނައިޒޭޝަން (އިޕްސޯ) އިންނެވެ. އެ ދެ ޖަމިއްޔާއަކީ ވެސް މިނިވަން، މުސްތަގިއްލު އަމިއްލަ ދެ ޖަމިއްޔާ އެވެ.

    ނޫސްތަކާއި ނޫސް ޕަބްލިޝް ކުރާ ކުންފުނިތަކުން އިމްޕްރެސް އަދި އިޕްސޯގައި ރަޖިސްޓްރީ ކުރެވިދާނެ އެވެ. އެކަމަކު އެއީ މަޖުބޫރު ކަމެއް ނޫނެވެ. މީޑިއާތަކުން އެއިން ތަނެއްގައި ރަޖިސްޓްރީކޮށްފި ނަމަ، މީޑިއާގެ މައްސަލައެއް ކޯޓަށް ހުށަހަޅައިފި ހާލަތެއްގައި އެ މީޑިއެއްގެ ދިފާއު ބިނާ ކުރަން ފަސޭހަވެ އެވެ.

    މީޑިއާއަކާ ދެކޮޅަށް އެއްވެސް މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ބަލައި، ފިޔަވަޅެއް އެޅުމުގެ ބާރު އިޕްސޯ އަދި އިމްޕްރެސްއަށް އޮވެ އެވެ. ފިޔަވަޅުތަކުގެ ތެރޭގައި ކޮންޓެންޓު ނެގުމަށް އެންގުމާއި މައާފަށް އެދުމަށް އެންގުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.

    ~

    މީޑިއާ ކޮންޓްރޯލް ކުރާ ބިލުގައި، އޭގެ މަގުސަދަކީ ނޫސްވެރިކަން ކުރިއެރުވުން ކަމަށް ބަޔާން ކުރި ނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. އެއީ މީޑިއާ ކޮންޓްރޯލް ކުރަން ހުށަހަޅާފައި އޮތް ބިލެކެވެ. އެ ބިލުގެ މަގުސަދަކީ މިނިވަންކަން ހަނި ކުރުމެވެ. މީޑިއާ ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެންދިޔުމެވެ.