2 ނޮވެންބަރު 2024 - 20:13 1
އަހުމަދު އާއިދު
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް: އޭނާ ވިދާޅުވީ ސަރުކާރުން ހުށަހެޅީ ޓެކްސް ބޮޑު، ހަރަދު ބޮޑު، ދަރަނި ބޮޑު ބަޖެޓެއް ކަމަށް -- ފޮޓޯ: އެމްޑީޕީ
2 ނޮވެންބަރު 2024 - 20:13 1
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހާޅާފައިވަނީ ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ޓެކްސް ބޮޑު، ޚަރަދު ބޮޑު، ދަރަނި ބޮޑު ބަޖެޓެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، މި ބަޖެޓުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ރައްޔިތުންނާއި ވިޔަފާރިތަކުގެ ފައިސާ ސަރުކާރަށް ޓެކްސްގެ ގޮތުގައި އިތުރަށް ނަގައި، އެ ފައިސާ ސަރުކާރުން ހަރަދު ކުރާނީ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމަކަށް ނޫން ކަމަށެވެ.
އަދި، މީގެ ހަތަރު އަހަރު ކުރިން ދިމާވި ކޮވިޑު-19 ބަލިމަޑުކަމަށް ފަހު ރާއްޖޭގެ އިގުތިސޯދަށް ބޭނުންވާ އިސްލާހީ އެޖެންޑާ މި ބަޖެޓުގައި ނެތް ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ބަޖެޓު ފޫބެއްދުމަށް އަނެއްކާވެސް ސަރުކާރުން އިތުރު 16.9 ބިލިއަން ރުފިޔާގެ ދަރަނި ހޯދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
"ފައިސާ ހޯދަން ސަރުކާރު މިހާރުވެސް ފޭލިވަމުން ދާއިރު މި ފައިސާ ހޯދޭނެ ގޮތުގެ ރަނގަޅު ޕްލޭނެއް ނެތް. މި ފައިސާގެ ބޮޑުބައި ހޯދުމަށް ބަޖެޓުގައި ޖަހާފައިވަނީ ބޭރުގެ ކޮމާޝަލް ބޭންކުތަކުން ބަޖެޓް ސަޕޯޓް ލޯނު ނަގައިގެން. މިއީ ކަންބޮޑުވާ ފައިނޭންސިން ސްޓްރެޓެޖީއެއް،" ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެއިތުރުންވެސް އިގުތިސޯދީ ގޮތުން ދިމާވެފައިވާ އެކި ދަތިތައް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން ބޭރުގެ އެހީ ލިބުން މަދުވުމާއި ޑޮލަރު ރިޒާވު ދަށްވުމާއި ސަރުކާރުން ފައިސާ ނުދެއްކުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ކުރިމަތިވާނެ ގެއްލުންތައް ފައްޔާޒު ވަނީ ތިލަކުރައްވާފަ އެވެ.
މުސާރައިގެ ތަފްސީލުތަކާއި، މަޝްރޫއުތަކުގެ ލިސްޓެއް ބަޖެޓުގައި ހިމަނާފައި ނެތް ކަމަށާއި މިއީ ސަރުކާރުގެ ސިއްރުވެރި ސިޔާސަތަށް އިތުރުވާ ބޮޅެއްގެ ގޮތުގައި ފައްޔާޒު ސިފަކުރެއްވި އެވެ. އަދި، މިއީ މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވަން އެޅޭނެ ހުރަހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment