5 ނޮވެންބަރު 2024 - 15:11 0
އަމަން ހަލީމް
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވަނީ: އަންނަ އަހަރުގެ ބަޖެޓު ހަރަދުތައް ހަމަޖައްސަން ނަގާ ފައިސާ އާއި ހިނގަމުންދާ މަޝްރޫއުތަކުގެ ފައިސާ ދަރަންޏަށް އިތުރުވޭ -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
5 ނޮވެންބަރު 2024 - 15:11 0
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ހަރަދުތައް ހަމަޖައްސަން ދަރަނީގެ ގޮތުގައި 16.8 ބިލިއަން ރުފިޔާ ހޯދަން ފިނޭންސް މިނިސްޓްރީން ހުށަހަޅައިފި އެވެ.
ދަރަންޏަށް ހޯދާ ފައިސާގެ ތެރެއިން އެއް ބައި ހޯދަނީ ރަހުމަތްތެރި ގައުމުތަކުންނެވެ. އަނެއް ބައި ހޯދަނީ އެކިއެކި ބޭންކުތަކާއި ޖަމާއަތްތަކުންނެވެ.
ރަހުމަތްތެރި ގައުމުތަކުގެ ދަރަންޏަށް ނަގާ ފައިސާގެ އަދަދަކީ 1.7 ބިލިއަން ރުފިޔާ އެވެ. އެއީ މި އަހަރަށް ރިވައިސްކޮށްފައިވާ ބަޖެޓުގައި ޖަހާފައިވާ އަދަދަށް ވުރެ 600 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އެކިއެކި ބޭންކުތަކާއި ޖަމިއްޔާތަކުން ނަގަނީ 15 ބިލިއަން ރުފިޔާ އެވެ. އެއީ މި އަހަރު އެ ތަންތަނުން ދަރަންޏަށް ނަގާ ވަރަށް ވުރެ ފަސް ބިލިއަން ރުފިޔާ މަދު އަދަދެކެވެ.
އަންނަ އަހަރު އެންމެ ގިނަ ފައިސާ ދަރަންޏަށް ނަގާ ގޮތަށް ގޮތަށް އޮތީ ވިޔަފާރި ބޭންކުތަކުންނެވެ. އެއީ 6.6 ބިލިއަން ރުފިޔާ އެވެ. ފިނޭންސުން ބުނެފައިވާ ގޮތުގައި މިއީ ބަޖެޓު ސަޕޯޓު ލޯނުގެ ގޮތުގައި ނަގާ ފައިސާ އެވެ. ދެން އެންމެ ގިނައިން ފައިސާ ހޯދަނީ ރާއްޖޭގެ ފަރާތްތަކުންނެވެ. އެއީ ފަސް ބިލިއަން ރުފިޔާ އެވެ.
ބަޖެޓު ފައިނޭންސިންގެ ގާތްގަނޑަކަށް 70 ޕަސެންޓު ހަމަޖައްސަނީ ރާއްޖޭގެ ފަރާތްތަކަށް ސެކުއިރިޓީޒް ވިއްކައިގެންނާއި ލޯނު ނަގައިގެނާއި ބަޖެޓު ސަޕޯޓުގެ ގޮތުގައި ނަގާ ލޯނުންނެވެ.
ރަހުމަތްތެރި ގައުމުތަކުން ހޯދާ ފައިސާގެ ތެރެއިން ބޮޑު ބަޔެއް ހޯޑަނީ ސައުދީ އަރަބިއާއިންނެވެ. ދެން ކުވެއިތާއި އަބުދާބީ ފަންޑުންނެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ނަގާފައިވާ ލޯނުތަކަށް ފައިސާ ދޫކުރާ ގައުމުތަކެވެ.
ބޭންކުތަކާއި ޖަމާއަތްތަކުން ނަގާ ދަރަނީގެ ތެރެއިން ވިޔަފާރި ބޭންކުތަކާއި ރާއްޖޭގެ ފަރާތްތައް ނުލައި، ދެން އެންމެ ބޮޑު އަދަދެއް ނަގަން އޮތީ އިންޑިއާ އެގްޒިމް ބޭންކުންނެވެ. އެއީ 2.3 ބިލިއަން ރުފިޔާ އެވެ. މިއީ އެ ބޭންކުން ފައިސާ ނަގައިގެން މިހާރު ހިންގަމުންދާ ޕްރޮޖެކްޓުތަކުގެ ޑިސްބާސްމަންޓުގެ ގޮތުގައި އަންނަ އަހަރު ދަރަނީގެ ތެރެއަށް އިތުރުވާ ފައިސާ އެވެ.
އަންނަ އަހަރު ނަގާ ދަރަންޏާ އެކީގައި ފިނޭންސުން އަންދާޒާކުރަނީ އެ އަހަރު ނިމޭއިރު ޖުމްލަ ދަރަނީ ހުންނާނީ 149.9 ބިލިއަން ރުފިޔާގައި ކަމަށެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 124.8 ޕަސެންޓާ އެއްވަރު އަދަދެކެވެ.
Comment