Advertisement

ބޮޑީބިލްޑިންއާ ޖެހުމުން ރައީސް މުއިއްޒުގެ ވާހަކަފުޅާއި ސަރުކާރުގެ އަމަލު ދިމަލެއް ނުވި!

10 ނޮވެންބަރު 2024 - 19:18 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ކުރިން ރާއްޖޭގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގެ ތެރެއިން -- ފޮޓޯ: ބޮޑިބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް


ބޮޑީބިލްޑިންއާ ޖެހުމުން ރައީސް މުއިއްޒުގެ ވާހަކަފުޅާއި ސަރުކާރުގެ އަމަލު ދިމަލެއް ނުވި!

10 ނޮވެންބަރު 2024 - 19:18 1

މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލު ކުރުމަށް މަރިޔަމް ޝައިނާ ނަސީމް، 21، މެކްސިކޯއަށް ދާން ހަމަޖެހުނުކަން މީޑިއާތަކުގެ ސުރުހީއަށް އެރުމާއެކު އެކަން ކުށްވެރިކޮށް މިދިޔަ އޮކްޓޫބަރު 30، ގައި ސަރުކާރުން ބަޔާނެއް ނެރުމުން ގިނަ ބަޔަކަށް ގަބޫލު ކުރެވުނީ އެފަދަ ހުރިހާ ކަމެއްގައި ވެސް ސަރުކާރުން ދެން އަމަލު ކުރާނީ އެގޮތަށް ކަމަށެވެ.

އެ އުއްމީދުގައި ސަރުކާރަށް ތާއީދު ކުރާ މީހުން މި ވެރިކަމަށް ތައުރީފުގެ ބަސްތައް އޮއްސަމުން ދިޔައިރު ބައެއް މީހުން އެކަމާ ކަންބޮޑުވުން ފާޅު ކުރަމުންދިޔަ އެވެ. އެ ވާހަކަތައް ކޮންމެވެސް ވަރަކަށް ހޫނުވެ އުފެދުނު ބަހުސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.

އެކްސްގައި އެ މަނިކުފާނު ހަމަ އެ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންހެނަކު އަދި ފިރިހެނަކު ވިޔަސް "ހަށިގަނޑު ހާމަކޮށްގެން" ބާއްވާ މުބާރާތްތަކުން ގައުމަށާއި ދީނަށް ލިބޭނެ ރީތި ނަމެއް ކާމިޔާބެއް ނޯންނާނެ ކަމަށެވެ.

"ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ގައުމަށް ލިބޭނެ ހަގީގީ ރީތި ނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް!،" ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.

ރައީސްގެ އެ ޕޯސްޓާއެކު މިމަހުގެ 5، އިން މާދަމާގެ ނިޔަލަށް އައްޑޫ ކެނެރީފުގައި ކުރިއަށް ދާ ބޮޑީބިލްޑިން މުބާރާތް ވެސް ކުރިއަށް ގެންދެވޭނެ ކަމާމެދު ސުވާލު އުފެދުނެވެ. އެ މުބާރާތް ހުއްޓުވައިދިނުމަށް ބައެއް މީހުން ސަރުކާރަށް ގޮވައިވެސްލި އެވެ.

ނަމަވެސް ތާވަލާ އެއްގޮތަށް އެ މުބާރާތް ފެށިގެން ކުރިއަށް އެ ދަނީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކުގަ އެވެ. އެއާއެކު އަނެއްކާވެސް އިތުރު މައުލޫއުއެއް އުފަންވެ، ވަރުގަދަ ބަހުސެއް އުފެދިއްޖެ އެވެ.

ކުރިން ސަރުކާރުގެ ނިންމުމަށް ތާއީދު ކުރި ބައެއް މީހުންގެ ހިޔާލު ވެސް މިހާރު ތަފާތުވެއްޖެ އެވެ. ހިތްހަމަ ނުޖެހުން ފާޅުކޮށް އަޑުއުފުލާ ގިނަ މީހުން ބުނަމުން ދަނީ ދެ މުބާރާތާ ގުޅިގެން ސަރުކާރުން އަމަލު ކުރި ގޮތުން ހާމަވީ ސަރުކާރުގެ ދެފުށްދެގޮތްކަން ކަމަށެވެ.

