31 އޮކްޓޯބަރު 2024 - 11:05 0
31 އޮކްޓޯބަރު 2024 - 11:05 0
އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދިޔަ 13 ވަނަ އޭޝިއާގެ ނެޓްބޯޅަ މުބާރާތުގެ ރޭންކިން ފަހު މެޗުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހި މި ފަހަރުގެ މުބާރާތުގެ އަށް ވަަނައިގައި ރާއްޖެ ނިންމާލަން ޖެހިއްޖެ އެވެ.
މި ފަހަރުގެ އޭޝިއާ ނެޓްބޯޅަ މުބާރާތުގައި 14 ގައުމަކުން ވާދަކުރި އެވެ.
ރޭންކިން ފަހު މެޗު، ހަތް ވަނަ އާއި އަށް ވަނަ ކަނޑައަޅަން ކުޅުނު މެޗުން ބްރުނާއީ އަތުން ރާއްޖެ ބަލިވީ 53-41 އިންނެވެ. އޭގެ ކުރިން، ރޭންކިން ފުރަތަމަ މެޗުގައި، ތައިލެންޑް އަތުން ރާއްޖެ ބަލިވީ 57-39 އިންނެވެ.
މި ފަހަރުގެ އޭޝިއާ މުބާރާތުގައި ރާއްޖޭން ތިން މެޗު ކާމިޔާބުކުރި އެވެ. އަލަށް ވާދަކުރި ސައުދީ އަރަބިއްޔާ އާއި މުބާރާތް ބާއްވާ ގައުމު އިންޑިއާގެ އިތުރުން ޖަޕާން އަތުން ޖެހިޖެހިގެން ދެ ވަނަ މުބާރާތުގައި މޮޅުވެފައިވެ އެވެ. ގްރޫޕް ސްޓޭޖުގައި ދެން ކުޅުނު ތިން މެޗުން ވަނީ އޭޝިއާގެ ތިން ވަނަ މެލޭޝިއާ އާއި ފިލިޕީންސް އަދި ސްރީ ލަންކާ އަތުން ބަލިވެފަ އެވެ.
ގްރޫޕް ސްޓޭޖުގައި، ރާއްޖެ މޮޅުވި ނަތީޖާތަކަށް ބަލާއިރު، ސައުދީ އަރަބިއްޔާ އަތުން 74-14 އިން، އިންޑިއާ އަތުން މޮޅުވީ، 54-48 އިންނެވެ. އަދި ޖަޕާންގެ މައްޗަށް ކުރިހޯދީ 62-24 އިންނެވެ. ބަލިވި ނަތީޖާތަކަށް ބަލާއިރު، މެލޭޝިއާ އަތުން 64-28، ފިލިޕީންސް އަތުން 56-48 އަދި ލަންކާ އަތުން 80-32 އިންނެވެ.
އޭޝިއާ މުބާރާތުގެ ޗެމްޕިއަންކަން، ސިންގަޕޫރުން ހޯދިއިރު، ދެ ވަނަ ލިބުނީ ލަންކާ އަށެވެ. އަދި ތިން ވަނަ ހޯދީ މެލޭޝިއާ އެވެ.
ގައުމީ ނެޓްބޯޅަ ޓީމުގެ ކޯޗު ނީޝާ ހަލީމް ދެކޭގޮތުގައި، ރާއްޖޭގެ ކުޅުންތެރިންނަށް އިންޓަނޭޝަނަލް މެޗުތައް ލިބޭ ނިސްބަތް އިތުރުވި މިންވަރަކަށް ޓީމުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ނެރޭ ނަތީޖާ ރަނގަޅުވާނެ އެވެ.
Comment