11 ނޮވެންބަރު 2024 - 10:44 0
ލީވާން އަލީ ނާސިރު
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: ރައްޔިތުންގެ ބާރުތައް ދަމަހައްޓަން މިއަދު އާ ހިތްވަރަކާ އެކު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވި -- ފޮޓޯ؛ އަދަދު ފައިލް
11 ނޮވެންބަރު 2024 - 10:44 0
ރައްޔިތުންގެ ބާރުތައް ދަމަހައްޓަން މިއަދު އާ ހިތްވަރަކާ އެކު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ސޯލިހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ބާރުތައް ރައްޔިތުންގެ ކިބައިން ފެށިގެން އަންނައިރު ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ދަމަހައްޓަން މިއަދު އާ ހިތްވަރަކާ އެކު މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.
"ގައުމުގެ އެންމެހާ ކަންކަމުގައި ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދެމެހެއްޓުމަކީ ޖުމްހޫރިއްޔަތެއްގެ އެންމެ މުހިންމު އަސާސް ކަމުގަ ވީހިނދު، މިއަދު މި ވަނީ މި މަސައްކަތް އާ ހިތްވަރަކާއެކު ކުރަންޖެހިފައި،" ސޯލިހު ވިދާޅުވި އެވެ.
ސޯލިހު މިހެން ވިދާޅުވެފައި ވަނީ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް އެމްޑީޕީން ވެސް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އެމްޑީޕީން ދަނީ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ގެއްލޭ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނަމުންދާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އެމްޑީޕީން ކުޅުދުއްފުށި ސިޓީގައި މިދިޔަ އޮކްޓޯބަރު 13، ގައި ބޭއްވި "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ސޯލިހު ވިދާޅުވީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ އަޑު އަހައި، ކައިރިން ހިދުމަތް ދޭން ޖެހުނު ނަމަވެސް ސަރުކާރުން ދަނީ ހުދުމުހުތާރު ވެރިކަމެއް ކުރަން ހުރިހާ ބާރުތައް ޖަމާ ކުރަމުން ކަމަށެވެ.
"މިއަދު ވެރިކަމުގައި މި ތިއްބެވި ބޭފުޅުންނަކީ ރައްޔިތުން ދައްކާ ވާހަކައެއް ގަބޫލު ކުރާ ބައެއް ނޫން. ހިތުހުރި ގޮތަކަށް ހަމައެކަނި އަމިއްލަ ފައިދާއަށްޓަކައި ހުރިހާ ކަމެއް ކުރަމުން އެ ގެންދަނީ. ހުދުމުހުތާރު ވެރިކަމަކީ މިހާރު މިއޮތް ސަރުކާރު މިސްރާބު ޖަހާފައި އޮތް ދިމާ،" ސޯލިހު އޭރު ވިދާޅުވި އެވެ.
ސޯލިހު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި ދޮގާއި ފިތުނަ އާއި ފަސާދައިގެ ތެރެއިންކަން މިއަދު ހާމަވަމުންދާ ކަމަށާއި ވީ ވައުދުތައް ވެސް ވީ އެއްވެސް ހިސާބެއް ކިތާބެއް ބެލުމެއް ނެތިކަން ވެސް ހާމަވަމުންދާ ކަމަށެވެ.
އޭގެ އިތުރުން ސަރުކާރުން ހެދި ދޮގާއި ފިތުނައިގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވީކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ ޓޫރިޒަމް ސެކްޓާއަށް ލިބުނު ގެއްލުންތަކުން ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ވެސް ގެއްލުނު ކަމަށެވެ. އަދި ސަރުކާރުން ފައިސާ ނެތް ވާހަކަ ދައްކާއިރު އެކަމަށް ސަރުކާރު ޒިންމާ ކުރުވަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Comment