މިސް ޔުނިވާސް އާއި ބޮޑީބިލްޑިން މުބާރާތް ތަފާތު!

މިސް ޔުނިވާސްއަކީ ދިވެހީންގެ ސަގާފަތާއި ދީނީ އަގީދާ އާ ނުގުޅޭ މުބާރާތެއް ކަމަށް ބުނެ ޔޫތު މިނިސްޓަރީން ނެރުނު ބަޔާނާ ގުޅިގެން ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި އޮތީ "ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ގައުމަށް ލިބޭނެ ހަގީގީ ރީތި ނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް" ކަމަށެވެ.

ރައީސް އެހެން ވިދާޅުވި ނަމަވެސް މިސް ޔުނިވާސްގެ މިހާރުގެ ގަވާއިދު އޮންނަ ގޮތުން ހަށިގަނޑުގެ ބޮޑު ބައެއް ދެއްކުމާއި ނުދެއްކުން އެއީ މުބާރާތުގެ ބައިވެރިންގެ އަތް މަތީގައި އޮންނަ ކަމެކެވެ.

މިސް ޔުނިވާސްގެ ގަވާއިދު މިހާރު އޮންނަ ގޮތުން ވަނަ ހޮވަނީ ހަމަ އެކަނި މުބާރާތުގެ ބައިވެރިންގެ ރީތިކަމަށް ބަލައިފައެއް ނޫނެވެ. އެގޮތުން މީހުންނާ ބައްދަލުވެ ވާހަކަދައްކާ ގޮތާއި މީހުންގެ ތެރެގައިއުޅޭ ގޮތުގެ އިތުރުން ވެސް އެކި ކަންކަމަށް އެ މުބާރާތުގެ ފަނޑިޔާރުން މިހާރު އިންސާފު ކުރެ އެވެ.

ފާއިތުވި އަހަރުތަކުގައި މުސްލިމުން ވެސް މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވެ ހަށިގަނޑު ހާމަނުކޮށް ވާދަކޮށްފައިވެ އެވެ.

މިސް ޔުނިވާސްގެ މިދިޔަ އަހަރުގެ މުބާރާތުގައި ޕާކިސްތާނު ތަމްސީލު ކުރި އެރިކާ ރޮބިން، ސްވިމްސޫޓު ކެޓެގަރީގައި ބުރުކީނީއެއް ލައިގެން (ކ) މިސް ޔުނިވާސްގެ މި އަހަރުގެ މުބާރާތުގައި ސޯމާލިއާ ތަމްސީލު ކުރާ ހަދީޖާ އޮމަރު، އޭނާ ވާދަކުރާނީ ބުރުގާއާއެކު (ވ)


އެގޮތުން މިދިޔަ އަހަރު އޮތް މިސް ޔުނިވާސްގައި ޕާކިސްތާނު ތަމްސީލު ކުރި އެރިކާ ރޮބިން ސްވިމްސޫޓު ކޮމްޕެޓިޝަނުގައި ވާދަކުރީ ބިކިނީއެއްގެ ބަދަލުގައި ބުރުކީނީއެއް ލައިގެންނެވެ. މިސް ޔުނިވާސް މުބާރާތުގެ ޓޮޕް 20 ގައި އެރިކާ ހިމެނުނެވެ.

އޭގެއިތުރުން މިއަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ސޯމާލިއާ ތަމްސީލު ކުރާ ހަދީޖާ އުމަރަކީ ހިޖާބީއެކެވެ. މީގެ ކުރިން މިސް ވޯލްޑުގައި ވެސް ވާދަކުރި، ހަދީޖާ މިސް ޔުނިވާސްގައި ވާދަކުރާނީ ބުރުގާއާ އެކު އެވެ.

ނަމަވެސް އައްޑޫ ކެނެރީފްގައި މިހާރު ކުރިއަށް ދާ ބޮޑީބިލްޑިން މުބާރާތަކީ މިއާ މުޅީން ތަފާތު މުބާރާތެކެވެ. އެގޮތުން އެ މުބާރާތުގައި ސީދާ އަންހެނުންގެ ބިކިނީ ކެޓެގަރީއެއް ވަކީން އޮންނައިރު، އެ މުބާރާތުގައި ވަނަ ހޮވަނީ ހަށިގަނޑުގެ ވަނާތަކަށް ބަލައިގެންނެވެ.

