ޕެރިސް (ނޮވެމްބަރު 1) - ފްރާންސް ފުޓްބޯލް މެގަޒިން އިން، ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް މި އަހަރު ހައްގީ ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއުސް އަށް ކަމަށް, ކުރިން ރެއާލަށް ކުޅެމުން ބެލޮންޑިއޯ އެވޯޑް ހާސިލްކުރި ފްރާންސްގެ ކަރިމް ބެންޒެމާ ބުނެފި އެވެ.
މި އަހަރުގެ ބެލޮންޑިއޯ އެވޯޑް ހޯދީ ސްޕެއިންގެ ގައުމީ ޓީމާ އެކު, ޔޫރޯ ހޯދައި، އިނގިރޭސި ޕްރިމިއާ ލީގު މެންޗެސްޓާ ސިޓީއާ އެކު, ކާމިޔާބުކުރި މިޑްފީލްޑަރު ރޮޑްރީގޯ (ރޮޑްރީ) އެވެ.
ބެންޒެމާ ބުނީ ވިނީޝިއުސް މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުން އޭނާ ފެނުނު ކަމަށެވެ. އަދި ފްރާންސް ފުޓުބޯޅަ އެސޯސިއޭޝަނުގެ ވާހަކަ ދައްކަން ބޭނުންނުވާ ކަމަށް ބެންޒެމާ ބުންޏެވެ.
މިދިޔަ ތިން އަހަރެއްހާ ދުވަހު ވިނީޝިއުސް ކުރި މަސައްކަތް ކައިރިން ފެނިފައިވާ ކަން ފާހަގަކޮށް ބެންޒެމާ ބުނީ މެޗުތަކުގައި ވިނީޝިއުސް ބަލަނީ ހަމައެކަނި ގޯލު ޖެހުމަށް ނޫން ކަމަށެވެ.
"މިދިޔަ ސީޒަނުގެ ޔޫރަޕްގެ ޗެމްޕިއަން އަކީ ރެއާލް. ރެއާލް ހޯދި ކާމިޔާބީގައި ވިނީ އަކީ ކޮންމެ މެޗެއްގައި ހެން ތަފާތު ދެއްކި ކުޅުންތެރިޔާ. އަހަރެންއަކަށް ނުފެނޭ ވިނީ އަށް ވުރެ މި އެވޯޑް ހައްގު ކުޅުންތެރިއެއް" ބެންޒެމާ ބުންޏެވެ.
"އަހަރެންގެ އެއްވެސް މައްސަލަ އެއް ނެތް ރޮޑްރީ އަކާ. އެކަމަކު އަހަރެން ޓީވީ ބަލަން އިންނައިރު, އަހަންނަކަށް ނުފެނޭ ހައިރާން ކުރަނިވިކަމެއް ރޮޑްރީ ކުރާ މަންޒަރެއް. އެއާ ހިލާފައް ކޮންމެ މެޗެއްގައި ކަހަލަ ގޮތަކަށް ވިނީ އެކަން ކުރޭ"
ބެލޮންޑިއޯ އެވޯޑް ހަފްލާ އަށް މި ފަހަރު ރެއާލްގެ އެއްވެސް ފަރާތެއް ހާޒިރެއްނުވެ އެވެ. އެކަމާ އެ ޓީމަށް ގިނަ ފާޑުކިޔުންތަކެއް ވެސް އަންނަނީ އަމާޒުވަމުންނެވެ.
Comment