29 އޮކްޓޯބަރު 2024 - 12:49 0
ހަސަން މުހައްމަދު
ގުރު ނެގުމުގެ މަސައްކަތް މިއަދު ކުރިއަށްގެންދަނީ: ގުރު ނަގަނީ ގޯތި ލިބުނު މީހުންގެ ބަދަލުގައި ސަރުކާރުގެ އޮފިޝަލުން -- ފޮޓޯ: މުހައްމަދު ޝަހުޒާން
29 އޮކްޓޯބަރު 2024 - 12:49 0
ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ޕްލޮޓު ބެހުމަށް މިއަދު ގުރު ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު، ގުރުން ލިބުނު ނަންބަރު ނޫން އެހެން ބައެއް ނަންބަރުތައް ލިބުނު ކަމަށް ބުނެ ބައެއް މީހުންގެ ފޯނުތަކަށް މެސެޖު ކުރަން ފަށައިފި އެވެ.
ގުރުން ލިބުނު ނަންބަރު ނޫން އެހެން ނަންބަރުތައް ފޯނަށް މެސެޖުކޮށްގެން އެކަމުގެ ޝަކުވާ ހުށަހަޅަން ދިޔުމުން ދަރުބާރުގޭގައި ތިބި ސަރުކާރުގެ އޮފިޝަލުން ބުނެފައި ވަނީ އެގޮތަށް މެސެޖު ފޮނުވުނީ އޮޅިގެން ކަމަށެވެ.
ގުރުން ލިބުނު ނަންބަރު ނޫން ނަންބަރެއް ޖެހުމަށްފަހު މެސެޖު ކުރި މީހުންނަށް ސަރުކާރުން ދަނީ ރަނގަޅު ނަންބަރު ޖެހުމަށްފަހު ދެ ވަނަ މެސެޖެއް ކުރަމުންނެވެ. އެގޮތަށް ބައިވަރު މީހުންނަށް އޮޅިގެން މެސެޖު ކުރެވުނު ކަމަށް އޮފިޝަލުން ވިދާޅުވި ކަމަށް، އެ ތަނުގައި ހުރި މި ނޫހުގެ ނޫސްވެރިޔަކު ބުންޏެވެ.
ގުރުން ލިބުނު ޕްލޮޓު ނަންބަރު ނޫން ނަންބަރެއް މީހަކަށް ފޮނުވާފައި: ގުރު ނަގައިދެނީ ވެސް ސަރުކާރުގެ އޮފިޝަލުން -- ފޮޓޯ: އަދަދު
ގުރު ނެގުމުގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ވެސް ވަރަށް ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. ގޯތި ލިބުނު މީހުންގެ ބަދަލުގައި އެމީހުންނަށް ގުރު ނަގައިދެނީ ސަރުކާރުގެ އޮފިޝަލުންނެވެ. ގޯތި ލިބުން މީހުން ތިބެންޖެހެނީ މަންޒަރު ބަލާށެވެ.
ފޮށިން ކަރުދާސްކޮޅު ނަގާނީ ސަރުކާރުގެ އޮފިޝަލުން ކަމެއް ކުރިން ހާމައެއް ނުކުރެ އެވެ. އެހެންވެ ގުރު ނަގަން މިއަދު ގޮސް ތިބި ބައެއް މީހުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފަ އެވެ. އެކަމާ ހިތްހަމަނުޖެހުމުން އޮފިޝަލުން ބުނަނީ، ގުރު ނެގުމުގައި އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށާއި ޓީވީއިން ވަގުތުން އެ މަންޒަރު ބްރޯޑްކާސްޓު ކުރާނެ ކަމަށެވެ.
ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް ޕްލޮޓުތައް ހަމަޖައްސައި ކުރިން އޮތީ ގޯތީގެ ރަޖިސްޓްރީ ވެސް ދީފަ އެވެ. އެކަމަކު، މި ސަރުކާރުން ވަނީ އެ ދެ ރަށުގެ ލޭންޑް ޔޫސް ޕްލޭންއަށް ބަދަލު ގެނެސްފަ އެވެ. ގޯތި ލިބުނު މީހުންނަށް ލިބޭ ޕްލޮޓު އަލުން ކަނޑައަޅަންޖެހެނީ އެހެންވެ އެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން މި ސަރުކާރުން ތިން ފަހަރަކު ބަދަލު ކުރި އެވެ. އެންމެ ފަހުން ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ ގުރު ނަގަން 24 ގަޑިއިރަށް ވެފައި ހުއްޓައި އިއްޔެ އެވެ.
Comment