ބޮޑީބިލްޑިން މުބާރާތުގައި ފިރިހެނުން ވަން ޕީސް އަދި އަންހެނުން ޓީ ޕީސްގައި ނޫނީ ވާދަ ކުރުމަކީ މަނާ ކަމެކެވެ. ރާއްޖޭގައި މިހާރު ކުރިއަށް ދާ މުބާރާތުގައި ވެސް ދިވެހީން ހިމެނޭހެން ހަށިގަނޑުގެ ބޮޑު ބައެއް ހާމަކޮށްގެން އަންހެނުންނާއި ފިރިހެނުން ދަނީ ވާދަ ކުރަމުންނެވެ.

ކަން މިހެން އޮތް ނަމަވެސް އެ މުބާރާތް ހުއްޓުވުމަށް ރާއްޖޭގެ ސަރުކާރުން އެއްވެސް ކަމެއް މިހައިތަނަށް ކޮށްފައެއް ނުވެ އެވެ. އެތައް ބަޔަކު އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންދާއިރު، އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފިޔަވައި އިތުރު އެހެން ބޭފުޅަކު ޗުއްޕު ވެސް ވިދާޅުނުވެ އެވެ.

"ބަރަހަނާ މަންޒަރުތައް ދައްކާ ޙަފްލާތައް ބޭއްވުމަކީ މުސްލިމުން ކޮށްގެންވާނެ ކަމެއްނޫން. ޤައުމުގެ އިޖްތިމާޢީ ކަރާމަތު ނަގަހައްޓައި އިސްލާމީ ސަޤާފަތު ރައްކާތެރިކުރަންޖެހޭ. ޤުރުއާން ބާވައިލެއްވުނީ ހިދާޔަތެއްގެ ގޮތުގަ." އެކްސްގައި ޝަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

ބޮޑީބިލްޑިން މުބާރާތް ބޭއްވީ ސަރުކާރުގެ ފުރިހަމަ ތައީދާއެކު

ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ރާއްޖޭގައި ބާއްވަން ނިންމިކަން ވޯލްޑް ބޮޑީބިލްޑިން ފެޑަރޭޝަނުގެ ރައީސް، ދާތުކް ޕޯލް ޗުއާ އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

ބޮޑީބިލްޑިންގެ ދުނިޔޭގެ ފެންވަރުގެ އެންމެ ބޮޑު މުބާރާތް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުންވީ ރާއްޖޭގައި އެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރާ އެސޯސިއޭޝަނާއި ދިވެހި ބޮޑީބިލްޑަރުންނަށް ލިބުނު ބޮޑު އުފަލަކަށެވެ.

އިންތިހާބީ ރައީސްގެ ގޮތުގައި އޭރު ހުންނެވި، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ރާއްޖޭގެ ބޮޑީބިލްޑިން އެސޯސިއޭޝަނުގެ އެކްސްކޯ މެންބަރުން އެ އުފަލުގައި ބައްދަލުކޮށް މަޝްވަރާ ކުރި އެވެ. ޕީއެންސީގެ ވެރިކަމުގައި ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތައް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އެ ދުވަހު ރައީސް މުއިއްޒު ދެއްވި އެވެ.

ރައީސްގެ އެ ވައުދުފުޅާ އެއްގޮތަށް، އައްޑޫ ސިޓީ، ކެނެރީފް ގައި އެ މުބާރާތް ބާއްވަން ނިންމައި، މިދިޔަ އޮކްޓޯބަރު 8، ގައި ލޯންޗު ކޮށްދެއްވީ ވެސް މި ސަރުކާރުގެ ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާފިއު) އެވެ. އެ ދުވަހު ވާހަކަދައްކަވަމުން ރާފިއު ވިދާޅުވީ ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތަކީ ރާއްޖެއަށް ވަރަށް މުހިންމު މުބާރާތެއް ކަމަށެވެ.

"މި 15 ވަނަ ބޮޑީބިލްޑިން އަދި ފިޒީކް ވޯލްޑް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތަށް ތިޔަ ބޭފުޅުންނަށް މަރުޙަބާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، މިއީ ހަމައެކަނި މި ކުޅިވަރަށް މުހިންމު ހަރަކާތެއް ނޫން، ހާއްސަކޮށް އައްޑޫ ސިޓީގައި ބޭއްވޭ ފުރަތަމަ ވޯލްޑް ޗެމްޕިއަންޝިޕް ކަމަށް ވާތީ، މިއީ ދިވެހިރާއްޖެއަށް ވެސް ވަރަށް މުހިންމު ހަރަކާތެއް،" ރާފިއު އެ ދުވަހު ވިދާޅުވި އެވެ.

