Advertisement

އޭސީސީ އާއި އީސީއަށް ރައީސަށް ބާރު ފޯރުވޭ ގޮތަށް، އެ ދެ ކޮމިޝަނުގެ ރައީސުން އައްޔަނު ކުރުމުގެ ބާރު ދެނީ

27 އޮކްޓޯބަރު 2024 - 21:36 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އޭސީސީ އާއި އީސީއަށް ރައީސަށް ބާރު ފޯރުވޭ ގޮތަށް، އެ ދެ ކޮމިޝަނުގެ ރައީސުން އައްޔަނު ކުރުމުގެ ބާރު ދެނީ

27 އޮކްޓޯބަރު 2024 - 21:36 0

ރާއްޖޭގައި މިވަގުތު އޮތް އެންމެ މުހިންމު ދެ މިނިވަން މުއައްސަސާ ކަމަށްވާ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއަށް ނުފޫޒު ފޯރުވޭ ގޮތަށް, އެ ދެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދިނުމަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ވައްދައިފި އެވެ.

މި ގާނޫނުތައް ބަދަލު ކުރަން ހުށަހެޅީ ސަރުކާރުގެ ފަރާތުންނެވެ. އީސީގެ ގާނޫނު ބަދަލުކުރުމުގެ ބިލު ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފު ހުށަހެޅުއްވިއިރު އޭސީސީގެ ގާނޫނު ބަދަލުކުރުމުގެ ބިލު ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އެވެ. މި ދެ ބިލުގެ ވެސް ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.

މިވަގުތު މި ދެ ކޮމިޝަނުގެ ރައީސް އަދި ނައިބު ވެސް އައްޔަނުކުރަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި, އޮންނަނީ މަގާމަށް އައްޔަނުކުރާ މެންބަރުންގެ މައުލޫމާތު 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް އަންގާ ގޮތަށެވެ.

އެ ދެ ގާނޫނު ވެސް ބަދަލުކުރަނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ގޮތަށެވެ. އެ މަގާމުތަކަށް އައްޔަނު ކުރާ މީހުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭނެ ކަމަށް ވެސް ދެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން މަގާމުން އިސްތިއުފާ ހުށަހަަޅަން ޖެހެނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ހުށަހަޅާފައިވާ ދެ ބިލުގައި ވެސް ބަޔާންކޮށްފައިވެ އެވެ.

އޭސީސީ އަދި އީސީގެ ރައީސްގެ މައިގަނޑު މަސްއޫލިއްޔަތުތައް

  • ކޮމިޝަންގެ ބައްދަލުވުންތައް އެޖެންޑާ ކަނޑައެޅުމާއި, ބައްދަލުވުން ބާއްވާނެ ތާރީހާއި ވަގުތު ކަނޑައެޅުން.
  • ކޮމިޝަނާއި ކޮމިޝަންގެ މެންބަރުންނާއި ކޮމިޝަންގެ މުވައްޒަފުން ސުލޫކީ ހަމަތަކަށް ތަބާވުމުގައި ނަމޫނާ ދައްކައި، ޒައާމަތު ގާއިމުކުރުން.
  • ކޮމިޝަނުގެ މަޝްވަރާގެ މަތިން ކޮމިޝަނުގެ އިދާރީ އެކިއެކި މަސައްކަތްތައް ހިންގައި ބެލެހެއްޓުމާ ގުޅޭ އުސޫލު ކަނޑައަޅައި، އެ އުސޫލާ އެއްގޮތަށް އިދާރީ ކަންކަން ހިންގަމުންދާކަން ކަށަވަރުކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން.
  • ކޮމިޝަންގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުން.
  • ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒު ކުރުން.

އެ ދެ ކޮމިޝަނުގެ ރައީސްގެ މަގާމު މަސްއޫލިއްޔަތު އަދާކުރުމަށް ނުކުޅެދިއްޖެ ހާލަތުގައި ނުވަތަ އުޒުރުވެރިވެއްޖެ ހާލަތުގައި ނުވަތަ އެ މަގާމު ހުސްވެއްޖެ ހާލަތުގައި އެ ޒިންމާތައް އަދާކުރާނީ ނައިބު ރައީސް ކަމަށް މިވަގުތު ގާނޫނު ބަޔާންކުރެ އެވެ.

މިވަގުތު ރައްޔިތުންގެ މަޖިލީހުގައި އޮތީ ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީއެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވާ ހުރިހާ ނިންމުމެއް މަޖިލީހުން ދަނީ އެމަނިކުފާނު އަންގަވާ ގޮތަށް ނިންމަމުންނެވެ. މި ގާނޫނުތައް ބަދަލުކުރުމާ އެކު ކޮމިޝަންތަކުގެ އިދާރީ ހިންގުމާއި ޖަލްސާތައް އެޖެންޑާ ކުރުމުގެ ބާރު އޮންނަ މީހުން އައްޔަނު ކުރާނީ ރައީސް މުއިއްޒު އެވެ.