Advertisement

ޖޮކޮވިޗް އޭޓީޕީ ފައިނަލްސް އިން ވަކިވެއްޖެ

about 23 hours 0


ޖޮކޮވިޗް އޭޓީޕީ ފައިނަލްސް އިން ވަކިވެއްޖެ

about 23 hours 0

ބެލްގްރޭޑް، ސާބިއާ (ނޮވެމްބަރު 6) - އަންނަ ހަފްތާގައި އިޓަލީގެ ޓިއުރިންގައި ފަށާ އޭޓީޕީ ފައިނަލްސް އިން ސާބިއާގެ މަޝްހޫރު ތަރި، ނޮވަކް ޖޮކޮވިޗް ވަކިވެއްޖެ އެވެ.

ޖޮކޮވިޗް، 37، ވަނީ ހަތް ފަަހަރު އޭޓީޕީ ފައިނަލްސް ތަށި ހޯދައިފަ އެވެ. މި މަހު 10-17 އަށް އިޓަލީގައި ކުރިއަށްދާ މި ފަހަރުގެ ސީޒަނުގެ އޭޓީޕީ ފަހު މުބާރާތުގައި ޖޮކޮވިޗަށް ނުކުޅެވެނީ އަނިޔާގެ ސަބަބުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އަހަރެން ވަރަށް ބޮޑަށް ވިސްނައިގެން ހުރީ ކުޅެން، އެކަމަކު، މިހާރު މި ކުރިމަތިވަމުން އަންނަ އަނިޔާގެ މައްސަލައާ ހެދި އަންނަ ހަފްތާގައި އަހަރެން ނުފެންނާނެ އެ މުބާރާތުން. އަހަރެން ކުޅޭތަން ބަލަން އެ މުބާރާތަށް ދާން ރާވަމުން އައި އެންމެންގެ ކިބައިން މާފަށް އެދެން، ހުރިހާ ކުޅުންތެރިންނަށް ވެސް ކާމިޔާބަށް އެދެން،" ޖޮކޮވިޗް، އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވެ އެވެ.

ޖޮކޮވިޗް، އެންމެ ފުރަތަމަ އޭޓީޕީ ފައިނަލްސް ކާމިޔާބުކުރީ 2008 ވަނަ އަހަރު އެވެ. އެންމެ ފަހުން، މިދިޔަ އަަހަރުގެ މުބާރާތް ކާމިޔާބުކުރީ، ދުނިޔޭގެ ރޭންކިން އެއް ވަނަ ޖަނިކް ސިނާ ބަލިކޮށްފަ އެވެ.

މި ފަހަރުގެ މުބާރާތުގައި ސިނާގެ އިތުރުން ދެން ވާދަކުރާ ހަތް ކުޅުންތެރިންނަކީ، އަލެކްސަންޑަ ޒްވެރެވް، ކާލޯސް އަލްކަރާޒް، ޑަނީލް މެޑްވެޑޭވް، ޓޭލާ ފްރިޓްޒް، ކެސްޕާ ރޫޑް، އަަލެކްސް ޑި މެނުއޯ އަދި އަންޑްރޭ ރުބްލޭވް އެެވެ.

އެކާވީސް ވަނަ ގަރުނުގައި ފެނުނު، ޓެނިހުގެ މަޝްހޫރު "ބިގް ފޯ" ގެ ތެރެއިން ރިޓަޔާނުކޮށް ހުރީ މިހާރު ޖޮކޮވިޗް، އެކަންޏެވެ. އެ ގޮތުން، 2022 ވަނަ އަހަރު، ލެޖެންޑަރީ ތަރި، ސްވިޒަލެންޑުގެ ރޮޖާ ފެޑެރާ ރިޓަޔާކުރިއިރު، މި އަހަރުގެ އޮގަސްޓް މަހުގައި، ސްކޮޓްލެންޑްގެ އެންޑީ މަރީ ވަނީ ކުޅުން ހުއްޓާލައިފަ އެވެ. އަދި މިދިޔަ މަހު، ސްޕެއިނުގެ ރަފައެލް ނަޑާލް ވަނީ ރިޓަޔާމަންޓް އިއުލާނުކޮށްފަ އެވެ.