ދުނިޔޭގެ 55 ގައުމެއްގެ 400 އަށްވުރެ ގިނަ ބޮޑީބިލްޑަރުންނާ އެކު ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް އައްޑޫގައި މިހާރު ކުރިއަށް ދާއިރު، ދެކުނު އޭޝިއާ ބޮޑީބިލްޑިން މުބާރާތް ވެސް މިދިޔަ ޖޫން މަހު ރާއްޖޭގައި ވަނީ ބާއްވައިފަ އެވެ. އެ މުބާރާތް ވެސް ބޭއްވީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކު އެވެ.

އެތައް ބައެއްގެ ނަފުރަތު ސަރުކާރަށް

ހަށިގަނޑު ހާމަކޮށްގެން ބައިވެރިވާން ޖެހޭ އެއްވެސް ކުޅިވަރަކުން ގައުމަށް ހަގީގީ ރީތި ނަމެއް ނުލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައި އޮއްވައި ދުނިިޔޭގެ ބޮޑީބިލްޑިން މުބާރާތް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާ އެކު ކުރިއަށް ގެންދާތީ އެތައް ބަޔަކު ގެންދަނީ އެކަމަށް ފާޑުކިޔައި ނުރުހުން ފާޅު ކުރަމުންނެވެ. އޭގެތެރޭގައި ދީނީ އިލްމުވެރިންނާއި އާންމުން ހިމެނެ އެވެ.

އެގޮތުން ހިޔާލުފާޅުކުރި ބައެއް މީހުން ބުނެފައި ވަނީ ފެނިގެން މިދަނީ ރައީސް އިންކާރު ކޮށްފައި ވަނިކޮށް ބައެއް ވަޒީރުން މުންކަރާތްތައް އިތުރަށް ތަރައްގީ ކުރާ ތަން ކަމަށެވެ.

"މި ހުންނަނީ ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ. މިއީ މިހާރުން މިހާރަށް ހުއްޓުވަައި، އަދި މިކަމަށް ވާގިދޭ ވަޒީރުން މަގާމުން ވެސް ވަކިކުރަން ޖެހޭ ކަމެއް، ޕާކިސްތާނަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރު ޝެއިހް. ތާހާ އަފްގާނިސްތާނުގެ ރަސްމީ ފަރާތަކާ ބައްދަލުކޮށްލި ކަމަށްޓަކައި މަގާމުން ވަކިކޮށް އަނބުރާ ގައުމަށް ގެނެވޭ ނަމަ، ވަޒީރުކަމުގައި ހުރެގެން އިސްލާމްދީނާއި ދިވެހި ގައުމިއްޔަތާ ހިލާފު ބޮޑެތި މުންކަރާތް ތަކުރާރުކޮށް ހިނގާ ވަޒީރުން މަގާމުން ދުރު ނުކުރެވެންވީ ސަބަބެއް ނެތް." ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ ބޮޑީބިލްޑިން މުބާރާތް ނިމެން އެންމެ ދުވަހަކަށްވެފައި އޮއްވައި މި ބަހުސް ހޫނުވީ އެ މުބާރާތުގެ ރަސްމިއްޔާތެއްގެ ވީޑިއޯތަކެއް އާންމުވުމާ ގުޅިގެންނެވެ. ދުނިޔޭގެ ބޮޑީބިލްޑިން މުބާރާތް ގުރުއާނުގެ ބަރަކާތުން ފެށުމަށްފަހު ހަމަ އެ ސްޓޭޖުގައި، އެވަގުތު ބިކިނީ އެކަނި ލައިގެން ތިބި އަންހެނުންނާއި ފިރިހެނުން ހުށަހެޅުންތައް ހުށަހަޅައިދޭ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

އެކަމާ ގުޅިގެން ވެސް ގިނަ ބަޔަކު ދަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށް ފާޑުކިިޔަމުންނެވެ.

