7 ނޮވެންބަރު 2024 - 14:10 0
ލީވާން އަލީ ނާސިރު
103 އޭޓީއެމް ގާއިމު ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަން ސޮއިކުރުން: ފުރަތަމަ ފޭސްގައި އޭޓީއެމް ބަހައްޓަނީ 17 ރަށެއްގައި -- ފޮޓޯ: ރައީސް އޮފީސް
7 ނޮވެންބަރު 2024 - 14:10 0
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ދިނުމަށް ހިންގާ މަޝްރޫއުގެ ދަށުން 103 އޭޓީއެމް އަންނަ އަހަރު ގާއިމު ކުރުމުގެ މަޝްރޫއުގައި މިއަދު ސޮއިކޮށްފި އެވެ.
އެ މަޝްރޫއު ހަ މަސް ދުވަހުގެ ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު، ފުރަތަމަ ފޭސްގައި 17 ރަށުގައި އޭޓީއެމް ބެހެއްޓުމަށް ވަނީ ހަމަޖެހިފައިވާ ކަމަށާއި އެ މަސައްކަތް އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.
އެ އޭޓީއެމްތައް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ހއ. އުތީމު، ހއ. މުރައިދޫ، ހދ. ނޮޅިވަރަމް، ހދ. ނޮޅިވަރަންފަރު، ށ. ކަނޑިތީމު، ށ. މަރޮށި، ރ. އިންނަމާދޫ، ބ. ގޮއިދޫ، ބ. ފުޅަދޫ، ބ. ކިހާދޫ، ބ. ކެންދޫ، އދ. މަންދޫ، ދ. ހުޅުދެލި، ތ. ގާދިއްފުށި، ލ. ކަލައިދޫ، ލ. މާބައިދޫ އަދި ގއ. ކަނޑުހުޅުދޫ ގައެވެ.
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ވިދާޅުވީ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަށް ކުރިއަށްގެންދާ މަޝްރޫއުގައި ބީއެމްއެލް ބައިވެރި ކުރުމަކީ ލިބޭ އުފަލެއް ކަމަށާއި އަންނަ އަހަރު ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ގާއިމު ކުރުމުގެ ލަނޑުދަނޑި ހާސިލްވާނެ ކަމަށެވެ.
"މި މަޝްރޫއު ނިމުމާ އެކު ކޮންމެ ދިވެއްސަކަށް އެމީހެއްގެ ރަށުން ބޭރަށް ދަތުރު ކުރަން ނުޖެހި އަސާސީ ބޭންކިން ހިދުމަތް ލިބޭނެކަން ކަށަވަރު ވެގެންދާނެ. މީގެ ތެރޭގައި ފައިސާ ނެގުމާއި، ފައިސާ ޖަމާ ކުރުމާއި، އެކައުންޓްތަކަށް ފައިސާ ޓްރާންސްފާ ކުރުމާއި، ލޯނަށާއި ކްރެޑިޓް ކާޑަށް ފައިސާ ދެއްކުންފަދަ މުހިންމު ހިދުމަތް ލިބިގެންދާނެ،"
ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ދިނުމަށް ބޭނުންވާ ބައެއް އޭޓީއެމްތައް ރާއްޖެ ގެނެސްފައިވާކަން ފާހަގަކުރައްވާ މުހައްމަދު ޝަރީފް ވިދާޅުވީ އެ އޭޓީއެމްތަކުން ހިދުމަތް ދިނުމުގެ ކުރިން ގިނަ ކަންކަން ފުރިހަމަ ކުރަން ޖެހޭ ކަމަށާއި މިވަގުތު ކުރެވެމުންދަނީ އެ މަސައްކަތް ކަމަށެވެ.
މިހާރު ޖުމްލަ 90 ރަށުގައި ބީއެމްއެލްގެ 150 އޭޓީއެމްއަކުން ހިދުމަތް އަންނަނީ ދެމުންނެވެ. އެ އޭޓީއެމްތަކުގެ ބޭނުން އަހަރެއްގެ މައްޗަށް 15 މިލިއަން ފަހަރު ކަސްޓަމަރުން ބޭނުން ކުރެ އެވެ.
މިގޮތުން، އޭޓީއެމްގެ ހިދުމަތް ހުރިހާ ރަށަކަށް ފުޅާ ކުރުމުގެ މަސައްކަތް ނިމުމުން ބީއެމްއެލްގެ އޭޓީއެމްގެ އަދަދު 250 އަށްވުރެ އިތުރުވެގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
Comment