Advertisement

ބަޖެޓު ހުށަހެޅިތާ ހަފުތާއެއް ވީއިރު ވެސް ހަރަދުކުރާނެ ގޮތުގެ ތަފުސީލުތައް ހާމަނަކުރޭ, ވެބްސައިޓު ވެސް ޑައުން

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅަން ބޭއްވި ޖަލްސާގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އަދި އެ ވުޒާރާގެ ޓީމު: ބަޖެޓު ހުށަހެޅިތާ ހަފުތާއެއްވީއިރުވެސް ތަފުސީލުތައް ހާމަކޮށްފައެއް ނުވޭ --- ފޮޓޯ: މަޖިލިސް އިދާރާ


ބަޖެޓު ހުށަހެޅިތާ ހަފުތާއެއް ވީއިރު ވެސް ހަރަދުކުރާނެ ގޮތުގެ ތަފުސީލުތައް ހާމަނަކުރޭ, ވެބްސައިޓު ވެސް ޑައުން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ޖުމްލަ 56 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅިތާ ހަފުތާއެއް ވީިއިރު، ކުރަން ރާވާފައިވާ މަސައްކަތްތަކުގެ ތަފުސީލާއި ރަށްރަށުގައި ހިންގާ މަޝްރޫއުތަކުގެ ތަފުސީލު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ބަޖެޓު ހުށަހެޅުއްވީ އޮކްޓޯބަރު 31، ގަ އެވެ. އެ ދުވަހު މަޖިލީހާ ހިއްސާކުރި ކުރު ބަޖެޓު ފޮތުގައި އެހެން އަހަރުތަކުގައި ހިމަނާފައި ހުންނަ ގިނަ ތަފުސީލުތަކެއް ނެތެވެ.

އެ ގޮތުން އެހެން އަހަރުތަކުގެ ބަޖެޓުން ތަފުސީލީ ގޮތެއްގައި ފެނިގެންދާ ރަށްރަށުގައި ހިންގާ މަޝްރޫއުތަކާއި ސަރުކާރުން އަލަށް ފަށާ ސިޔާސަތުތަކުގެ ތަފުސީލުތައް ހިމަނައި، ވަކިވަކި ކަންކަމަށް ބަޖެޓުކޮށްފައިވާ އަދަދު މި އަހަރުގެ ބަޖެޓުން ވަނީ އުނިކޮށްފަ އެވެ. އަދި، އަހަރުގެ ބަޖެޓު ފޮތްތަކުގައި ހިމަނާފައި ހުރި މައުލޫމާތު ގޮޅިތަކެއް ވެސް ފެންނާކަށް ނެތެވެ.

ހަމަ އެހެންމެ ދުނިޔޭގެ މާލީ ހާލަތާއި ރާއްޖޭގެ މާލީ ހާލަތު އަންގައިދޭ ލިޔުންތަކާއި ބަޖެޓަށް ހުރި ހިރާސްތައް ފަދަ ކަމެއް ވެސް ބަޖެޓުން ފެންނާކަށް ނެތެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ބަޖެޓު ފޮތާއި ބަޖެޓުގެ ތަފުސީލުތައް އާންމުކޮށް ޝާއިއުކުރާ ދައުލަތުގެ ބަޖެޓު ވެބްސައިޓު ވެސް ވަނީ ޑައުންކޮށްލާފަ އެވެ. މި އަހަރުގެ ބަޖެޓު ހުށަހެޅި ފަހުން އެ ވެބްސައިޓަކަށް ނުވަދެވެ އެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި އެ ޕާޓީގެ ލީޑަޝިޕުން އަދި މި ވަގުތު އިދިކޮޅުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އެގޮތުން ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީނު ވިދާޅުވީ، މަޖިލީހަށް ފޮނުވި ބަޖެޓުގައި ތަފުސީލު ހިމަނާފައިވަ ނުވަނީ ސަރުކާރުގެ އޮފިޝަލުންނަށް އެކަން ކުރަން ނޭނގޭތީ ނޫނީ މަކަރު ހެދުމުގެ ގޮތުން ކަމަށެވެ.

"އެމްޑީޕީގެ ހުރިހާ މެންބަރުން. އިދިކޮޅު ހުރިހާ މެންބަރުން އެ ބުނަނީ މީގެ ތަފުސީލެއް ނެތޭ. އަދި ބަޖެޓު ފޮތެއް ތައްޔާރުކޮށްފަ މަޖިލީހަށް ފޮނުވީކީއެއް ނޫން. މީގެ ތަފުސީލެއް ނޭނގެ. ކޮން ކަމަކަށް ދާއިރާއަކުން ކޮން ކަމެއްތޯ ކޮށްދޭން އުޅެނީކީއެއް ވެސް ނޭނގެ،" ޔާމީނު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތަށް މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވީ ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

ހޯމަ ދުވަހު ބަޖެޓު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ، ބަޖެޓު ހުށަހެޅިތާ ފަސް ދުވަސް ވެގެން ދިޔަ އިރު ވެސް ބަޖެޓު ފޮތެއް ނުލިބޭ ކަމަށެވެ. އަދި މި ބަޖެޓު ފޮތް ނުލިބިގެން އުޅޭ ސަބަބަކީ ކޮބައިތޯ ވެސް އޭނާ އެއްސެވި އެވެ.

"ފުރަތަމަ ބަޖެޓު ހުށަހެޅިގެން ދިޔަ ދުވަހު، އަޅުގަނޑާ ދިމާވި ފިނޭންސް މިނިސްޓްރީގެ ބޭފުޅުން. ޕްރިންޓަށް ދީފައޭވީ. ވަރަށް އަވަހަށް ލިބޭނެ ދެ ތިން ދުވަހުގެ ތެރޭގައި، ބައެއް ބޭފުޅުން ވިދާޅުވި. އެ ދެ ތިން ދުވަސް ވެސް ގޮސްފި." ހަމަ އެ ދުވަހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލު ވިދާޅުވި އެވެ.

މެންބަރުންގެ އިތުރުން، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވަނީ 2025 އަށް ލަފާކުރާ ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެންމެ ސިއްރުކޮށް ފާސްކުރަން ސަރުކާރަކުން މަސައްކަތް ކުރާ ބަޖެޓު ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ބަޖެޓު ފޮތާއި ތަފުސީލުތައް ހާމަނުކުރާ ސަބަބާ ގުޅޭގޮތުން މާލީ ވުޒާރާއިން އަދި ސަރުކާރުން ވެސް މިހާތަނަށް ރަސްމީ ބަހެއް ނުބުނެ އެވެ.