Advertisement

އަންނަ އަހަރުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން 12.4 ބިލިއަން ރުފިޔާ، މިއީ ރެކޯޑެއް

31 އޮކްޓޯބަރު 2024 - 13:21 0

އަމަން ހަލީމް

އަމަން ހަލީމް

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ: ތަރައްގީގެ މަޝްރޫއުތަކުގެ ބޮޑު ހަރަދެއް ހިންގަނީ ބިން ހިއްކުމަށް -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


އަންނަ އަހަރުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން 12.4 ބިލިއަން ރުފިޔާ، މިއީ ރެކޯޑެއް

31 އޮކްޓޯބަރު 2024 - 13:21 0

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބޮޑު ބަޔެއް ޕަބްލިކް ސެކްޓާ އިންފްރާސްޓްރަކްޗާ ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ހަރަދުކުރާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްއައިޕީއަށް 12.4 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ. މިއީ ތާރީހުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެންމެ ބޮޑު އަދަދެއް ބަޖެޓު ކުރެވުނު އަހަރުކަން ފިނޭންސް މިނިސްޓްރީން ވެސް ފާހަގަކޮށްފައިވެ އެވެ. ހަމަ އެހެންމެ، އާ މަޝްރޫއުތަކަށާއި ހަރަކާތްތަކަށް އެންމެ ގިނައިން ހަރަދުކުރާނެ ބަޖެޓަކީ ވެސް މިއީ ކަމަށް ފިނޭންސުން ބުނެފައި ވެ އެވެ.

މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓާ ގުޅޭ ގޮތުން ފިނޭންސުން ފާހަގަކުރަމުން އަންނަ މައިގަނޑު ކަންބޮޑުވުމަކީ ގިނަ މަޝްރޫއުތަކެއް ހިންގަން ޖަހާފައި އޮތަސް، އެ މަޝްރޫއުތައް ހިންގަން އެކަށީގެންވާ އަދަދުތަކެއް ޖަހާފައި ނެތުމެވެ. ބެލެވޭ ގޮތުގައި އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި، ޕީއެސްއައިޕީއަށް ރެކޯޑު އަދަދެއް ބަޖެޓު ކޮށްފައި ވަނީ މަޝްރޫއުތައް ހިންގޭ ވަރުގެ އަދަދެއް ބަޖެޓު ކުރުމުގެ ބޭނުމުގައި ކަމަށް ބެލެވެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ މި އަހަރުގެ ސަޕްލިމެންޓާ ލައިގެން ބަޖެޓު ކުރި 54.9 ބިލިއަން ރުފިޔާއަށް ވުރެ 1.7 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ޕީއެސްއައިޕީ ނަގާފައި އިޖުތިމާއީ ރައްކާތެރިކަމަށާއި ސިއްހީ ދާއިރާއަށާއި ގެދޮރުވެރިކުރުމަށް ހަރަދު ކުރަން ބަޖެޓުކޮށްފައި ވެ އެވެ.

އޭގެ އިތުރުން މި އަހަރުގެ ތެރޭގައި ނުގެނެވުނު ފިސްކަލް ރިފޯމްތައް އަންނަ އަހަރުން ފެށިގެން ތަންފީޒުކުރާ ގޮތަށް ވެސް ބަޖެޓުގައި ހިމަނާފައިވެ އެވެ. އަދި ދައުލަތުގެ ޕެންޝަނުތައް ތަކުރާރުކޮށް، އިސްރާފު ނުވާނެހެން މިހާރު މި ދޭ ޑަބަލް ޕެންޝަން އުވާލުމަށާއި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ދިމާވާ ޝޮކުތައް ކުޑުކުރުމަށް ހެޖުކުރަން ހިމަނާފައި ވެ އެވެ.