27 އޮކްޓޯބަރު 2024 - 13:58 2
ހަސަން މުހައްމަދު
އިބްރާހިމް ނޫރައްދީން:
27 އޮކްޓޯބަރު 2024 - 13:58 2
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ބޯޑުން އިބްރާހިމް ނޫރައްދީން މިދިޔަ ބުރާސްފަތި ދުވަހު ވަކިކޮށް އެކަން ކުންފުނީގެ މުވައްޒަފުންނަށް އަންގައިފި އެވެ.
ނޫރައްދީން މަގާމުން ވަކި ކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ. ނޫރައްދީންއަކީ މާޗް، 2019، އިން ފެށިގެން އެމްއޭސީއެލްގެ ބޯޑުގައި އިންނަވާ ބޭފުޅެކެވެ.
އޭނާ މަގާމުން ވަކި ކުރި ސަބަބު އަދި ސާފެއް ނޫނެވެ. އެކަމާ ގުޅޭ ގޮތުން އެމްއޭސީއެލް އަދި ޕީސީބީގެ ބަހެއް މިވަގުތު ލިބޭ ގޮތެއް ނުވި އެވެ.
ނޫރައްދީން އެމްއޭސީއެލްގެ ބޯޑުން ވަކި ކުރިއިރު، މިދިޔަ ފެބްރުއަރީ މަހު މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވަނީ އެމްއޭސީއެލްގެ ބޯޑުން އިސްތިއުފާ ދެއްވައިފަ އެވެ.
އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުގައި 10 އަހަރު ހުންނެވުމަށް ފަހު އެމްޔޫ މަނިކު އިސްތިއުފާ ދެެއްވަން ނިންމެވީ، ކުންފުނިން ވަކިކޮށްފައި ތިއްބެވި ބަޔަކު އަނބުރާ ގެނައުމަށް މެނޭޖުމެންޓުން މަސައްކަތް ކުރުމާއި، އުސޫލާ ހިލާފަށް ބައެއް ކަންކަން ކުރަން މަސައްކަތް ކުރާތީ ކަމަށް، ކުރިން މި ނޫހަށް އެނގިފައިވެ އެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު އެމްއޭސީއެލްގެ ބޯޑަށް އައްޔަން ކުރުމުގެ ކުރިން 2005 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ވެސް އެއާޕޯޓު ކޮމްޕެނީގެ ބޯޑުގައި ނޫރައްދީން އިންނެވި އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން 2010 ވަނަ އަހަރާ ހަމައަށް އެ ބޯޑުގެ ޗެއާމަނަކަށް ވެސް އިންނެވި އެވެ.
އޭގެ އިތުރުން ނޫރައްދީނަކީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑުގެ ބޯޑު މެމްބަރެއް ވެސް މެ އެވެ. އެ ބޯޑުގައި އިންނަވަނީ ކާސާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުފެ ފަރާތުންނެވެ. ކާސާ ހޯލްޑިވްސްގްއަކީ މީރުފެންފުށި ރިސޯޓު ހިންގާ ކުންފުންޏެވެ. ސީގަލް ގްރޫޕްސްގެ ކުންފުނިތައް ވެސް ހިންގަނީ ކާސާގެ ދަށުންނެވެ. އަދި މޯލްޑިވްސް އިންފްލައިޓް ކެޓަރިންގެ ބޯޑުގައި ވެސް އޭނާ ހަރަކާތްތެރިވެ އެވެ.
ނޫރައްދީނަކީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ވެސް ޑިރެކްޓަރެކެވެ. ކްރައުންގެ ދަށުން ހިންގާ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބޯޑުގައި ވެސް ނޫރައްދީން އިންނަވަ އެވެ. އަދިި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ ނުވަތަ މަޓީގެ ބޯޑުގައި ވެސް ނޫރައްދީން މަސައްކަތް ކުރައްވަ އެވެ.
Comment