Advertisement

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ޓެން ހާގް ވަކިކޮށްފި

28 އޮކްޓޯބަރު 2024 - 16:58 0


މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ޓެން ހާގް ވަކިކޮށްފި

28 އޮކްޓޯބަރު 2024 - 16:58 0

މެންޗެސްޓާ (އޮކްޓޫބަރު 28) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމުން އެރިކް ޓެން ހާގް ވަނީ ވަކިކޮށްފި އެވެ.

އަޔަކްސްގެ ކުރީގެ ކޯޗު ޓެން ހާގް އަށް ޔުނައިޓެޑްގެ ކޯޗުކަމުގެ މަގާމުގައި ދެމިހުރެވުނީ ދެ އަހަރާއި ބައިގެ މުއްދަތެއް ވަންދެނެވެ.

ޔުނައިޓެޑުން މި ސީޒަން ފެށުމުގެ ކުރިން ވެސް ޓެން ހާގް މަގާމުން ވަކިކުރަން އުޅުނެވެ. އެކަމަކު، އޭރު ހެދި ރިވިއު އަކަށް ފަހު ޓެން ހާގް މަޑުކުރުވީ އެ ކްލަބުން ހޯދަން މަސައްކަތްކުރި ކޯޗުން ނުލިބުމުންނެވެ. އޭގެ ތެރޭގައި ދާދި ފަހުން، އިންގްލެންޑް ގައުމީ ޓީމާ ހަވާލުވި ކޯޗު ތޯމަސް ޓުޗެލް ވެސް ހިމެނެ އެވެ.

ޓެން ހާގްގެ ކޯޗުކަމުގައި ޔުނައިޓެޑުން މި ސީޒަން ފެށީ ވަރަށް ދަށްކޮށެވެ. މުޅި ސީޒަނުގައި ކުޅުނު 14 މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ، ހަތަރު މެޗުންނެވެ. ލީގުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ. ލީގުގެ 14 ވަނައިގައި އޮތްއިރު، ޔޫރޮޕާ ލީގުގައި އޮތީ 21 ވަނައިގަ އެވެ. އެއީ ކުޅުނު ތިން މެޗުން ވެސް އެއްވަރުވެެގެންނެވެ.

ޔުނައިޓެޑުން ޓެން ހާގް ވަކިކުރުމާ އެކު ވަގުތީ ކޯޗެއްގެ ޒިންމާ އަދާކުރާނީ ވެން ނިސްޓަލްރޫއި އެވެ. ކުރިން ޔުނައިޓެޑަށް ކުޅުނު ނިސްޓަލްރޫއި، ޓެން ހާގްގެ އެސިސްޓަންޓް ކޯޗުކަމަށް އައީ މި ސީޒަނުގަ އެވެ.

ޓެން ހާގްގެ ކޯޗުކަމުގައި ޔުނައިޓެޑްގެ ފަހު މެޗަކީ އިއްޔެ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި 2-1 އިން ޔުނައިޓެޑް ބަލިވި މެޗެެވެ.

ޔުނައިޓެޑުން ވަނީ ޓެން ހާގްގެ ކޯޗުކަމުގައި އެފްއޭ ކަޕާއި ލީގު ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ.