Advertisement

ސަބްސިޑީގެ ބޮޑު ބަދަލު އަންނަ އޭޕްރިލްގައި، އަގުތައް 3.9 ޕަސެންޓު އުފުލޭނެ

13 ނޮވެންބަރު 2024 - 08:52 1

އަމަން ހަލީމް

އަމަން ހަލީމް

ލޯކަލް މާރުކޭޓުގައި ވިއްކަން ހުރި މޭވާތަކެއް: މިހާރު އެންމެ ބޮޑަށް އަގު އުފުލެނީ ކާބޯތަކެތީގެ ބާވަތްތަކުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ސަބްސިޑީގެ ބޮޑު ބަދަލު އަންނަ އޭޕްރިލްގައި، އަގުތައް 3.9 ޕަސެންޓު އުފުލޭނެ

13 ނޮވެންބަރު 2024 - 08:52 1

މިހާރު އޮންނަ އެންމެނަށް ލިބޭ ސަބްސިޑީ ނިޒާމު އުވާލައި، ޑައިރެކްޓް ސަބްސިޑީ ދޭ ކޭޝް ޓްރާންސްފާގެ ނިޒާމަށް ބަދަލުކުރުމުން، އަންނަ އަހަރުގެ ތެރޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް ނުވަތަ އިންފްލޭޝަން 3.9 ޕަސެންޓަށް އުފުލޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފި އެވެ.

ބަޖެޓު ފޮތުގައިވާ ގޮތުގައި ސަބްސިޑީގެ ބޮޑު ބަދަލު ގެންނަނީ އަންނަ އަހަރުގެ ދެވަނަ ކުއާޓަރު، އެއީ އޭޕްރިލް މަހުން، ފެށިގެންނެވެ. މި ބަދަލާއެކީގައި މިހާރު މުތުލަގަށް އެންމެނަށް ލިބޭ ކާޑާއި، ފެނާއި، ކަރަންޓުގެ އިތުރުން ކަރަންޓު އުފައްދަން ބޭނުންކުރާ ތެލަށް ލިބޭ "ބްލެންކެޓް ސަބްސިޑީތައް" ދެން ލިބޭނީ އެއަށް ބޭނުންޖެހިފައިވާ މީހުންނަށް "ޓާގެޓަޑް ސަބްސިޑީ" ގެ ގޮތުގަ އެވެ.

މިގޮތަށް ސަބްސިޑީ ޓާގެޓުކުރުމުން ސަރުކާރުން ދެނީ ގޭބިސީތަކުގެ ހާލަތަށް ބަލައި ދޫކުރާ ފައިސާގެ އެހީއެކެވެ.

ބަޖެޓު ފޮތުގައިވާ ގޮތުގައި، އިންފްލޭޝަން މަތި ވަނީ ސިޔާސަތަށް ގެންނަ ބަދަލުތަކުން ކަމުގައިވާތީ، މިކަމުގެ ސަބަބުން އިންފްލޭޝަނަށް ކުރާނެ އަސަރު ދެމިގެންދާނީ އަހަރު ދުވަހަށެވެ. އަދި މެދު ރާސްތާގައި ދުނިޔޭގެ ބާޒާރުގައި އަގުތައް ދަށްވަމުންދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ލަފާކޮށްފައި ވާތީ، ރާއްޖޭގެ ބާޒާރުގައި އަގުތައް އިތުރު މިންވަރު ވެސް މަޑުޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.

ސަބްސިޑީ ބަދަލާ ގުޅިގެން، އިންފްލޭޝަން މިހާ މަތިވާން މެދުވެރިވީ ނަމަވެސް އެއްވެސް ހާލަތެއް މެދުވެރިވެގެން އެ ސިޔާސަތު ތަންފީޒު ނުވެއްޖެ ނަމަ އިންފްލޭޝަން ރޭޓު ދަށްވެގެން ހުންނާނީ 0.8 ޕަސެންޓުގައި ކަމަށް ވެސް ފިނޭންސުން ލަފާކުރެ އެވެ. މިއީ މި އަހަރު އިންފްލޭޝަން ހުންނާނެ ކަމަށް ލަފާކުރާ ރޭޓާ އެއްވަރުގެ އަދަދެކެވެ.

އިންފްލޭޝަން މި ވަރުގައި ހުންނާނެ ކަމަށް ފިނޭންސުން ލަފާކުރި ނަމަވެސް، ވޯލްޑް ބޭންކުން އެންމެ ފަހުން ނެރުނު ރާއްޖޭގެ ޑިވެލޮޕްމަންޓް އަޕްޑޭޓުގައި ވަނީ "ބްލެންކެޓް ސަބްސިޑީ" ތައް އުވާލުމުން އަންނަ އަހަރު އިންފްލޭޝަން 7.8 ޕަސެންޓު އުފުލޭނެ ކަމަށެވެ. އަދި 2026 ގައި 4.5 ޕަސެންޓު މަޑުޖެހޭނެ ކަމަށެވެ.