Advertisement

ސަޕްލިމެންޓަރީ ބަޖެޓާ އެކީ ދައުލަތުގެ ދަރަންޏަށް 21.8 ބިލިއަން ރުފިޔާ އިތުރުވާނެ: އޮޑިޓު

28 އޮކްޓޯބަރު 2024 - 10:08 0

އަމަން ހަލީމް

އަމަން ހަލީމް

ދައުލަތުގެ ބަޖެޓު ފޮތް 2024: މި އަހަރު ނިމޭއިރު ދަރަނި ހުންނާނީ ޖީޑީޕީގެ ނިސްބަތުން 117 ޕަސެންޓުގައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ސަޕްލިމެންޓަރީ ބަޖެޓާ އެކީ ދައުލަތުގެ ދަރަންޏަށް 21.8 ބިލިއަން ރުފިޔާ އިތުރުވާނެ: އޮޑިޓު

28 އޮކްޓޯބަރު 2024 - 10:08 0

ސަޕްލިމެންޓަރީ ބަޖެޓު ފައިނޭންސް ކުރަން ހުށަހަޅާފައިވާ އަދަދާ އެކީ މި އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަންޏަށް 21.8 ބިލިއަން ރުފިޔާ އިތުރުވެގެން ދާނެ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ސަޕްލިމެންޓަރީ ބަޖެޓަށް ދިން ލަފާގައިވާ ގޮތުގައި، ފާސްކުރި ބަޖެޓުގައި ފައިނޭންސިންގެ ގޮތުގައި 17.5 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓުގައި އިތުރަށް 4.3 ބިލިއަން ރުފިޔާ ހޯދަން ހިމަނާފައިވެ އެވެ. މީގެ ތެރެއިން 66.6 ޕަސެންޓަކީ ރާއްޖެއިން އަދި ބާކީ 33.3 ޕަސެންޓަކީ ބޭރުން ހޯދަން ހުށަހަޅާފައިވާ އަދަދުތަކެވެ.

ބަޖެޓަށް ފައިނޭންސް ކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރުމަން އޮޑިޓު އޮފީހުން ބުނި ގޮތުގައި މި އަހަރާއި އޭގެ ކުރީ އަހަރުތަކުގައި ފައިނޭންސްގެ ބޮޑު ބައެއް ފައިނޭންސް ކުރަން ހުށަހެޅީ ބޭރުން ނަގާ ބަޖެޓު ސަޕޯޓު ލޯނާއި ގްރީން ނުވަތަ ބުލޫ ބޮންޑު ވިއްކައިގެންނެވެ. ނަމަވެސް ފައިނޭންސް ހޯދުމުގައި އެތެރޭގެ ބާޒާރަށް، ހާއްސަކޮށް ކުރު މުއްދަތުގެ އިންސްޓްރޫމަންޓުތަކަށް ބަރޯސާވެފައިވާ މިންވަރު ބޮޑު ކަމަށް އެ އޮފީހުން ބުންޏެވެ.

އޮޑިޓު އޮފީހުން ބުނީ ބަޖެޓު ފައިނޭންސް ކުރަން އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާއިރު، ޑޮމެސްޓިކް މާކެޓުގެ ލިކުއިޓިޑީ ހުރި މިންވަރު ދެނެގަތުން މުހިންމު ކަމުގައި ދެކޭ ކަމަށެވެ. އަދި މީގެ ސަބަބުން ޕްރައިވެޓް ސެކްޓާއަށާއި އިގުތިސޯދަށް ކޮށްފާނެ އަސަރު ދެނެގަތުން މުހިންމު ކަމުގައި އެ އޮފީހުން ދިން ލަފާގައި ފާހަގަކޮށްފައި ވެ އެވެ.

އޭގެ އިތުރުން، ބޭރުން ލިބޭނެ ކަމަށް ހުށަހަޅާފައިވާ ފައިނޭންސިން އަދަދަކީ މިހާތަނަށް ސެކުއާ ކުރެވިފައިވާ ލޯނުތަކެއްކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ވެސް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.

ބަޖެޓަށް ފައިނޭންސް ކުރާ ގޮތާ މެދު އޮޑިޓު އޮފީހުގެ ދެން އޮތް ކަންބޮޑުވުމަކީ، ދައުލަތުގެ މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓަޖީގައި ފައިނޭންސް ކުރުމަށް ކަނޑައެޅުނު އަދަދަށް ވުރެ އިތުރަށް ފައިސާ ހޯދަން ޖެހޭ މައްސަލަ އެވެ. އެގޮތުން މި އަހަރު އެކަނި ވެސް އެ ސްޓްރެޓީގައިވާ އަދަދަށް ވުރެ އިތުރަށް 8.4 ބިލިއަން ރުފިޔާ ފައިނޭންސިންގެ ގޮތުގައި ހޯދަން ޖެހެ އެވެ.

މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސްޓްރެޓަޖީއަކީ ބަޖެޓު ތައްޔާރުކުރުމުގެ ކުރިން އެކުލަވާލާ ސިޔާސަތުތަކެއް ކަމަށްއިވާއިރު، ބަޖެޓާ އެއާ ދިމާ ނުވާ ނަމަ އެ އިސްތިރާޖުގައި ކަނޑައަޅާފައިވާ ފިސްކަލް އަދި ދަރަނީގެ ހިރާސްތައް ދަށްކުރުން ނުވަތަ މެނޭޖު ކުރަން ދަތިވެގެން ދާނެ ކަމަށް އޮޑިޓު އޮފީހުން ފާހަގަކޮށްފައި ވެ އެވެ.

މިދިޔަ ދެ އަހަރުގައި ވެސް ބަޖެޓު ސަޕްލިމެންޓު ކުރުމާ ގުޅިގެން، މެދު ރާސްތާއަށް ތައްޔާރުކުރާ ސްޓްރެޓެޖީގައި ކަނޑައަޅާފައިވާ އަދަދުތަކާ ބޮޑު ތަފާތެއް އުޅޭ ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ. އަދި މި އަހަރު ވެސް މި ގޮތަށް ދިމާ ވުމުން ފިސްކަލް ހިރާސްތައް ޕްލޭންކޮށްފައިވާ ގޮތަށް މެނޭޖުކުރުމަށް ހުރަސް އެޅޭނެ ކަމަށް ވެސް ލަފާގައި ވެ އެވެ.

އެހެންކަމުން ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރުމުގެ ކުރިން މި ހިރާސްތައް ކުޑަކުރަން ސަރުކާރުން ރާވާފައިވާ ގޮތެއް ބެލުން މުހިންމު ކަމަށް އޮޑިޓު އޮފީހުން ބުނެފައި ވެ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނީ ހުރީ، 124.8 ބިލިއަން ރުފިޔާގަ އެވެ. މި އަހަރު ދަރަންޏަށް އިތުރުވާ ފައިސާއާއެކީ މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ލަފާކުރެވެނީ 146.6 ބިލިއަން ރުފިޔާގަ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117 ޕަސެންޓުގަ އެވެ.