6 ނޮވެންބަރު 2024 - 09:55 1
ސާއިފް ޝިޔާދު
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހަށް ބަޖެޓު ހުށަހަޅަނީ. ކައުންސިލްތަކުގެ ބްލޮކް ގްރާންޓް ހިމަނާފައިވަނީ ގާނޫން ކަނޑައަޅާ މިންވަރަށް ވުރެ މަދުން ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
6 ނޮވެންބަރު 2024 - 09:55 1
އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައެޅި ފައިސާ މަދުކޮށް، ގާނޫނުން ދޭން ލާޒިމުކުރާ މިންވަރަށް ފައިސާ ހިމަނާފައި ނުވާތީ އެކަން ހައްލުކުރުމުގެ ގޮތުން މަދުވާ ފައިސާ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓަރު މަޖިލީހުގައި އެދިވަޑައިގަންނަވައިފި އެވެ.
މިއަދު ކުރިއަށްދާ މަޖިލީހުގެ 47 ވަނަ ޖަލްސާގައި މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރައްވައި ފޮނުވި ސިޓީއެއް ވަނީ އިއްވާފަ އެވެ. އެ ސިޓީ ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފަ އެވެ.
"ހުށަހަޅާފައިވާ ބަޖެޓުގައި ބްލޮކް ގްރާންޓް ހިސާބު ކުރުމުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ މިންގަނޑުގައި ހިފަހައްޓަން ނިންމަވައި މި ބަދަލު ގެންނަން ބޭނުންވާނެ ކަމަށް ލަފާކުރާ 699.6 މިލިއަން ރުފިޔާ, ބަޖެޓުގެ ޖުމުލަ އަދަދު އިތުރު ނުވާނެ ގޮތަށް ކޮންޓިންޖެންސީ ބަޖެޓުން ބަދަލުކުރާ ގޮތަށް ހަމަޖައްސައި ދިނުމަށް އެދި ދަންނަވަން," ޒަމީރުގެ ސިޓީގައި ބަޔާންކޮށްފައިވެ އެވެ.
މި އަހަރު ދައުލަތުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ދައުލަތުގެ ޖުމުލަ އާމްދަނީގެ ގޮތުގައި ޖަހާފައިވަނީ 39.7 ބިލިއަން ރުފިޔާ އެވެ. ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި ދޫކުރަނީ މި ފައިސާގެ ތެރެއިން ވަކި ކަމަކަށް ކަނޑައަޅާފައި ހުންނަ ފައިސާ އާއި ބިމު ކުލިން ލިބޭ އާމްދަނީ އަދި ޓްރަސްޓް ފަންޑް އާމްދަނީ އުނިކުރުމަށް ފަހު އެވެ.
"އަދަދު" އިން ހެދި ހިސާބުތަކުން ދައްކާ ގޮތުގައި މި ގޮތަށް އުނިކުރަން ޖެހޭ ބައިތައް އުނިކުރުމަށް ފަހު ޖެހޭ އާމްދަނީއަކީ 27.9 ބިލިއަން ރުފިޔާ އެވެ. އޭގެ ފަސް ޕަސެންޓަކީ 1.3 ބިލިއަން ރުފިޔާ އެވެ. މި ފައިސާގެ ތެރެއަށް އިތުރުކުރަން ޖެހެނީ ރިސޯޓުތަކާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލީގެ 40 ޕަސެންޓެވެ. އެއީ 747.7 މިލިއަން ރުފިޔާ އެވެ.
އެހެންކަމުން މަދުވެގެން 2.1 ބިލިއަން ރުފިޔާ ކައުންސިލްތަކަށް އެހީދޭން ބަޖެޓުގައި ޖަހަން ޖެހެ އެވެ. ބްލޮކް ގްރާންޓްގެ ގޮތުގައި މިއަހަރުގެ ބަޖެޓުގައި ޖަހާފައި އޮތީ 1.4 ބިލިއަން ރުފިޔާ އެވެ.
ކޮންޓިންޖެންސީ ބަޖެޓުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ކައުންސިލްތަކަށް ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ އޭގެތެރެއިން ހާއްސަކުރުމުން ބާކީ ވާނީ 400 މިލިއަން ރުފިޔާ އެވެ.
ގާނޫނުން ލާޒިމުކުރާ އަދަދަށް ބަޖެޓު ހުށަހެޅިއިރު ފައިސާ ހިމަނާފައި ނުވާތީ ކައުންސިލްތަކާއި ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރި އެވެ. ބަޖެޓު ފާސްވާއިރު އެ އަދަދަށް ފައިސާ އޮންނާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި އެވެ.
Comment