Advertisement

މާލީ ހިސާބުތައް ހާމަކުރިއިރު، ރިކަރަންޓު ހަރަދުތައް ވީ ބޮޑު

30 އޮކްޓޯބަރު 2024 - 14:04 0

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތުގެ ބޭރުން މީހަކު ހިނގާފައި ދަނީ: މި އަހަރުގެ ކުރީކޮޅު ސަރުކާރުން ބުނަމުން އައީ ހަރަދުތައް ކުޑުކުރުމުގެ ސަބަބުން ރިކަރަންޓު ހަރަދުތައް ކުރީ އަހަރަށް ވުރެ ދަށް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މާލީ ހިސާބުތައް ހާމަކުރިއިރު، ރިކަރަންޓު ހަރަދުތައް ވީ ބޮޑު

30 އޮކްޓޯބަރު 2024 - 14:04 0

ފިނޭންސް މިނިސްޓްރީން މާލީ ހިސާބުތައް ހާމަކުރުން ހުއްޓާލުމާ ހަމައަށް ދައްކަމުން އައި ވާހަކައާ ހިލާފަށް، މުސާރަ ދިނުމަށާއި އިދާރީ ހިންގުމުގެ ހަރަދުތަކަށް ހިނގި ރިކަރަންޓު ހަރަދުތައް އިތުރުވެފައިވާ ކަމަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތަކުން ދައްކައިފި އެވެ.

ދައުލަތުގެ ބަޖެޓު ހަރަދުކުރަމުން އަންނަ ގޮތް އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތައް ގަވާއިދުން ޝާއިއުކުރުން ހުއްޓާލީ ޖޫން 20، 2024 ގަ އެވެ. އޭރާ ހަމައަށް މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ ޖުމްލަ ބަޖެޓުން ހަރަދު ކުރި މިންވަރާއި، ރިކަރަންޓާއި ކެޕިޓަލް ހަރަދުތައް ވެސް ކުޑަ އެވެ.

އެކަމަކު ފިނޭންސް މިނިސްޓްރީން އިއްޔެ، ވެއެތުވި ހުރިހާ ހަފުތާއެއްގެ ރިޕޯޓުތައް އެއް ފަހަރާ އާންމުކުރިއިރު، ޖެހިގެން އައި ހަފުތާގައި މުސާރަ އާއި ޕެންޝަން ދިނުމަށް ކުރާ ހަރަދާއި އިދާރީ ހަރަދުތަކާއި ހިންގުމުގެ ހަރަދުތައް އޭގެ ކުރީ އަހަރަށް ވުރެ އިތުރެވެ. ހަރަދުތައް ބޮޑުވިއިރު، ސަރުކާރުން އޭރު ވެސް ބުނަމުން ދިޔައީ ހަރަދުތައް ކުޑަކުރަން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ރިކަރަންޓު ހަރަދުތައް ހުރީ މިއަށް ވުރެ ވެސް ބޮޑަށް މަތިވެފަ އެވެ. އެ ގޮތުން މި މަހުގެ 24، އާ ހަމައަށް ހިނގި ހަރަދުތައް އަންގައިދޭ ރިޕޯޓުގައިވާ ގޮތުގައި:

  • ރިކަރަންޓު ހަރަދު - 27.2 ބިލިއަން ރުފިޔާ (2.1 ބިލިއަން ރުފިޔާ އިތުރު)
  • މުސާރަ އާއި ޕެންޝަނަށް - 10.2 ބިލިއަން ރުފިޔާ (1.2 ބިލިއަން ރުފިޔާ)
  • އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް - 16.8 ބިލިއަން ރުފިޔާ (އެއް ބިލިއަން ރުފިޔާ އިތުރު)

ރިކަރަންޓު ހަރަދުތައް އިތުރުވި ނަމަވެސް ކެޕިޓަލް ހަރަދުތައް އަދިވެސް ހުރީ މިދިޔަ އަހަރަށް ވުރެ ކުޑަކޮށެވެ. އެއީ ޕީއެސްއައިޕީ މަޝްރޫއުތަކަށް ކުރި ހަރަދު ކުރުން މަޑުޖައްސާލާފައި ވާތީ އެވެ. އެކަމަކު އަހަރު ނިމޭއިރު، މި ދާއިރާއިން ވެސް ހަރަދުތައް އިތުރުވާނެ ކަަމަށް ބެލެވެ އެވެ.