1 ނޮވެންބަރު 2024 - 22:52 0
ލީވާން އަލީ ނާސިރު
މޯލްޑިވްސް އިސްލާމިކް ބޭންކް: އެމްއައިބީގެ އެސެޓް ވެލިއު 10 ބިލިއަން ރުފިޔާއަށް ވަނީ އަރާފައި -- ފޮޓޯ: އަދަދު ފައިލް
1 ނޮވެންބަރު 2024 - 22:52 0
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެސެޓް ވެލިއު ނިމިދިޔަ ކުއާޓަރުގައި 10.42 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
އެމްއައިބީން ބުނީ އެ ބޭންކުގެ އެސެޓް ވެލިއު 10 ބިލިއަން ރުފިޔާއަށް އަރާފައި ވަނީ ފުރަތަމަ ފަހަރަށް ކަމަށާއި އެއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު 34.31 ގެ ބޮޑު ކުރިއެރުމެކެވެ.
އެމްއައިބީގެ މިދިޔަ ކުއާޓަރުގެ ރިޕޯޓުން ދައްކާ ގޮތުން، ހުސްވި ކުއާޓާރުގައި އެ ބޭންކުގެ ފައިނޭންސިން ޕޯޓްފޯލިއޯ 5.48 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. އެއީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު 45.55 ޕަސަންޓުގެ ކުރިއެރުމެކެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އެމްއައިބީގެ ޑިޕޮސިޓްބޭސް 8.46 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ. އެއީ މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ލިބުނު 26.46 ޕަސަންޓުގެ ކުރިއެރުމެކެވެ.
އެއާއެކު، ބޭންކުގެ އާމްދަނީ ވެސް ވަނީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރާއި ބަލާއިރު 50.80 ޕަސަންޓުގެ ބޮޑު ކުރިއެރުމެއް ހޯދާފަ އެވެ.
އޭގެ އިތުރުން ތިން ވަނަ ކުއާޓަރު ނިމުނުއިރު، ސާފު ފައިދާގެ ގޮތުގައި 81.71 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ މިދިޔަ އަހަރާ އަޅާބާލާއިރު 53.76 ޕަސަންޓުގެ ކުރިއެރުމެކެވެ.
މި އަހަރުގެ ހުރިހާ ކުއާޓަރެއްގައި ވެސް ބޮޑު ކުރިއެރުމެއް އެމްއައިބީއިން ހޯދަމުން އަންނައިރު، އެބޭންކުން ދަނީ ޓެކްނޮލޮޖީގެ އެހީގައި ބޭންކު ހިންގުމަށް ޒަމާނީ ބަދަލުތަކެއް ވެސް ގެންނަމުންނެވެ.
ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމާއި، އުޖާލާ ފައިނޭންސިންގެ ހުރިހާ ކަމެއް އޮންލައިންކޮށް ކުރެވޭ ގޮތަށް ބަދަލު ކުރުމުގެ އިތުރުން ބޭންކުގެ ބްރާންޗްތައް އިތުރު ކުރުމާއެކު ބޭންކުގެ ހިދުމަތް ހޯދުމަށް އެބޭންކުން ވަނީ ބޮޑެތި ލުއި ފަސޭހަތަކެއް ގެނެސްދީފަ އެވެ.
Comment