Advertisement

ހުލާސާކޮށް އިއްޔެ: އާރްޓީއެލް ފެރީ ޓިކެޓުގެ އަގު ބޮޑު ކުރަނީ

about 5 hours 0

އާރުޓީއެލްގެ ލޯންޗުތައް


ހުލާސާކޮށް އިއްޔެ: އާރްޓީއެލް ފެރީ ޓިކެޓުގެ އަގު ބޮޑު ކުރަނީ

about 5 hours 0

އާރްޓީއެލް ފެރީ ހިދުމަތް ދެމެހެއްޓިނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ޓިކެޓުގެ އަގު ބޮޑު ކުރަން ޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި އަމީން ވިދާޅުވީ އާރްޓީއެލް ފެރީގެ ހިދުމަތަށް ސަބްސިޑީއާއެކު ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށާއި ދެމެހެއްޓިނިވި ގޮތެއްގައި ހިދުމަތް ދިނުމަށް ސަބްސިޑީ ދޭވަރު މަދު ކުރަން ޖެހޭ ކަމަށެވެ.

"މިހާރު މިއޮތް ގޮތަކީ ދައުލަތަށް ކެތްވާނެ ވަރުގެ ކަމެއް ނޫން. މިހާރު އޮތް މޮޑެލްގައި އޮޕަރޭޓް ކުރާނަމަ އެއީ 20 ޕަސަންޓް ރިކަވަރީ. 80 ޕަސަންޓް ސަބްސިޑައިޒް ކުރަން ޖެހޭ. އޭގެ މާނައަކީ އެއް ބިލިއަން ރުފިޔާއަށް ދާނެ ސަބްސިޑީ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ސަބްސިޑީ ދޭ މިންވަރު 80 ޕަސަންޓުން 55 ޕަސަންޓަށް ކުޑަ ކުރުމަށްފަހު، ރިކަވަރީ 20 ޕަސަންޓުން 40 ޕަސަންޓަށް އިތުރު ކުރެވޭނެ މޮޑެލްއެއް ހަދަންޖެހޭ ކަމަށެވެ.

ޓްރާންސްޕޯޓުން ސަބްސިޑީއަށް ގެންނަ ބަދަލުތަކާ އެކު އާރްޓީއެލް ފެރީއަށް ނަގާ ޓިކެޓުގެ އަގު އުފުލިގެންދާނެ އެވެ.

އާރްޓީއެލްއަކީ ކުރީ ސަރުކާރުން ފެށި ރަނގަޅު މަސައްކަތެއްކަން ފާހަގަ ކުރައްވާ އަމީން ވިދާޅުވީ އާރްޓީއެލްއަށް ސަބްސިޑީގެ ގޮތުގައި ފުރަތަމަ އަހަރު 48 މިލިއަން ރުފިޔާ ހޭދަކުރި ކަމަށާއި މިދިޔަ އަހަރު 130 މިލިއަން ރުފިޔާ ހޭދަ ކުރި ކަމަށެވެ.

"މިހާރު އާރްޓީއެލްގެ ހަގީގަތަކީ ފުރަތަމަ އަހަރުގައި 48 މިލިއަން ރުފިޔާ ސަބްސިޑައިޒް ކުރި. މިދިޔަ އަހަރު ކުރި 130 މިލިއަން އަޅުގަނޑު ހަނދާންވާ ގޮތުން ދައުލަތުން. މި އަހަރު ނިމޭއިރު 280 އަށްވުރެ ގިނަ މިލިއަން ރުފިޔާ ދާނެ،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ އާރްޓީއެލްގެ މުޅި ޕްލޭން 2026 ގައި ނިންމަން ކަމަށާއި ކުރިން ކަނޑައަޅާފައި އޮތީ މަސައްކަތް 2027 ގައި ނިންމުމަށް ކަމަށެވެ.

އާރްޓީއެލްގެ ފެރީ ހިދުމަތުން ރާއްޖޭގެ އުތުރާއި ދެކުނުގެ ނުވަ އަތޮޅެއްގެ 81 ރަށް ވަނީ ގުޅާލާފަ އެވެ. އެ ހިދުމަތާއެކު ދަތުރުފަތުރު ކުރަން ރައްޔިތުން ކުރިން ކުރަން ޖެހުނު ހޭދަ އެތައް ގުނައަކުން ވަނީ ކުޑަވެފަ އެވެ.

މުހިއްމު ބައެއް ހަބަރު