Advertisement

އޭސީސީ އާއި އީސީއަށް ރައީސަށް ބާރު ފޯރުވޭ ގޮތަށް ހުށަހެޅި ބިލުތައް ބަލައިގަނެ ކޮމިޓީއަށް

5 ނޮވެންބަރު 2024 - 14:40 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މި ބިލު ފާސްކުރާނީ ކޮމިޓީ މަރުހަލާ ނިންމުމަށް ފަހު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އޭސީސީ އާއި އީސީއަށް ރައީސަށް ބާރު ފޯރުވޭ ގޮތަށް ހުށަހެޅި ބިލުތައް ބަލައިގަނެ ކޮމިޓީއަށް

5 ނޮވެންބަރު 2024 - 14:40 0

އެންމެ މުހިންމު ދެ މިނިވަން މުއައްސަސާ ކަމަށްވާ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއަށް ނުފޫޒު ފޯރުވޭ ގޮތަށް, އެ ދެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދިނުމަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ބިލު ވެސް ބަލައިގަނެ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.

އީސީގެ ގާނޫނު ބަދަލުކުރުމުގެ ބިލު ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފު ހުށަހެޅުއްވިއިރު އެ ބިލު މަޖިލީހަށް ބަލައިގަތީ 60 މެންބަރުންގެ ވޯޓުންނެވެ. އެ ބިލާ ދެކޮޅަށް ހަ މެންބަރުން ވޯޓު ދެއްވި އެވެ.

އޭސީސީގެ ގާނޫނު ބަދަލުކުރުމުގެ ބިލު ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ހުށަހެޅުއްވިއިރު އެ ބިލު މަޖިލީހަށް ބަލައިގަތީ 60 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް ފަސް މެންބަރުން ވޯޓު ދެއްވި އެވެ.

މި ދެ ބިލު ވެސް ދިރާސާކުރާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންނެވެ. ކޮމިޓީ މަރުހަލާގައި ވެސް މި ބިލުތަކަށް މާ ބޮޑު ބަދަލެއް ގެންނާނެ ކަމަށް ނުބެލެވެ އެވެ.

މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން މި ދެ ކޮމިޝަނުގެ ރައީސް އަދި ނައިބު ވެސް އައްޔަނުކުރަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި, އޮންނަނީ މަގާމަށް އައްޔަނުކުރާ މެންބަރުންގެ މައުލޫމާތު 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް އަންގާ ގޮތަށެވެ.

އެ ދެ ގާނޫނު ވެސް ބަދަލުކުރަނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ގޮތަށެވެ. އެ މަގާމުތަކަށް އައްޔަނު ކުރާ މީހުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭނެ ކަމަށް ވެސް ދެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން މަގާމުން އިސްތިއުފާ ހުށަހަަޅަން ޖެހެނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ހުށަހަޅާފައިވާ ދެ ބިލުގައި ވެސް ބަޔާންކޮށްފައިވެ އެވެ.

އެ ދެ ކޮމިޝަނުގެ ރައީސްގެ މަގާމު މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތުގައި ނުވަތަ އުޒުރުވެރިވެއްޖެ ހާލަތުގައި ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތުގައި އެ ޒިންމާތައް އަދާކުރާނީ ނައިބު ރައީސް ކަމަށް މި ވަގުތު ގާނޫނު ބަޔާންކުރެ އެވެ.

ސަރުކާރުން ހުށަހެޅި މި އިސްލާހުތަކާ މެދު އިދިކޮޅު އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މިއީ ސީދާ ރައީސްގެ އެންގެވުންތައް އެ ކޮމިޝަންތަކުގެ ތެރެއިން ތަންފީޒު ކުރުމަށް ގެންނަ ބަދަލުތަކެއް ކަމަށް އެ ޕާޓީތަކުން ބުނެ އެވެ.

މި ވަގުތު ރައްޔިތުންގެ މަޖިލީހުގައި އޮތީ ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީއެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާ ހުރިހާ ނިންމުމެއް މަޖިލީހުން ދަނީ އެމަނިކުފާނު އަންގަވާ ގޮތަށް ނިންމަމުންނެވެ. މި ގާނޫނުތައް ބަދަލުކުރުމާ އެކު ކޮމިޝަންތަކުގެ އިދާރީ ހިންގުމާއި ޖަލްސާތައް އެޖެންޑާ ކުރުމުގެ ބާރު އޮންނަ މީހުން ސީދާ އައްޔަނު ކުރާނީ ރައީސް މުއިއްޒު އެވެ.