Advertisement

އަމާޒަކީ މި ދައުރު ނިމޭއިރު ގެދޮރުވެރިކަން ބޭނުންވާ މީހަކު ނުބެހެއްޓުން: ރައީސް މުއިއްޒު

ހިޔާވަހި ފައިނޭންސް ސްކީމް އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ: ރައީސް ވިދާޅުވީ މި ސަރުކާރުގެ އެންމެ މައިގަނޑު އަމާޒަކީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުން ކަމަށް -- ފޮޓޯ: ރައީސް އޮފީސް


އަމާޒަކީ މި ދައުރު ނިމޭއިރު ގެދޮރުވެރިކަން ބޭނުންވާ މީހަކު ނުބެހެއްޓުން: ރައީސް މުއިއްޒު

އަމާޒަކީ މި ދައުރު ނިމޭއިރު ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ނުވާ އެއްވެސް މީހަކު ރާއްޖޭގައި ނުބެހެއްޓުން ކަމަށާއި އެ އަމާޒަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓަށް ވުރެ ކުޑަ އިންޓުރެސްޓު ރޭޓުގައި ލޯނު ދޫކުރާ ހިޔާވަހި ފައިނޭންސް ސްކީމް އިފުތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ސްކީމުގެ ސަބަބުން ރާއްޖޭގައި އޮތް ގެދޮރުވެރިިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ފުރިހަމަ ނަތީޖާއެއް ލިބިގެންދާނެ ކަމަށެވެ.

"އިރާދަކުރެެއްވިއްޔާ މިކަން ވެގެންދާނީ ރާއްޖޭގައި މި އޮތް ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމުގެ އެންމެ ފުރިހަމަ ނަތީޖާ ނުކުންނާނެ ކަމަކަށް، އަޅުގަނޑު ދެކެން ބޭނުން ވަނީ މި ދައުރު ނިމިގެން ދާއިރުގައި 2028 އާ ހަމައަށް ދާއިރުގައި ރާއްޖޭގައި އަޅުގަނޑު ވައުދުވީ ގޮތަށް ރާއްޖޭގައި ގެދޮރުވެރިކަމަށް ރާއްޖޭގައި ހައުސިންއަށް އެކްސެސް ނުލިބޭ އެކަކު ވެސް ނުބަހައްޓަން އެތަން ދެކެން ބޭނުން ވަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިއަދު އިފުތިތާހު ކުރި ހިޔާވަހި ފައިނޭންސިން ސްކީމަކީ ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ފަސް ޕަސެންޓުގެ އިންޓުރެސްޓު ރޭޓުގައި 25 އަހަރުން އަނބުރާ ދެއްކޭ ގޮތަށް ލޯނު ދޫކުރާ ސްކީމެކެވެ. އެ ސްކީމުގެ ދަށުން ލޯނު ދޫކުރާނީ ކޮންމެ މީހަކު ވެސް ފުރަތަމަ އިމާރާތް ކުރާ ގެއަށެވެ.

އެ ސްކީމުގެ ދަށުން އަމިއްލަ ގެ އިމާރާތް ކޮށްގެން އެ ގޭގައި ދިރިއުޅުމުގެ އުފާ އެތައް ހާސް ރައްޔިތުންނަކަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު ހަމަ ވައުދުވީ ގޮތަށް މި ރާއްޖޭގައި ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ނުވާ މީހަކު އެމީހަކަށް ގެދޮރުވެރިކަމަށް އެކްސެސް ނުލިބޭ މީހަކު އިރާދަކުރެއްވިއްޔާ ނުބެހެއްޓުމުގެ އަޒުމުގައި މަސައްކަތް މި ކުރަނީ، އިރާދަކުރެއްވިއްޔާ އެކަން ހަމަ އެގޮތަށް ހާސިލު ވެސް ވާނެ، އެ ޔަގީންކަން އަޅުގަނޑަށް އަދިވެސް އެބައޮތް،" ރައީސް ވިދާޅުވި އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ނިންމާފައި ވަނީ ތިން ކެޓެގަރީއަށް ބަހާލައިގެންނެވެ. އޭގެ ކޮންމެ ކެޓެގަރީއެއްގެ ދަށުން ދޫކުރާ ލޯނުގެ އަދަދު ތަފާތުވުމުގެ އިތުރުން ދައްކަންޖެހޭ އަގު ވެސް ތަފާތެވެ.

