Advertisement

އެމްއައިބީން މީހުން ދިރިއުޅޭ އިތުރު 19 ރަށެއްގައި އޭޓީއެމް ބަހައްޓަނީ

އެމްއައިބީގެ ސީއީއޯ މުފައްދަލް އިދުރީސް: އެމްއައިބީން މީހުން ދިރިއުޅޭ އިތުރު 19 ރަށުގައި އަންނަ އަހަރު އޭޓީއެމް ބެހެއްޓުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: މިރާޝް ނާޝީމް / އަދަދު


އެމްއައިބީން މީހުން ދިރިއުޅޭ އިތުރު 19 ރަށެއްގައި އޭޓީއެމް ބަހައްޓަނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ރާއްޖޭގެ އިތުރު 19 ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމު ކުރުމުގެ އެއްބަސްވުމެއްގައި އިކޮނޮމިކް މިނިސްޓްރީއާ އެކު ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު ސައީދު އެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ މުފައްދަލް އިދުރީސް އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މުފައްދަލް އިދުރީސް ވިދާޅުވީ އާ މަޝްރޫއުގެ ދަށުން އަންނަ އަހަރު ހަތަރު އަތޮޅެއްގެ 19 ރަށުގައި 23 އޭޓީއެމްއެއް ގާއިމު ކުރާނެ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހި ރުފިޔާ އޭޓީއެމްގެ އިތުރުން އެއް ޑޮލަރު އޭޓީއެމް އެވެ.

އެމްއައިބީން އަންނަނީ ރާއްޖޭގެ 12 އަތޮޅެއްގެ 18 ރަށުގައި 39 އޭޓީއެމް މެދުވެރިކޮށް ހިދުމަަތް ދެމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 34 ދިވެހި ރުފިޔާ އޭޓީއެމް އަދި ފަސް ޑޮލަރު އޭޓީއެމް އެވެ.

އޭގެ އިތުރުން އެމްއައިބީގެ ހަ ބްރާންޗަކާއި ހަ ސޭލްސް ސެންޓަރުގެ އިތުރުން ހަ އޭޓީއެމް ކިއޮސްކުން އަންނަނީ އެކި ތަންތަނުގައި ހިދުމަތް ދެމުންނެވެ.

އޭޓީއެމްގެ ހިދުމަތް ފުޅާ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއު އަންނަ އަހަރު ނިމުމުން 16 އަތޮޅެއްގެ 37 ރަށެއްގައި އެމްއައިބީގެ 62 އޭޓީއެމްއަކުން ހިދުމަތް ދޭނެ އެވެ. އެއީ 56 ރުފިޔާ އޭޓީއެމް އަދި ހަ ޑޮލަރު އޭޓީއެމް އެވެ.