about 10 hours 0
ލީވާން އަލީ ނާސިރު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފިއުލް ފާމާއި ފިއުލް ހައިޑްރަންޓްސް ސިސްޓަމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
about 10 hours 0
ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީގައި ތަރައްގީކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ފިއުލް ސްޓޯރޭޖް ތިންގުނަ އިތުރުކޮށްދޭނެ އާ ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް މިއަދު ހުޅުވައިފި އެވެ.
އަލަށް ތައާރަފްކުރި ތެޔޮ ރައްކާ ކުރާ ނިޒާމަކީ ތެޔޮ ރައްކާ ކުރާ ނިޒާމުން ފެށިގެން މަތިންދާ ބޯޓު ޕާކު ކުރާ ސަރަހައްދާ ހިސާބަށް ބިމުގެ އަޑިން ގާއިމު ކޮށްފައިވާ ވިއުގައެކެވެ. މީގެ ކުރިން ބޯޓުތަކަށް ތެޔޮ އެޅުމަށް ބޭނުން ކުރަމުން އައީ ރިފިއުލާ ބައުޒަރެވެ.
އެ ސިސްޓަމް ބޭނުންކޮށްގެން އެންމެ ފުރަތަމަ ތެޔޮ އަޅާފައި ވަނީ ޓާކިޝް އެއާލައިންސްގެ ބޯޓަކަށެވެ.
ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ވީއައިއޭގެ ފިއުލް ސްޓޯރޭޖަކީ ކުރިން 13 މިލިއަނެއްހާ ލީޓަރު ކަމަށާއި އަލަށް ތަރައްގީ ކުރެވުނު ފިއުލް ފާމުގައި 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރުމުގެ ގާބިލުކަން ލިބުމުން ކެޕޭސިޓީ އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
"މިފަދަ ނިޒާމަކީ ފެންނަ ފެނުމަށް ކުޑަ ނިޒާމެއް ނަމަވެސް، 8.4 ކިލޯ މީޓަރުގެ ލައިންސް މި އޭޕްރަންގެ އެކި ދިމަދިމާލުގައި އެޅިފައި ޕްރެޝަރައިޒް ކުރެވިފައި ހުރި ސިސްޓަމެއް މިއީ. ލޯންގް ހޯލް ފްލައިޓްތަކަށް ތެޔޮ އަޅަންޏާ އެއީ ދެ ބައުޒަރުގެ ތެޔޮ އެޅުން. އަޅުގަނޑު މިދަންނަވާލަނީ 60،000 ލީޓަރުގެ ދެ ބައުޒަރުން،" އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.
ކުރީގެ ނިޒާމުން ބްރިޓިޝް އެއާވޭސް ފަދަ ފްލައިޓަކަށް ދޮޅު ގަޑިއިރު ތެރޭގައި ވެސް ތެޔޮ އަޅާ ނުނިމޭ ކަމަށާއި އެކަމަކު އާ ސިސްޓަމުގެ ދަށުން އެ ދޮޅު ގަޑިއިރުގެ ތެރެއިން 45 މިނެޓާއި އެއް ގަޑިއިރާ ދެމެދު ވަގުތު ސަލާމަތް ކުރެވޭ ކަމަށް އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.
އިބްރާޙިމް ޝަރީފް ވިދާޅުވީ ގްރައުންޑުގައި ބޯޓުތައް ހޭދަކުރަން ޖެހޭ ވަގުތު ކުޑަވުމަކީ އެއާލައިންތަކުން ކުރަން ޖެހޭ ހަރަދު ކުޑަވެ، އެއާލައިންތަކުން ރާއްޖެ އައުމަށް ލިބޭ ހިތްވަރެއް ކަމަށެވެ.
Comment