ހިޔާވަހި ރަށްވެހި (ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަ)

  • އެންމެ ބޮޑުކޮށް ކޮންމެ އެޕްލިކޭޝަކަށް ދޫކުރާނީ އެއް މިލިއަން
  • އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެ
  • ނޮމިނަލް ކޮންޓްރިބިއުޝަނެއްގެ ގޮތުގައި މިނިސްޓަރީން އާންމު ކުރާ ރަސްމީ އަގުތަކާ އެއްގޮތަށް ބަންޑާރަ ގޯތި އަމިއްލަ ކުރުމުގެ އަގު ނެގޭނެ

ހިޔާވަހި ސަހަރު (އާބަން ސެންޓަރުތަކަށް ހާއްސަ)

  • އެންމެ ބޮޑުކޮށް ކޮންމެ އެޕްލިކޭޝަކަށް ދޫކުރާނީ ތިން މިލިއަން
  • ފަސް ޕަސެންޓުގެ އިކުއިޓީއެއް ދައްކަންޖެހޭނެ
  • މި ވަސީލަތްތަކަކީ ހުސް ބިމެއްގައި އިމާރާތް އަޅަން ނުވަތަ ނުނިމި ހުރި އިމާރާތެއް އެއްކޮށް ނިންމުމަށް ނުވަތަ ބާވެފައިވާ އިމާރާތެއް މަރާމާތު ކުރުމަށް ހަމަޖައްސާ ފައިސާ ކަމަށް ވާތީ ދޫކުރެވޭ ޖުމުލަ އަދަދުން މަޝްރޫއު އެއްކޮށް ނިންމޭވަރު ވާންޖެހޭނެ

ހިޔާވަހި ފުރަމާލެ (މާލެ ސަރަހައްދަށް ހާއްސަ)

  • އެންމެ ބޮޑުކޮށް ކޮންމެ އެޕްލިކޭޝަކަށް ދޫކުރާނީ ހަ މިލިއަން
  • 10 ޕަސެންޓުގެ އިކުއިޓީއެއް ދައްކަންޖެހޭނެ
  • ކުދިން ބިންކޮޅުތަކެއް އެއްކޮށްލައިގެން އިމާރާތް ކުރުމަށް ހުށަހަޅާ ފަރާތްތަކަށް ފުރަމާލެއަށް ދޫކުރާ ލޯނު ދިނުމުގައި އިސްކަން ދެވޭނެ
  • އެގޮތުން އެއް ކުރެވޭނީ 600 އަކަފޫޓަށްވުރެ ކުދި ބިން
  • އެފަދަ ފަރާތްތަކަށް ހަ މިލިއަން ރުފިޔާގެ އިތުރުން އެއްކުރެވޭ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ އިތުރު ކުރެވޭނެ، ނަމަވެސް މި އުސޫލުން އެންމެ ބޮޑުވެގެން ދޫކުރެވޭނީ 10 މިލިއަން ރުފިޔާ އާ ހަމައަށް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ވެސް ހިޔާފަހި ފައިނޭންސް ސްކީމުގެ ދަށުން ލޯނު ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު އަހަރަށް ލަފާކޮށް ހުށަހަޅާ ބަޖެޓުތަކުގައި ވެސް، ކޮންމެ އަހަރަކު އެއް ބިލިއަން ރުފިޔާ ހިމަނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުން ވަނީ ސަރުކާރުގެ ޕްރައޮރިޓީތައް މި ތަރުތީބުން ޕްރައޮޓައިޒް ކުރަން، ގެދޮރުވެރިކަން އެންމެ މަތީގައި، ދެގޮތެއް ނެތް ސުވާލެއް ނެތް ސިޔާސަތެއް އެއީ، ގެދޮރުވެރިކަން ނޫން ކަމެއް، އަޅުގަނޑު އަބަދުވެސް ވައުދުވަމުން އައިން ކެމްޕޭނު ތެރޭގައި ވެސް ގައުމީ ބޮޑެތި މައްސަލަތައް، މިނިވަންކަމާ ގުޅިފައިވާ ގައުމީ މައްސަލަ ފިޔަވައި އެންމެ ބޮޑު އިސްކަމެއް ދޭނީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލު ކުރާށޭ، އެގޮތަށް ކުރިއަށް މި ގެންދަނީ،" ރައީސް ވިދާޅުވި އެވެ.

ހިޔާވަހި ފައިނޭންސިން ސްކީމަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި އެ ސްކީމުގެ ޝަރުތުތަކާއި އުސޫލުތަކާއި އިތުރު ތަފުސީލު މި ހަފުތާ ނިމުމުގެ ކުރިން އިއުލާނު ކުރައްވާނެ ކަމަށް މިއަދުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު، އަލީ ހައިދަރު ވިދާޅުވި އެވެ.