ދީނީ އިލްމު ފެތުރުމުގައި ހަރަކާތްތެރިވާ އަލީ ރަމީޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ ބޮޑީބިލްޑިންގެ ނަމުގައި ކުރިއަށް ގެންދަނީ ފާހިޝް ހަރަކާތްތަކެއް ކަމަށާއި އެކަން އިންތިހާއަށް ކުށްވެރި ކުރާ ކަމަށެވެ.

"ބޮޑީބިލްޑިންގެ ނަމުގައި އައްޑޫ ސިޓީގައި އަންހެނުންނާއި ފިރިހެނުން އޮރިޔާމުން ސްޓޭޖު މަތީ މިވަގުތު ކުރިއަށް ގެންދާ ފާހިޝް ނުބައި ހަރަކާތްތައް އަޅުގަނޑު އިންތިހާއަށް ކުށްވެރި ކުރަން، އަދި އެ ހަރަކާތްތައް ހަމަ މިހާރުން މިހާރަށް ހުއްޓުވުމަށް ސަރުކާރަށް އަޅުގަނޑު ގޮވައިލަން، އަދި އެ ލާދީނީ ހަރަކާތް ރާވައިގެން ކުރިއަށް ގެންދާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވެސް ގޮވައިލަން،" އަލީ ރަމީޒު އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.

މިސް ޔުނިވާސް މުބާރާތާ މެދު ވަކި ގޮތަކަށް އަމަލު ކޮށްފައި ބޮޑީ ބިލްޑިން މުބާރާތް ބޭއްވުމުގެ ފުރުސަތު ސަރުކާރުން ދިނުން އެއީ ގިނަ ބައެއްގެ ނަޒަރުގައި ދެކޮޅުޖެހޭ ކަމެއް ނޫނެވެ. ހިޔާލުފާޅު ކުރަމުންދާ ގިނަ މީހުންގެ ބަހަކީ އެއީ އެވެ.

ނަމަވެސް ސަރުކާރުގެ ހިމާޔަތުގައި ވާހަކަދައްކާ ބައެއް މީހުން ބުނަނީ، ބޮޑީބިލްޑިން މުބާރާތް ކުރިއަށް ގެންދަނީ ރިސޯޓެއްގައި ކަމަށް ވާތީ އެއީ މައްސަލައެއް ނޫން ކަމަށެވެ. ސަބަބަކީ އެ ރިސޯޓުތަކުގައި ރަލާއި އޫރުމަސް ވެސް ވިއްކަން ހުރުން ކަމަށް އެމީހުން ބުނެ އެވެ.

"ބޮޑީބިލްޑިން އޮތީ އައްޑޫ ސިޓީއަކު ނޫން، ރިސޯޓެއްގައި، ކަންކަމުގެ އަސްލު ހަގީގަތް ބެލުން އެންމެ ބުއްދިވެރި ގޮތަކީ،" އިބްރާހިމް ރަމީޒުގެ ނަމުގައި އެކްސް އެކައުންޓެއް ހިންގާ މީހަކު ބުނެފައިވެ އެވެ.

ހަށިގަނޑު ހާމަކޮށްގެން ކުޅޭ އެއްވެސް ކުޅިވަރަކަށް ސަރުކާރުން އެއްބާރުލުން ނުދޭނެ ކަމަށް ބުނުމަށްފަހު ބޮޑީބިލްޑިން މުބާރާތައް ހުއްދަ ދީ، އެ މުބާރާތަށް ހުރިހާ ގޮތަކުން އެއްބާރުލުން ދިނުމުން، އޭރު ސަރުކާރުން ނެރުނު ބަޔާނަކީ ހަމައެކަނި މިސް ޔުނިވާސް މުބާރާތައް އަމާޒުކޮށް ނެރުނު ބަޔާނެއް ކަމަށް ގިނަ ބަޔަކު މިހާރު ގަބާލު ކޮށްފި އެވެ.

ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް އަމާޒުވީ ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވެސް އަދި ސަރުކާރުން ވެސް ރަސްމީކޮށް އެކަމާ ގުޅޭގޮތުން އެއްވެސް ބަހެއް އަދި ނުބުނެ އެވެ. އެކަމަކު، ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން ވަނީ ބަޔާނެއް ނެރެ، ރައީސް، މުއިއްޒު އާއި ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދިފަ އެެވެ.